އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Saturday, August 28, 2010

ކީރިތި ޤުރުއާން އަންދަން އުޅޭ ފާދިރީ ޓެރީޖޯން ހައްޔަރުކޮށްފި


ލިޔުނީ : އަޙްމަދު ނިޝްވާން – މިއަދު ނޫސް - 29 އޯގަސްޓް 2010

“ބައިނަލްލަގުވާމީ ޤުރުއާން އަންދާ ދުވަސް” ގެ ނަމުގައި ކެމްޕެއިންއެއް ފަށައިފައިވާ ޑޯވް ވޮލްޑް އައުޓްރީޗް ސެންޓަރ ގެ ފާދިރީ ޓެރީޖޯން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ތަކެއް ގެންގުޅުނިކޮށް ހައްޔަރު ކޮށްފިއެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ޓެރީޖޯންވަނީ މިފޮޓޯތައް އިންޓަރނެޓްގައި އެތައްބައެއް ބޭނުންކުރާ ނެޓްވޯކުތަކެއްގައި އާންމުކޮށްފައެވެ. މީނާ މަޝްހޫރުވެފައިވަނީ އިސްލާމްދީނަށް އެކިގޮތް ގޮތުން މަލާމަތްކޮށް އުޅޭ މީހެއްގެ ގޮތުގައެވެ. އަދި މީނާ ވާނި “އިސްލާމް އަކީ އިބިލީސް” ކިޔާ ފޮތެއްވެސް ލިޔެފައެވެ. އަދި މީނާގެ ޑޯވް ވޮލްޑް އައުޓްރީޗް ސެންޓަރުގެ ފައްޅިން އިސްލާމްދީނާ ދެކޮޅަށް ލިޔެފައި ހުންނަ ޝިޢާރުތައް ޓީޝާތުތަކުގަޔާއި ކޮފީ މަގުތަކުގައި ޗާޕުކޮށްގެން ވިއްކާކަމުގައިވެއެވެ.
ޖެއިންސްވިލްގެ މުސްލިމުންގެ އިތުރުން އެހެން ދީންތަކުގެ ލީޑަރުންވެސް ވަނީ މި ހައްދުފަހަނަ އަޅާފައިވާ ކްރިސްޓިއަން ފާދިރީގެ ކެމްޕެއިންއާ ދެކޮޅުހެދުމުގެ ގޮތުން ސުލްހަވެރިކަމުގެ ބައްދަލުވުމެއް ބާއްވަން ނިންމާފައެވެ.
ޑޭން ޖޯން އޮފް ޓްރިނިޓީ ފަށްޅީގެފަރާތުން އެމީހުންގެ އެއްސައިޓްގައި ބުނެފައި ވަނީ "އަހަރުމެންނަށް ވިސްނޭގޮތުގައ ޑޯވް ވޮލްޑް އައުޓެޗް ސެންޓަރުގެ ފަރާތުން މި ހިންގަން އުޅޭހަރަކާތަކީ މުޅިން ގޯސްހަރަކާތެއް އަދި މިކަމާދެކޮޅަސް އަހަރުމެން އަޑުހުފުލަންވެސް ޖެހޭނެ...." ހައްދުފަހަނައަޅާފައިވާ އައުޓްރީޗް ސެންޓަރުގެ ފައްޅީން ހާމަކުރިގޮތުގައި ޤުރުއާން އެންދުމަށް މިކުރަންއުޅޭކަންތައްތަކަކީ ސެޕްޓެމްބަރ 11 ގެ ހަމަލާއަށް ނުވަ އަހަރު ފުރުން ފާހަގަކޮށް، އެދުވަހުގެ ހަނދާން އާކުރުމަށް ކުރަންއުޅޭކަމެކެވެ.
މިކަމާއި ގުޅިގެން ޖެއިންސްވިލްގެ ފަޔާރ ރެސްކިއުއިންވަނީ އައުޓްރީޗް ސެންޓަރަށް ފޮތް އެންދުން މަނާކޮށްފައެވެ. ނަމަވެސް، އައުޓްރީޗް ސެންޓަރުން ބުނަމުންގެންދަނީ އެމީހުން ޤުރުއާން އަންދާނޭކަމަށެވެ.
މުސްލިމު އެކި ޖަމާޢަތްތަކުން ވަނީ މި ހައްދުފަހަނައަޅާފައިވާ ޢަމަލު ކުށްވެރިކޮށްފައެވެ.

މިއަދު ނޫހުން ނަގާފައި

ރޯދައަކީ ސިއްރިއްޔާތުގައި މަސައްކަތްކުރާ ހަތިޔާރެއް


ލިޔުނީ: މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް

އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހިވަސައްލަމް ގެ ޙަދީޘްފުޅުތަކުން އަބަދުވެސް އިތުރު އައު މުޢުޖިޒާތްތައް ފެނިގެންދެއެވެ. މީގެތެރެއިން އެއްކަމަކީ ރޯދައިގައި ހިމެނިފައިވާ ސިއްރުތަކެވެ. ޢިލްމުވެރިން ފަހަކަށް އައިސް ރޯދައިގައި ހިމެނޭ ސިއްރުތައް ހާމަކޮށްފައިވެއެވެ. އިންޓަނެޓްގައިވާ ޑޮކްޓަރީ ޢިލްމާއި ބޭސްފަރުވާއާއި ބެހޭ ސައިޓްތަކުގައި ޔަޤީންކޮށްދީފައިވަނީ ވަރަށް ގިނަ ބަލިތަކަށް ފަރުވާދިނުމަށް އެންމެ ރަނަގަޅު ގޮތަކީ ރޯދަހިފުން ކަމެވެ. މީގެ އިތުރުން އެސައިޓްތަކުގައި ގޮވާލާފައިވަނީ އެންމެންވެސް މިއަގުހެޔޮ އަދި ފައިދާ ބޮޑު "ޓެކްނިކް" ގެ ބޭނުން ހިފުމަށެވެ.

މިމަތިވެރި އަޅުކަމުގެ މުހިންމުކަން ކަށަވަރުކޮށްދެއްވަމުން ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް ރޯދަ ސިފަކުރައްވަނީ "އައްޑަނައެއް" ގެ މިސާލުގައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވަނީ " الَصو مُ جُنة " ( البخا ر ى و مسلم ) މާނައަކީ "ރޯދައަކީ އައްޑަނައެކެވެ." އަލްޖުއްނަތު ގެ މާނައަކީ އިންސާނާ ނުރައްކަލުން ނުވަތަ ޢަދާވާތްތެރިއެއްގެ ކިބައިން ސަލާމަތްވުމަށް ބޭނުންކުރާ އެއްޗެކެވެ.

ޠިއްބީ މާހިރުން ވިދާޅުވަނީ އިންސާނާގެ ހަށިގަނޑުގައިވާ ސެލްތަކުގެ ދިރުން ނައްތާލާ އެންމެ ނުރައްކާތެރި އެއްޗަކީ ސެލްތަކުގެ އެތެރޭގައި ޖަމާވާ ވިހަތައްކަމުގައެވެ. މިވިހަތަކުގެ ސަބަބުން ސެލްތަކުގެ މަސައްކަތަށް ހުރަސްއެޅި، އޭގެ ޙަރަކާތްތައް މަޑުކުރުވައެވެ. މިވިހަތައް ހަށިގަނޑުން ބޭރުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމުގައިވާއިރު، ގިނަފަހަރަށް އިންސާނާ އ2ަވަހަށް މުސްކުޅިކުރުވާ އެއްޗަކީވެސް މިވިހަތަކެވެ.

ސައިންސްވެރިން ހާމަކުރައްވާ ގޮތުގައި، ނުސާފުވަޔާއި، ސާފުނޫން ކާނާއާއި، ފެނާއި، މޯބައިލް ފޯނު ފަދަ ވަޞީލަތްތަކުން އަންނަ ރޭޑިއޭޝަން ފަދަ ތަކެތިން، ގާތްގަނޑަކަށް 500 ކިއުބިކް ސެންޓިމީޓަރުގެ ވިހަ ދުވާލަކު ކޮންމެ އިންސާނެއްގެ ހަށިގަނޑުގެ ތެރޭގައި ޖަމާވެއެވެ. މިވިހަތަކުން ހަށިގަނޑަށް ގެއްލުންނުވާނޭ ގޮތް ހެދުމުގެ ވަރަށްބޮޑު ބާރެއް އިންސާނާގެ ހަށިގަނޑަށް ލިބިފައިވީ ނަމަވެސް މިވިހަތައް ވަކިވަރަކަށްވުރެ ގިނަވެއްޖެނަމަ، އިންސާނާގެ ހަށިގަނޑު ބަލިކޮށްލައެވެ. މިވިހަތައް ނައްތާލުމަށް ސައިންޓިސްޓުން ވަރަށް ގިނަ މަސައްކަތްކުރައްވާ ރިސާޗްތައް ހެއްދެވުމުންވެސް، މިމުހިންމު މަސައްކަތްކުރުމަށް ރޯދަހިފުމަށްވުރެ ރަނގަޅު ވަޞީލަތެއް ހޯދިފައެއް ނުވެއެވެ. ހަށިގަނޑުގައި ޖަމާވަމުންދާ މިވިހަތަކަކީ މަޑުމަޑުން އިންސާނާގެ ހަށިގަނޑު ހަލާކުކޮށްލާ އެއްޗެކެވެ. ރޯދަހިފުމަކީ ހަށިގަނޑުގެ ބައިތަކަށް ނުރަނގަޅު އަސަރުކުރުމެއް ނެތި، ހަށިގަނޑުން މިވިހަތައް ނައްތާލާ، ފޮރުވިގެން މަސައްކަތްކުރާ ހަތިޔާރެކެވެ.

ރޯދައިގެ ސަބަބުން ޢަޖާއިބުކުރުވަނިވި އަސަރުތަކެއް އިންސާނާގެ ހަށިގަނޑަށް ކުރެއެވެ. ހަށިގަނޑުގެ ސެލްތައް މަރާމާތުކުރުމާއި، ތަފާތު ބަލިތަކާއި ވައިރަސްތަކާއި، ބެކްޓީރިއާތައް ނައްތާލުމަށް އޮތް އެންމެ ކާމިޔާބު ވަޞީލަތަކީ ރޯދަހިފުން ކަމުގައި ޑޮކްޓަރުން ހާމަކުރައްވައެވެ. މީގެ ހެއްކަކީ ހުޅަނގުގެ ބައެއް ޤައުމުތަކުގައި ހަމައެކަނި ރޯދަހިފުން ފަރުވާއެއް ކަމަށް ބަލައި، ފަރުވާދޭ ސެންޓަރުތައް ހެދިފައިވުމެވެ. ޒަމާނީ ބޭސްފަރުވާއިން ފަސޭހަކުރެވިފައިނުވާ އެތައް ބަލަިމީހުންނެއް އެމަރުކަޒުތަކުން ފެނިގެންދެއެވެ. އަދި ރޯދަހިފަން ފެށުމުން ވަކި މުއްދަތެއްގެ ތެރޭގައި އެމީހުންގެ ބަލި ފަސޭހަވެފައިވެއެވެ. ރޯދަހިފުމަކީ ﷲ ގެ ޙަޟްރަތަށް ކުއްތަންކުރުވާ ފަރުޟެއް ކަމުގައި ލައްވާ، ގިނަގުނަ ޘަވާބު ލިބޭ އަޅުކަމެއް ކަމުގައި ލެއްވިއެވެ. ހަމަ އެހެންމެ ރޯދަ ހިފާ މީހުންނަށް ނޫނީ އެދޮރުކޮޅަކުން ނުވަދެވޭނެ، ޚާއްޞަ ދޮރުކޮޅެއް ސުވަރުގޭގައި ލެއްވިއެވެ.

ރޯދަ ހިފުމުގެ އެންމެ މުހިންމު އެއް ފައިދާ އަކީ ހަށިގަނޑު ބަލިތަކުން ދިފާޢުކޮށްދޭ "ފާރަވެރިން" ބާރުގަދަކުރުވާ، ހީވާގިކުރުވުމެވެ. އެހެންކަމުން ރޯދަ ހިފުމަކީ ހަށިގަނޑު ދިފާޢުކުރުމަށް އެހީތެރިވެދޭ ވަރަށް ރަނގަޅު އައްޑަނައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ރޯދަ ހިފުމަކީ ނަފްސާނީ އުނދަގޫތައް ލުއިކޮށްދިނުމާއި، ފަލަވުމާއި، މުސްކުޅިބައްޔާއި، ހުޅުހުޅުގައި ރިއްސުމާއި އަދި ލޭމައްޗަށް ދިއުމާ ދެކޮޅު ހަތިޔާރެކެވެ. ރޯދަ ހިފުމަކީ ސިކުނޑީގެ ސެލްތައް ހީވާގިކުރުވައި، ސިކުނޑީގެ ސެލްތައް އަލުން ޕްރޮގްރާމްކުރެވި އޭގެ މަސައްކަތާއި ކުޅަދާނަކަން އިތުރުކޮށްދޭ ކަމެކެވެ.

ރޯދައިން ފަރުވާ ލިބޭ ބަލިތަކުގެ ދިގު ލިސްޓް ދުވަހުން ދުވަހަށް އިތުރުވެ، ރޯދައިގެ އައުފައިދާތައް ސައިންސްވެރިން ދަނީ ހޯދަމުންނެވެ. ރޯދައިން ފަރުވާ ލިބޭ ބަލިތަކަށް ބަލާއިރު ރޯދަ ހިފުމަކީ ހަމަ ކުޅަދާނަ ހަތިޔާރެއް ފަދައިން ގިނަ ބަލިތަކަކަށް ފަރުވާ ލިއްބައިދޭ، އެބަލިތަކުން ހަށިގަނޑު ދިފާޢުކޮށްދޭ، އަދި އެބަލިތައް ހަށިގަނޑުން ފިލުވައިލާ ކަމެކެވެ.

އެހެންކަމުން ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް ގެ ޙަދީޘްފުޅުގައިވާ "ރޯދައަކީ އައްޑަނައެކެވެ" މި ޙަދީޘްފުޅުގެ މާނަ ވިސްނިގެންދެއެވެ. އާދެ، ރޯދަ ހިފުމަކީ ބަލިތަކުން ރައްކާތެރިކޮށްދޭ ހަތިޔާރެކެވެ. އަދި ޤިޔާމަތްދުވަހު ނަރަކައިގެ ހޫނުން ރައްކާތެރިކޮށްދޭ ހަތިޔާރެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން ބައްޔެއްޖެހި ފަސޭހަނުވެ ގިނަދުވަސްވެގެނ އެކަމުގެ އުނދަގޫއުފުލާ މީހުން ވީވަރަކުން ގިނަގިނައިން ރޯދަ ހިފުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ރޯދަ ވީއްލުމުގައި ކަދުރު ކެއުން ގިނަ ކުރުމާއި، ކީރިތި ޤުރުއާން ގިނަގިނައިން ކިޔެވުންމަތީ ދެމިހުރުމާއި، ކީރިތި ޤުރުއާން ކިޔަވާ އަޑު ކަނުލައި އެހުމަކީ ﷲ ގެ އިރާދަފުޅުން ކޮންމެ ބައްޔަކަށްވެސް ފަރުވާ ލިބޭނޭ ކަމެކެވެ.

ނޯޓް: މިލިޔުމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކޮންމެ ހުކުރު ދުވަހަކު ނެރޭ "ހިދާޔަތުގެ އަލި" ނޫހުގެ 17 ރަމަޟާން 1431 (27 އޯގަސްޓް 2010) ގެ ޢަދަދުގައި މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް ލިޔުއްވާފައިވާ ލިޔުމެކެވެ.


Friday, August 27, 2010

އަނބި މީހާއަކީ ޢާއިލާގެ 75 އިންސައްތަ : ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު


ޢާއިލާ ބިނާކުރުމުގައި އަނބި މީހާގެ ދައުރަކީ 75 އިންސައްތަ ކަމަށާއި އެހެންކަމަށްވާއިރު ޢާއިލާގެ ކަންކަން ނިންމުމުގައި އަނބިންގެ ބަސް ވިކެންޖެހޭނެކަމަށް އުރުދުންގެ ޔުނިވަރސިޓީގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ވިދާޅުވެއްޖެއެވެ.

އިސްލަމިކް މިނިސްޓްރީގެ ފަރާތުން 1431 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތަށް އިޙްޔާކޮށް ދިރުވުމުގެ ގޮތުން ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުގެ ރެއާއި ބުރާސްފަތި ދުވަހުގެ ރޭ ސިލްސިލާކޮށް ބާއްވަމުން ގެންދާ ފޯރަމުތަކުގެ ތެރެއިން ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ވާހަކަ ދައްކަވަމުން ވިދާޅުވީ އާއިލާ ބިނާ ކުރުމުގައި އަނބިންގެ ދައުރަކީ 1/2 ކަމަށް ޤަބޫލުނުކުރައްވާކަމަށާއި އޭނާ ޤަބޫލުކުރައްވަނީ އަނބިންގެ ދައުރަކީ 75 އިންސައްތަ ކަމަށެވެ.

މިފޯރަމުގައި "ޢާއިލައަށް ކުރެވޭ އަނިޔާތަކާއި އޭގެ އަސަރު" މި މައިގަނޑު މައުޟޫޢަށް ވާހަކަ ދައްކަވަމުން ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި އާއިލީ މައްސަލަތައް ފުނިޖެހެމުންދާކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް އެފަދަ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ.

މިކަމުގެ ސަބަބެއްކަމަށް ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނުގައި އަނބިންނާއި ފިރިންގެ ހައްޤުތައް ބަޔާންވެގެންވާގޮތުގެ މައުލުމާތު ދެ ފަރާތަށް ވެސް އޮޅުން ނުފިލުން ކަމަށެވެ.

ޢާއިލާގެ ވެށީގައި ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ނުލިބުމަކީ މިއަދު މުޖުތަމަޢުއަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ އެންމެ ބޮޑު ސަބަބު ކަމަށްވެސް ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ވިދާޅުވިއެވެ. އަދި މިއަދު މުޖުތަމައު ގޯސްވަމުން އަންނަނީ އާއިލީ ވެށި ގޯސްވުމުންކަމަށްވެސް ވިދާޅުވިއެވެ.

އަނބިންނަށް ހެޔޮކޮށް ހިތުމުގެ މުހިއްމުކަން ބަޔާންކޮށްދެއްވައި ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ޙަދީޘްފުޅުތަކުން ހެކި ދައްކަވަމުން ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ވިދާޅުވީ އެންމެ ހެޔޮ މީހާ އަކީ އެމީހާގެ އަނބިންނަށް ހެޔޮ މީހާކަމަށް ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް ހަދީޘްފުޅު ކުރައްވާފައިވާކަމަށެވެ. އަދި އަނބިންނާއިމެދު ހަރުކަށިކޮށް ކަންކަން ނުކުރުމަށް ބާރުއަޅުއްވަމުން ވިދާޅުވީ އަނބިންނާއިމެދު ހަރުކަށިކޮށް ކަންކަން ކުރާ މީހާއަކީ އެންމެ ނުރަނގަޅު މީހާ ކަމަށެވެ.

ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ދެއްވި ދަރުސްގައި އެންމެ ބޮޑަށް ފާހަގަކުރެއްވި އެއްކަމަކީ ޢާއިލާތެރޭގައި، ދެމަފިރިންގެ މެދުގައި މައްސަލަތައް ކުރިމަތިވުމުން އެކަންކަން ބޮޑުކޮށްގެން އެކަކު އަނެކާގެ ބޮލުގައި އިލްޒާމް އަޅުވައި އެކަންކަން ބޮޑުކުރުމަށް މަސައްކަތް ކުރުމުން ކުރިމަތިމަތިވަމުންދާ މައްސަލަތަކެވެ.

ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ވިދާޅުވީ ކޮންމެ ބައެއްގެ މެދުގައިވެސް މައްސަލަތައް ކުރިމަތިވާނެކަމަށާއި އެންމެ ފައިދާ ހުރި ގޮތަކީ ކަމެއް ދިމާވުމުން އެކަމަށް ޞުލްހަވެރި ހައްލެއް ހޯދަން މަސައްކަތްކުރުން ކަމަށެވެ.

އަދި އާއިލާގެ ކަންކަމުގާ ދެމަފިރިންނަކީވެސް މަސްއޫލިއްޔަތު އުފުލަންޖެހޭ ޒިންމާދާރު ބައެއްކަން ހާމަކުރައްވަމުން ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތް ވިދާޅުވީ އެއްވެސް ހާލެއްގައި އެކެއް އަނެކާގެ ކިބައިގާ ޒިންމާ އަޅުވައިގެން އެކެއް އަނެކާގެ ކުށްތައް ދައްކަން މަސައްކަތްކުރުމަކީ ރަނގަޅުގޮތް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ދެމީހުންނަކީވެސް އެއްވަރަށް މަސްއޫލިއްޔަތު އަދާކުރަންޖެހޭ ބަޔަކުކަމަށް ޤަބޫލުކޮށްގެން މައްސަލަތައް ޢާއިލީ ޒިންމާތައް އުފުލަން މަސައްކަތްކުރުމަށް ވެސް ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު އިލްތިމާސް ކުރެއްވިއެވެ.

ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތަކީ ޖިއްދާގައި ހުންނަ ކިންގ ޢަބްދުލްޢަޒީޒް ޔުނިވަރސިޓީއިން ފެކަލްޓީ އޮފް ޝަރީޢާ އަދި އެޑިއުކޭޝަންގެ ދާއިރާއިން ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. މާސްޓަރސް ހައްދަވާފައިވަނީ 1978 ގައި ކޮމްޕަރޭޓިވް ފިޤުހުއިން މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިންނެވެ. އަދި ޕީ.އެޗް.ޑީ ޙާސިލްކޮށްފައިވަނީ ހަމަ އެދާއިރާއިންނެވެ. މީގެ އިތުރުން އުރުދުންގެ ޤާޟީ ކަމުގެ ސެޓްފިކެޓް 2005 ގައި ނަންގަވައިފައިވެއެވެ.

ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ޢިލްމީ ގޮތުންކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި 1985 ން ފެށިގެން ތަފާތު ދާއިރާތަކުގައި ލެކްޗަރ ދެއްވުމަށް ފައްޓަވާފައިވެއެވެ. 1985 ން 1990 އަށް އުރުދުންގެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާގެ ޑެޕިއުޓީ ޑީންކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން ފެކަލްޓީ އޮފް ޝަރީޢާގެ ފިޤުހާއި ބެހޭ ޑިޕާޓްމަންޓްގެ ރައީސެއްގެ މަޤާމް 1994 ން 1995 އަށް ކުރައްވާފައިވެއެވެ.

ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ޝަރީޢާއާއި، ފިޤުހުގެ ދާއިރާއިން ގިނަގުނަ ފޮތްތަކެއް ލިޔުއްވާފައިވެއެވެ. އަދި އިންޓަރނޭޝަނަލް އެޑިއުކޭޝަނަލް އެކަޑަމީތަކުގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

ރޭ ބޭއްވި "އިޙްޔާ ފޯރަމް-5" ގައި ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ގެ ތަޤްރީރަށްފަހު ފޯރަމްގައި ބައިވެރިވި ބޭފުޅުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދިނުން އޮތެވެ. ސުވާލުތަކަށް ޖަވާބުދެއްވީ ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު އާއި، ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އާއި، އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި، އައްޝައިޚް ފައްޔާޒް ޢަލިމަނިކް އަދި އައްޝައިޚް ޢަލީ ޒާހިރު ބިން ޢަބްދުލް މަންނާން އެވެ.

= މަަޢުލޫމާތު: މިއަދު ނޫސް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް =

Friday, August 20, 2010

ލޮބުވެތި މުސްލިމުންނޭވެ. ތިގޮތުގައި ހިފަހައްޓާލާށެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް އަޅުގަނޑުމެން ވޭތުކުރަމުން ދާއިރު ދިވެހިރާއްޖޭގެ މުޖުތަމަޢުން އަޅުގަނޑުމެންގެ ހިތްތަކަށް ފިނިކަން ލިބޭ ފަދަ މަންޒަރުތަކެއް ފެންނަމުންދާ ކަމަކީ އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އަޅުގަނޑުމެންނަށް ގިނަ ފަހަރު ވާހަކަ ދެކެވެނީ މުޖުތަމަޢުން ފެންނަ ނުރަނގަޅު ކަންތަކާއި ބެހޭ ގޮތުންނެވެ. ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި ހިނގާ ވިޔާނުދާ ގޯސް ކަންތައްތައް ހުއްޓުވަން ތަފާތު ފެންވަރުގައި އެބަޔަކަށް ކުޅަދާނަވީވަރަކުން މަސައްކަތް ކުރަންޖެހޭނެއެވެ. ހަމަމިއާއެކު ރަނގަޅު ކަންތައްތައް ފާހަގަކޮށް އެފަދަ ކަންތައްތަކަށް އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެ، ހިތްވަރުދީ އެކަމުގެ މަތީގައި ސާބިތުވެތިބުމަށް ނަޞޭހަތްތެރިވާ ބައެއްކަމުގައިވެސް އަޅުގަނޑުމެން ވާންޖެހޭނެއެވެ.

ކައިރި މާޟީގައި ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު މިއަހަރުގެ ރަމަޟާންމަހު ދީނީ ކަންތައްތަކަށް ރާއްޖޭގެ ލޮބުވެތި މުސްލިމުން ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ޖަމާޢަތުގައި ނަމާދުކުރުމަށް ސަމާލުކަންދޭ މީސްތަކުން ވަނީ ކުރީ އަހަރުތަކާއި ބަލާއިރު ގިނަވެފައެވެ. ޚާއްޞަކޮށް ފަތިސް ނަމާދުގެ ޖަމާޢަތަށް ހާޟިރުވާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން ގިނަ މިސްކިތްތައް ފުރިގެން މިސްކިތުގެ ބޭރުގައި ނަމާދުކުރަންޖެހޭ ކަމަކީ މިކަމުގެ ހެއްކެކެވެ. މީގެ އިތުރުން ތަރާވީހު ނަމާދަށް އަހަންމިއްޔަތުކަންދޭ އަޚުންނާއި އުޚުތުންގެ ޢަދަދުވެސް ވަނީ ގިނަވެފައެވެ. އަދި ދީނީ ދަރުސްތަކާއި ޛިކުރުގެ މަޖިލީސްތަކުގައި ބައިވެރިވާ ފަރުދުންގެ ޢަދަދު ގިނަކަންވެސް ފާހަގަކޮށްލެވެއެވެ. ކީރިތި ޤުރުއާން ކިޔެވުމާއި މިފަދަ ހެޔޮކަންތައްތަކުގައި މަޝްޢޫލުވެގެން އުޅޭ މީހުން އިތުރުވެފައިވެއެވެ.

މުޖުތަމަޢުން މިއަދު ފެންނަމުންދާ މިފަދަ ރަނގަޅު އަސަރުތަކަކީ މާތް ﷲ ގެ ރަޙްމަތްފުޅާއެކު ވަރަށް ގިނަ ބަޔަކު މުޖުތަމަޢުގެ ލާބައާއި އިޞްލާހަށްޓަކައި، އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުމުގެ ހެޔޮ ނަތީޖާއެވެ. މިގޮތުން ދީނީ ޢިލްމުވެރިންނާއި، ސަރުކާރުގެ މުޢައްސަސާތަކާއި، މަދަރުސާތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އެކި އަފުރާދުން ކުރަމުންދާ މަސައްކަތްތައް އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ހެޔޮހިތުން ބަލައިގަންނަންޖެހެއެވެ.
ހަމަމިއާއެކު އަޅުގަނޑުމެން ހަނަދާން ނައްތާލައިގެންނުވާނެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ، ރަޙްމަތުން ފައްސާލެވިގެންވާ ޝައިޠާނާ އަޅުގަނޑުމެންނަށް އެކި ފަރާތްފަރާތުން އެކިގޮތްގޮތަށް ދީނުގައި ސާބިތުވުމަށް ހުރަސް އަޅަމުންދާނެ ކަމެވެ. އަދި މީސްތަކުންގެ ތެރެއިން ޝައިޠާނާ އަށް ހެއްލި އޭނާއަށް ވާގިވެރިވެ، އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްކުރަމުންދާ ފަރާތްތަކުގެ މަސައްކަތްތައް ވަރަށް ބާރަށް މުސްލިމުންނަށް ދީނަށް ޢަމަލުކުރުމަށް އެކި ސިފަސިފައިގައި، ތަފާތު ވައްތަރުގެ ދަތިތަކާއި އުނދަގޫތައް މެދުވެރިކުރަމުންދާނެކަމެވެ. މުސްލިމުންނަށް ނޭނގޭފަދަ ގޮތްގޮތުގައެވެ. އިސްލާމް ދީނުގެ ޙަޤީޤަތް އޮޅުވާލުމަށް ކެނޑިނޭޅި މިދީނުގެ ޢަދާވާތްތެރިން ދަނީ މަސައްކަތްކުރަމުންނެވެ. މިފަދަ ކަންކަމާއިމެދު އަޅުގަނޑުމެން އަބަދުވެސް ރަނގަޅަށް ސަމާލުވެ، ހޭއަރާ ތިބެން ދަސްކުރަންވާނެއެވެ. ޝައިޠާނާ އާއި އޭނަގެ ބައިވެރިންނާއި ވަރުގަދަ އަށް ޖިހާދުކުރަން ދަންނަ ބައެއް ކަމުގައި ވާން އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭނެއެވެ. ޝައްކެއްނެތް ގޮތުގައި މިކަންކުރެވެން އޮތީ އަޅުގަނޑުމެންގެ އިސްލާމީ އަޤީދާ ވަރުގަދަކުރެވިގެންނެވެ.

ލޮބުވެތި މުސްލިމުންނޭވެ. އިސްލާމްދީނުގެ އަޤީދާ ވަރުގަދަ ކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭނެއެވެ. އިސްލާމްދީނުގެ ކަންތައްތައް އުނގެނި ދިރާސާ ކުރާބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެއެވެ. ފުރަތަމަ ތައުހީދުގެ ޢިލްމު އުނގެނުމަށް ސަމާލުކަން ދޭށެވެ. އިސްލާމް ދީނަށް ފުރިހަމަ އަށް އެކީއެކައްޗަކަށް ވަންނާށެވެ. ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ސުންނަތަށް ފުރިހަމަ އަށް ޢަމަލުކުރާ ބަޔަކަށް ވާށެވެ. ޢާއިލީ ގުޅުންތައް ބަދަހިކުރާށެވެ. އެއްބަޔަކު އަނެއްބަޔަކަށް ހެޔޮއެދޭށެވެ. ހިތްސާފުކުރާށެވެ. ހަސަދަވެރިކަމުގެ ނުބައި ސިފައިން ދުރުހެލިވާށެވެ. މުޖުތަމަޢުގައި ފިތުނަ އުފެދޭ ފަދަ އެއްވެސް ކަމެއް ނުކުރާށެވެ. އެއްބައިވަންތަވެ، އެކުވެރިވާށެވެ. އިންސާފަށް ލޯބިކުރާށެވެ.

ލޮބުވެތި މުސްލިމުންނޭވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ވޭތުވަމުން ނުހަނު ހަލުއިކަމާއެކު އެބަދެއެވެ. ފުރަތަމަ 10 ދުވަސް ފާހިތުވެގެން މިއޮތް ދަނީއެވެ. މެދު 10 އާއި ބައްދަލުކުރަނީއެވެ. އެއަށްފަހު ބައްދަލުކުރާނީ ފަހު 10 އާއެވެ. އެއަށްފަހު އަޅުގަނޑުމެންނާއި މި ޘަވާބާއި ދަރުމައިން ފުރިފައިވާ މައްސަރު އަލްވަދާޢުކިޔާނެއެވެ. މިދުވަހާއި ހަމައަށް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ދުނިޔޭގައި ދިރިހުންނާނެ ކަމެއް ހަމަ އެކަކަށްވެސް ނޭނގެއެވެ. ވީމާ، ވިސްނާށެވެ. އިސްލާމްދީނުގެ ސީދާމަގުގައި ސާބިތުކުރެއްވުން އެދި ގިނަގިނައިން ﷲ ގެ ހަޟުރަތުގައި ދުޢާ ދަންނަވާށެވެ. ނަމާދުކުރުން ދޫނުކޮށްލާށެވެ. ޚާއްޞަކޮށް ފަތިސް ނަމާދަށް ފަރުވާކުޑަނުކުރުމަށް އަޒުމް ކަނޑައަޅާށެވެ. ކީރިތި ޤުރުއާން ކިޔެވުމާއި، ދީނީ ދަރުސްތަކާއި ޛިކުރުގެ މަޖިލީސްތަކަށް ޙާޟިރުވުމާއި، މިފަދަ ހިތްތަކަށް ހިތްހަމަޖެހުމާއި ފިނިކަން ލިބޭ، އީމާންތެރިކަން ވަރުގަދަވާ ކަންތައްތަކަށް ވަގުތުދޭށެވެ.

ފާޙިޝް ކަންތައްތަކާއި މުންކަރާތްތަކުން ދުރުހެލިވާށެވެ. ޙަރާމް މިއުޒިކް އަޑުއެހުމާއި، ފާޙިޝް މަންޒަރުތައް ބެލުމުން މަނާވެގަންނާށެވެ. ރޭޑިޔޯ އާއި ޓީ.ވީ ޗެނަލްތަކުން ފޮނުވާ ތަފާތު ޑްރާމާތަކާއި، ބޭކާރު ޕްރޮގްރާމްތަކުގެ އަވާގައި ޖެހި އަގުހުރި ވަގުތުތައް ނަގާނުލާށެވެ.
ލޮބުވެތި މުސްލިމުންނޭވެ. ރަމަޟާން މަހުގައި އެކަނި ނަމާދުތަކަށް ފަރުވާބަހައްޓާ ބަޔަކަށް ނުވާށެވެ. ރަމަޟާން މަސް ނިމި ޢީދު ނަމާދަށްފަހު، ރަސްމީކޮށް ކުރިން މިސްކިތްތަކުގެ ޖަމާޢަތަށް ހާޟިރުވަމުންދިޔަ މީހުންނާއި މިސްކިތް ޙަވާލުކޮށް މިސްކިތަށް އަލްވަދާޢުކިޔާ ބަޔަކަށް ނުވާށެވެ.
ރަމަޟާންމަހުގެ ރޯދައިގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަ ބޔަކަށް ވާށެވެ. ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވި ޙިކުމަތަކީ އަޅުތަކުން އެއްކައުވަންތަ ﷲ އަށް ތަޤުވާވެރިވުމެވެ. އަމުރުތަކަށް ކިޔަމަންވެ، ނަހީތަކުން ދުރުވެ، ﷲގެ ކޯފާއާއި ތިމާއާއި ދެމެދު ހުރަހެއް ހަދާލުމެވެ. މިކަން ޓެސްޓްކޮށްލެވޭނެ ގޮތެއް ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވަނީ ރަމަޟާންމަސް ނިމުމަށްފަހުގައިވެސް، ހެޔޮކަންތައް ކުރުންމަތީ ދެމި ހުރެވޭ ނަމަ، އެއީ އޭނާގެ ރޯދަ ﷲ ޤަބޫލު ކުރެއްވި ކަމުގެ ޢަލާމާތެއް ކަމަށެވެ. އެއާ ޚިލާފަށް އެ މައްސަރު ނިމި ދިޔުމަށްފަހު އަޅުކަމާއި ދުރަށް ދެވޭ ނަމަ އެއީ އޭނާގެ ރޯދަ ﷲ ޤަބޫލު ނުކުރައްވާ ކަމުގެ ޢަލާމާތެއް ކަމުގައެވެ. ރަމަޟާން މަހެއް ނިމިގެން ދާއިރު އެމީހެއްގެ ފާފަ ފޮހެވިގެން ނުދިޔަ މީހާ އަށް ހަލާކުހުރިކަމަށް އުޑުގެ އަމީން ޖިބްރީލްގެފާނު ބަދުދުޢާކުރެއްވުމުން، ބިމުގެ އަމީން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ވަނީ އާމީން ވިދާޅުވެފައެވެ.

މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ރަމަޟާންމަހުގެ ދަރުމަ އާއި ޘަވާބު ފުރިހަމައަށް ޙާޞިލްކުރުމުގެ ހެޔޮ ތައުފީޤް ދެއްވާށިއެވެ. ލައިލަތުލް ޤަދުރިވިލޭރޭގެ ހެޔޮކަން މިންވަރުކުރައްވާށިއެވެ. އާމީން

http://www.raajjeislam.com/index.php?page=aammu&file=3199.

Saturday, August 7, 2010

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާހެފުން ބޭއްވުން؟


ޞުލްޙަމަސަލަސް

"މާހެފުން ބޭއްވުމުގައި ޝަރުޢީ ގޮތުން މައްސަލައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. އެހެނީ ޝަރުޢީ ސިފައިގައި ބިދުޢަ އަކަށް ނުވަތަ މަނާ ވެގެންވާ ކަމަކަށް ވަނީ ތިމާ ކުރާ ކަންތަކުގައި 03 ކަމެއް ހަމަވުމުންނެވެ. އެއީ ވަކި ވަގުތެއްގައި ކަމެއް ކަނޑައެޅިއްޖެނަމަ އެކަން ވާން ޖެހޭނީ ﷲ ޞުބްހާނަހޫވަތައާލާ ނުވަތަ އެކަލާނގެ ރަސޫލާ ކަނޑައަޅުއްވާފައިވާ ވަގުތުގެ ތެރޭގައި އޮންނަ ކަމަކަށެވެ. ނުވަތަ ވަކި ޒިކުރެއް، ވަކި ދުޢާއެއް އެކަމުގައި ކުރާކަމެއް ކަމުގައި ވާނަމަ އެއީވެސް އަޅުކަމެކެވެ. ހަމައެފަދައިން، ކޮންމެ އަހަރަކު 01 ދުވަސް ފާހަގަކުރުން ކަމުގައިވާނަމަ، އެއީވެސް މަނާވެގެންވާ ކަމެކެވެ. މިފަދަ އެއްވެސް ކަމެއް މާހެފުމުގައި ފެނިގެން ނުދާ ހިނދު، އަންހެނުންނާއި ފިރިހެނުން އެއްވެ ފާޙިޝް ޢަމަލުތައް ނުކުރާކަމުގައިވާނަމަ، އެއީ މުޢާމަލާތުގެ ތެރެއިން ހިމެނޭ، އާދަކާދައިގެ ގޮތުގައި މީސްތަކުން ކޮށްއުޅޭކަމެއް ކަމުގައި އަޅުގަނޑަށް ބުރަވެވެއެވެ. އެހެންވީމާ، އެކަމުގައި ފާޙިޝް އެއްވެސް ޢަމަލެއް، އަންހެނުންނާއި ފިރިހެނުން އެއްވެ، ދެބައިމީހުންގެ މެދުގައި މަސްހުނިވުން އުފެދި އެކަހަލަ ފާޙިޝް ކަމަކަށް އޭގެއިން މަގުނުދައްކާ ކަމުގައިވާނަމަ، އެއީ މައްސަލައެއް އޮތްކަމެއް ކަމުގައި ނުދެކެމެވެ."

ނޯޓް: މަތީގައިވަނީ ޖަމްޢިއްޔަތުއް ސަލަފް އާއި ސަން އެފް.އެމް ގުޅިގެން ކޮންމެ ހުކުރުދުވަހެއްގެ ރޭ 21:30 ން 22:55 ށް ސަން އެފް.އެމް އިން ބްރޯޑްކާސްޓްކުރާ "ޢިލްމީ ޚަޒާނާ" ގެ 72 ވަނަ ޕްރޮގްރާމްގައި 2010 އޯގަސްޓް 06 ވަނަ ދުވަހުގެ ރޭ އެހުންތެރިއަކު ކުރެއްވި ސުވާލަކަށް އައްޝައިޙް ޙަސަން މޫސާ ފިކުރީ ދެއްވާފައިވާ ޖަވާބެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި މާހެފުންތައް ބާއްވާއިރު އިސްލާމްދީނުގައި ޙަރާމް ކަންތައްތައް މިކަމުގައިވެސް ކުރެވޭތަން ފެންނަމުން ދާކަމަކީ އިންތިހާއަށް ހިތާމަ ހުރިކަމެކެވެ. މިގޮތުން އިސްރާފުކުރުމާއި، ކަންދެއްކުމާއި، ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނިވުމާއި، ޙަރާމް މިއުޒިކާއި ލަވަޔާއި، ނެށުމާއި މިފަދަ ފާޙިޝް ކަންތައްތައް ފެންނަމުންދެއެވެ. ލައިވް މިއުޒިކާއި، ނެށުމަކީ މިފަދަ ކޮންމެ ޙަފްލާއެއްގައި އޮންނަންޖެހޭ ހަރަކާތެއް ކަމުގައި ބައެއް މީހުން ދެކެއެވެ. މާހެފުން ބޭއްވުމަށްޓަކައި ރަށްރަށަށް ދަތުރު ގޮސް ކުޅިވަރާއި މަޖަލުގައި ﷲ އަށް އުރެދޭ ހާލުގައި ރަމަޟާން މަހަށް މަރުޚަބާ ކިޔާ މީހުންވެސް މަދެއްނޫނެވެ. މިފަދަ މާހެފުންތައް ނިމޭއިރު ހަފާލަނީ މާއެކަންޏެއް ނޫނެވެ. ޢިއްފަތާއި، ޢިއްޒަތްވެސް އޮންނަނީ ހަފާލާފައެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.

ވީމާ، ބަރަކާތްތެރި ރަމަޟާން މަހަށް މަރުޚަބާ ކިޔުމުގެ މިފަދަ ހަފްލާތައް ބާއްވާއިރުވެސް ﷲ އަށް ބިރުވެތިވެ، ﷲ ނަހީކުރެއްވި އެންމެހާ ޢަމަލުތަކުން ދުރުހެލިވާށެވެ. ތިމާމެންގެ ނަފްސުތައް ފާފަތަކުން ޠާހިރުކޮށް ﷲ ގެ ޙަޟުރަތަށް ތަޢުބާވެ ރުޖޫޢަވެގެންވާ ހާލުގައި ރަމަޟާން މަހާއި ބައްދަލުކުރުމަށް އަޒުމް ކަނޑައަޅާށެވެ. ﷲ އަޅުގަނޑުމެން އެންމެންނަށް އިސްލާމްދީނުގެ ހެޔޮވިސްނުމާއި، ހިދާޔަތާއި ތައުފީޤް ދެއްވާށިއެވެ. އާމީން

http://raajjeislam.com/index.php?page=aammu&file=3154

.