އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Wednesday, November 10, 2010

ޑިމޮކްރަސީ: ދިވެހިންގެ އާ ދީންބާ؟


ޑިމޮކްރަސީ: ދިވެހިންގެ އާ ދީންބާ؟

ލިޔުނީ : އަލްއަޚް ޢަބްދުﷲ ޝާކިރު މުޙައްމަދު

ދީނަކީ ދިރިއުޅުމުގެ މަންހަޖެވެ. އަގީދާއާއި ތިމާ ޤަބޫލުކުރާ ކަންތައްތަކާއި ތިމާގެ ފިކުރު ބައްޓަންކުރާ ސަމުގާއެވެ. ކުރުގޮތަކަށް ބުނާނަމަ ދީނަކީ ދިރިއުޅުމުގެ އުޞޫލެވެ. އަސާސެވެ. ދީނަކަށް ތަބާވުމަކީ ކޮންމެ އިންސާނެއްގެ ތަބީޢަތުގައިވެސް ލައްވާފައިވާ ސިފައެކެވެ. އެގޮތުން ބައެއް މީހުން އެބައިމީހުން ޚަލްޤު ކުރެއްވި ﷲ سبحانه وتعالى ބާއްވާލެއްވި ހައްޤުދީނުގެ މަތީގައި ދިރިއުޅުމުގެ އަސާސްތައް ބިނާކުރެވޭތޯ މަސައްކަތްކުރާއިރު އަނެއްބަޔަކު ހިފާފައިވަނީ އިސްވެދިޔަ އުންމަތްތަކުގެ މައްޗަށް ބާއްވާލެއްވުނު އަޤީދާތަކުގެ ތެރެއިން މަންސޫޙްކުރެވި އަދި އެ އަޤީދާތަކުގެ އަސްލު އޮޅިފައިވާ ދީންތަކަކަށް ތަބާވުމުގައެވެ. އަނެއްބަޔަކު އެބައިމީހުންގެ އަމިއްލަ އަތުން ކޮށާމަށާ ޒީނަތްތެރިކޮށްފައިވާ ތަކެއްޗަށާއި މާތް ﷲ ޚަލްޤުކުރެއްވި މަޚްލޫޤުންނާއި އިންސާނުންގެ ފިކުރުން އުފައްދާފައިވާ ތަފާތު ދެކޮޅުނުޖެހޭ ފިލޯސަފީތަކަށް ތަބާވެ އެއަށް އަޅުކަންކުރުމުގައިވަނީ ކުރިއަރާ ގޮސްފައެވެ. އަދި އަނެއްބަޔަކު ދީނެއް ޤަބޫލުނުކުރާކަމުގެ ދަޢުވާކުރަމުން ދާހިނދުމެ ވަނީ މާއްދިއްޔަތުގެ އަޅުންނަށްވެނިމިފައެވެ.
މިއަދު އަޅުގަނޑުމެންގެ މި ސައްތައިންސައްތަ މުސްލިމުންކަމަށް ދަޢުވާކުރާ އަދި މި ދީބުގެ ދެމި އޮތުމަކީ އަދި އެއްބައިވަންތަކަމުގެ އަސްލަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ދަޢުވާކުރާ މި ދިވެހި މުޖުތަމައުގައިވެސް އިސްވެދެންނެވުނު ދިރިއުޅުމުގެ ހުރިހާ މަންހަޖުތަކެއްގެ ކުލަތައްދަނީ ފާޅުވެ ފެންނަމުންނެވެ. ތަހުޒީބާއި ތަމައްދުންގެ އަސާސަކީ ޔޫރަޕާއި އެމެރިކާ ކަމުގައި މިއަދުގެ ޒުވާންޖީލުވަނީ ލޮލުންބޮލުން ބަލައިގެންފައެވެ. މިކަމުގެ ސަބަބުތައް ބައިވަރެވެ. ހުޅަނގުގެ ފިކުރީ ހަނގުރާމަ ހައްޤުގެ މަގުގައި ސާބިތުވުމަށް މަސައްކަތްކުރާ ކޮންމެ ފަރުދެއްގެ ސިކުނޑިއަށް ފޮނުވާލާ ހަމަލާތައް އެޤައުމުތަކުގެ ޒުވާނުންނަށް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ ހުޅަނގުގައި ތަމްރީންކުރެވި އެމީހުންގެ ފިލޯސަފީތަކުން ސިކުނޑި ރޯފިލުވާފައިވާ ސިޔާސީ ލީޑަރުންނެވެ.
ދުނިޔޭގެ ނަންކިޔާ ނުވަތަ މަޝްހޫރު ގިނަ ދީންތަކަކީ އެ ދީންތަކެއްގެ ނަން އިވުމުން އަދިވެސް ދިވެހިންގެ ގިނަބަޔަކު އެ ދީންތަކަށް ފާޅުގައި އިންކާރުކުރާނޭ ދީންތަކެއްކަން މިބައިމީހުންދަނެއެވެ. ހަޤީޤީ މުސްލިމަކު، ނުވަތަ އެބައިމީހުންގެ ބަހުންނަމަ އުފަން މުސްލިމަކު އެހެން ދީނަކަށް އަނބުރާލުމަކީ ލައްކަ ބުރަމަސައްކަތެވެ. ނަމަވެސް މަކަރާ ހީލަތުން، އެހެންމީހުން އެކަންކުރުމުން މަނާކުރާހާލު އެބައިމީހުން އަމިއްލަޔަށް ފަނާކުރަނިވި ކެމިކަލް ހަތިޔާރު އުފައްދަމުންދާ ޔަހޫދީންނާއި ނަޞާރާއިންވަނީ ސިކުނޑިތަކަށް ވިހަލާ ފިކުރީ ކެމިކަލް ހަތިޔާރުވެސް އުފައްދާފައެވެ. އެމީހުންގެ މިހަތިޔާރަށް ދީފައިވާ ނަމަކީ ޑިމޮކްރަސީއެވެ.
ކުރިން ދެންނެވުނުފަދައިން ދުނިޔޭގެ މަޝްހޫރު ގިނަ ދީންތަކަކީ ދިވެހިންވެސް ދަންނަ އަދި އެ ދީންތަކަށް މުސްލިމެއްގެ ހައިސިއްޔަތުން ދިވެހިން ނަފްރަތުކުރާ ދީންތަކެކެވެ. ނަތީޖާއެއްގެގޮތުން ހުޅަނގުން އުފައްދާފައިވާ މި ހަތިޔާރަކީ އާނަމެއްކިޔާ ދިރިއުޅުމުގެ މަންހަޖެކެވެ. ނުވަތަ ދީނެކެވެ.
މިއަދު އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ޑިމޮކްރަޓިކް ވެއްޓެއް ޚާއްޞިލްކޮށްފައިވާހިނދު އެ ޑިމޮކްރަސީގެ ހަޤީޤަތަކީ ކޮބައިކަމާމެދު ވިސްނާލީ ކިތައް ފަރުދުންތޯއެވެ؟ ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ އަޤްލަބިއްޔަތައް ތަބާވުމެވެ. ޑިމޮކްރަސީއެއްގައި ތިބާ އާއި މުޅި ކާއިނާތު ޚަލްޤުކުރައްވާ ބަލަހައްޓަވާ ރައްބުގެ ބަސްފުޅުތަކުގެ މައްޗަށް ވެސް އަޤްލަބިއްޔަތު ބަސްކިޔައެވެ. އެ މަތިވެރި އިލާޙްގެ އަމުރުފުޅުތަކަށް އެބައިމީހުންގެ އުޞޫލުތަކުގެ ދަށުން އެންމެ ވޯޓެއްވެސް ލިބުމުގެ ހައްޤެއްނެތްފަދައެވެ. ހަތްވަނަ އުޑުގެ މަތިން އެ އިލާހު ބާއްވާލެއްވި ޤާނޫނުގެ މައްޗަށް ޔަހޫދީންނާއި، ނަޞާރާއިންނާއި އެބައިމީހުންގެ ފިކުރުގެ ދަށުން ތަމްރީންލިބޭ މާއްދިއްޔަތުގެ އަޅުވެރިންގެ ބަސް އެ ދީނުގައި މާ މަތިވެރިވެފައި އެއަށް ތަބާވުން ވާޖިބުވެގެންވެއެވެ. އެބައިމީހުން އެ ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. ރައްބެއް ރަސޫލެއް ބެލުމެއްނެތި ހައްޤެއް ބާޠިލެއް ނޭންގޭ ހާލުގައިވެސް މެއެވެ.
މިއަދު އަޅުގަނޑުމެންގެ މި ދިވެހި ދީބުގައި ހަލުވިކަމާއެކު މިދީން މިދަނީ ފަތުރަމުންނެވެ. އަދި އަޅުގަނޑުމެންގެ ޒުވާނުންގެ ގިނަބަޔަކު މިދަނީ އެދީނުގެ އަޅުވެރިންކަމުގައިވެ ހައްޤުގެ ދީން ދޫކުރަމުންނެވެ. ޑިމޮކްރަސީގެ ވާހަކަ މިބީދައިން ދެއްކުމުން އަޅުގަނޑުމެންގެ ތެރެއިން މިދީނުގެ އަޤީދާގެ މަތީގައިތިބި ގިނަބަޔަކު އަޅުގަނޑަށް މަލާމާތްކޮށް ހުނުމަކީ ނުވެނުދާނޭކަމެކެވެ. ޝައްކެތްނެތްގޮތުގައި އެއްވެސް ދީނެއް ޤަބޫލުނުކުރާ އެތީސްޓުން ފަދައިން އެބައިމީހުންވެސް ހީކުރަނީ އެބައިމީހުން މިހާރު ތަބާވެގެން މިއުޅޭ މަންހަޖަކީ ދީނެއް ނޫންކަމުގައެވެ. އެކަމަކު އެއިން މީހެއްގެ ގާތު ދީނަކީ ކޮބައިތޯ ސުވާލުކޮށްލުމުން އެސުވާލުގެ ޖަވާބު ދޭހިނދު އޭނާއަށް ތަބާވެވިގެން މިއުޅެނީ ހަޤީޤަތުގައިވެސް އާދީނަކަށްކަމުގެ އިޙްސާސް ކުރެވިގެންދާނޭކަން ޔަޤީނެވެ. ހުޅަގުން އެބައި މީހުންގެ މި ފިކުރު އިސްލާމީ މުޖުތަމަޢުގައި ފެތުރުމުގެ ހަޤީޤީ ބޭނުމަކީ މުސްލިމުން އެބައިމީހުންގެ ވަރުގަދަ އިލާހީ އަޤީދާއާއި ދުރުކޮށް ނިކަމެތިކުރުމެވެ. އަދި އެ ނިކަމެތިކަމުގެ ބޭނުންހިފާ އެބައިމީހުންގެ ބާޠިލް އަޤީދާއަށް މުސްލިމުން ގެންދިއުމެވެ.
ޑިމޮކްރަސީގެ މައިގަނޑު އަސާސްތަކަކީ އާންމު ސިކުނޑިއަކުން ވިސްނާލާއިރު އެގައި މާބޮޑު އުނިކަމެއް ފެންނާނޭ އަސާސްތަކެއް ނޫނެވެ. ނަމަވެސް ހުޅުވިފައިވާ ސިކުނޑިއަކުން ފުންކޮށް ވިސްނާލާއިރު އެ ނިޒާމުގެ މައިގަނޑު އަސާސަކީ އަޅުތަކުންގެ ވެރި ރައްބުގެ މައްޗަށް އިންސާނީ ފިކުރާއި ވިސްނުން އިސްކުރުމުގެ ނިޒާމެއްކަމުގައި ޤަބޫލުކުރެވޭނެއެވެ. ޚުދު އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ މިހާރުގެ ވެރިކަމުގެ ނިޒާމަށް ނަޒަރުހިންގާ ހާވާބަލާލާއިރު އެކަމުގެ އެތަކެއް މިސާލުތައް އެއޮތީ ދިމާ މެންދުރުގެ އިރުފަދައިން ފެންނާށެވެ. އިސްލާމުންނާއި އެންމެހާ އިންސާނުން ޚަލްޤުކުރެއްވި ﷲ سبحانه وتعالى އަމުރުކުރައްވަނީ ރަލާއި، ޒިނޭއައި، ރިބާ ފަދަ ފާހިޝް ޢަމަލުތަކުން ދުރުހެލިވުމަށެވެ. ނަމަވެސް މި ޑިމޮކްރަސީ އަޅުގަނޑުމެންނަށް މަގު ދައްކަނީ އަދި މި ޑިމޮކްރަސީ ދީނުގެ ފާދިރީން އެދީނުގެ އަހުލުވެރިންނަށް މަގުދައްކަނީ ކޮންމެވެސް ޤަވާއިދެއް ނުވަތަ އުޞޫލުތަކެއްގެ ދަށުން، ރާ ބުއިމާއި، ވިއްކުމާއި، ޒިނޭ ޚާނާތައް ހިންގުމާއި، ރިބާ ކެއުން އެއީ އެންމެ ރަނގަޅުކަމެއްގެ ގޮތުގައެވެ. އިންސާނުންނާއި މުޅި ކާއިނާތުގެ ވެރި ރައްބު އަމުރުކުރައްވަނީ ލަވަޔާއި މިއުޒިކާއި، ނާޗަރަންގީ ކުޅުމާއި، ދެޖިންސް މަސްހުނިވެ ނިވަލެއްނެތި އުޅުމަކީ ފާހިޝްކަމުގެ ދޮރުތައް ހުޅުވުމުގެ މަގެއްކަމުގައެވެ. ނަމަވެސް ޑިމޮކްރަސީ ދީނުގެ ފާދިރީން އެދީނުގެ އަޅުވެރިންނަށް މިކަންކަމަކީ ޒީނަތްތެރިކަމެއްކަމުގައްޔާއި ދުނިޔޭގެ ތަހުޒީބުގެ ރަމްޒެއްކަމުގައްޔާއި، ކުރިއެރުމާއި، އަޚްލާގު ރަނގަޅުވެ ދަރިންގެ ސިކުނޑި ހުޅުވިގެންދިޔުމުގެ އަސާސްކަމުގައި ދަނީ ބުނެދީ އެގޮތުގައި ސިޔާސަތުތައް ކަނޑައަޅަމުންނެވެ. އިންސާނުންނާއި ކާއިނާތު ޚަލްޤުކުރެއްވި މަތިވެރި އިލާޙް އަމުރުކުރައްވަނީ ދީނުގެ މަތިވެރި ޝިއާރުތައް ރައްކާތެރިކުރުމަށެވެ. ނަމަވެސް މިދީނުގެ އަޙުލުވެރިން ބުނަނީ ދީނުގެ މަތިވެރި ޝިއާރުތައް އެބައިމީހުންގެ ކޮށި ސިކުނޑިން ތައްޔާރުކޮށްފައިވާ ކޮންމެވެސް ޤަވައިދެއްގެ ދަށުން ރަމްޒީކަމެއްގެގޮތުގައި ކޮށް ނިންމާލާ ދުނިޔަވީ ފައިދާއެއް ހާޞިލްކުރުމަށެވެ. އެބައިމީހުން ދީނުގެ މަތިވެރި ޝީއާރުތައް ވިޔަފާރު މުދަލެއްގެ ގޮތުގައި ދުނިޔެ ހޯދުމަށްޓަކައި ވިއްކާލަނީއެވެ.
ހިތާމައިގެ ކޮޅެއްނެތެވެ. އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މަޝްވަރާގެ މަތިވެރި އުޞޫލްގެ ނިވަލުގައި ތިބެ ޑިމޮކްރަސީ ދީނުގެ ފާދިރީން ގެންދަނީ ހުޅަނގުން އެބައިމީހުންގެ ސިކުނޑިތަކަށް ދީފައިވާ ފިކުރީ ކެމިކަލް ހަތިޔާރުތަކުގެ ހަމަލާތަކުން ސިކުނޑިތަކަށް ލިބިފައިވާ އުނިކަމާއިއެކު އެބައިމީހުންގެ ސިކުނޑިތަކަށް ފެނުނުގޮތަކަށް ދުނިޔޭގެ ދިރިއުޅުމުގެ މަންހަޖު އެ ދީނުގެ އަހުލުވެރިންނަށް ބަޔާންކޮށްދީ އެގޮތުގައި އަމަލުކުރުމަށް މަޖުބޫރު ކުރުވަމުންނެވެ. އަދި އެއީވެސް ރައްޔިތުންގެ ސަރުކާރު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ހައިބަވަންތަ ނަމުގެ ފަހަތުގައި ތިބެގެންނެވެ.
އޭ ޑިމޮކްރަސީ ދީނުގެ އަޙުލުވެރިންނޭވެއެވެ. އަދި އެދީން ފެތުރުމަށް ހުޅަނގުގެ ތަމައްދުނުން ފެންވަރައިގެންތިބި ފާދިރީންނޭވެއެވެ. ހޭއަރާށެވެ. ނޫނީ ޝައްކެތްނެތި ތިބާ ހޭ އަރާނޭދުވަހުން ތިބާއައް މަންފާއެއް ނުކުރާނެއެވެ. ދުނިޔޭގެ ދިރިއުޅުމަކީ ތިމާއަށް އިޚްތިޔާރު ލިބިގެންވާ ހުވަފެނެކެވެ. އެ ހުވަފެންތަކުގައި ތިބާއަށް ބޭނުންކުލައެއް، ބޭނުން ޒީނަތްތެރިކަމެއް، ބޭނުން ލައްޒަތެއް ހާޞިލް ކުރެވިދާނެއެވެ. ނަމަވެސް ހަޤީޤީ ދުނިޔެއަށް ހޭލެވޭ ދުވަހު ތިބާ ކުރި ޢަމަލަކަށް މެނުވީ ޖަޒާއެއް ނުދެވޭނެއެވެ. ތިބާއާއި ތިބާގެ ދަރިން ނަރަކައިން ސަލާމަތްކުރުމަށް ޑިމޮކްރަސީއަކުން ފައިދާއެއް ނުކުރާނެއެވެ. އެދުވަހުން ޑިމޮކްރަސީގެ ތިމަތިވެރި އުޞޫލުތައް ބޮލާލާޖަހަން ތިބާއަށް މަޖުބޫރުވާނެއެވެ. ފާފަވެރިއަޅުންނަށް އެދުވަހުން އަޤުލަބިއްޔަތު ލިބިފައިވީނަމަވެސް އެމީހުން ކިތަންމެ ބޭނުމަސް އެމީހުންނަށް ޞާލިޙް އަޅުވެރިންނަށް ކަނޑައަޅުއްވާފައިވާ ސުވަރުގެއަކަށް ނުވަދެވޭނެއެވެ. ޑިމޮކްރަސީގެ ނަމުގައި އިސްލާމުންގެ މަތިވެރި މަންހަޖު، މަތިވެރި އަޤީދާ ނެތިކޮށްލާ މި ދުނިޔޭގައި މުސްލިމުންގެ ގަދަރު ކުޑަކޮށްލުމަށް ތިބަތިބާމެންގެ އަނގައިން ބޭރުވާ ކޮންމެ ލަފްޒެއް އެދުވަހުން ތިބާގެ އަނގަޔަށް އަނބުރާ ވަންނާނެއެވެ. މުސްލިމުންގެ ނަމުގައި ޝަހާދަތުގެ ދެކަލިމަ ކިޔާހާލު އެއާއިމެދު ތިމާގެ ހިތުގައި ގަދަރެއް ލޯތްބެއް ނުވާނަމަ، އަދި ތިބާގެ ޢަމަލުން އެކަން ފެނިގެން ނުދާނަމަ އެއީ ހަމަ ޔަޤީނުންވެސް ތިބާގެ އަންނަންއޮތް ދުނިޔޭގެ ދިރިއުޅުން ބަރުބާދުކޮށްލުމުގެ މަގުކަމުގައި ނޫނީ ނުވާނެއެވެ. އަދި ދަންނާށެވެ. މި ދީބުގައި ހައްޤުގެ މަގުގައި އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގައި ސާބިތުވެތިބި ދިވެހިދަރިން އެބަ ތިއްބެވެ. ތިބާގެ ކޮންމެ ފިޔަވަޅެއް އަދި ތިބާ އަނގައިން ބޭރުކުރާ ކޮންމެ ލަފްޒަކަށް އެމީހުން ތިބީ ފާރަވެރިވެގެންނެވެ. އެކަންކަމަށް ލޯމަރައިލައިގެން ނުތިބޭނަމެވެ. ހައްޤުގެ މަގުގައި ޖާނާއި މާލުން ޤުރުބާންވާ ތައްޔާރައްތިބި ދިވެހި ދަރިން މި ފަސްގަނޑުގައި މަދުނުވާނޭކަން ތިބާ ދަންނާށެވެ.
އޭ ދިވެހި ލޮބުވެތި ރައްޔިތުންނޭވެ. ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ. ފާރަވެރި ވާށެވެ. ޔަހޫދިންނާއި ނަޞާރާއިން އެމީހުންގެ މި ފިކުރީ ހަނގުރާމައާއިގެން ނުކުމެ އެތަކެއް މުސްލިމް މުޖުތަމަޢުތަކެއް މީގެކުރިން ވަނީ ފަސާދަކޮށްފައެވެ. ތުރުކީވިލާތާއި، ތޫނިސްފަދަ އިސްލާމީ ބޮޑު ބޮޑެތި ތަހުޒީބުތައް އެބައިމީހުންވަނީ މި ހަނގުރާމައިގައި އަޅުވެތިކޮށްފައެވެ. މިއަދު އަޅުގަނޑުމެން އިޒްރޭލާއި ހުޅަނގުގެ މި ހަނގުރާމައިގައި ޖެހިފައިވާއިރު އެ ކަންކަމުން އިބްރަތް ލިބިގަތުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. އެ ހާދިސާތަކުގެ ޚަބަރުތައް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނާއި ކުރިޔަށްހުރި ލިޔުންތަކުގައި ހިއްސާކުރެވޭތޯ ﷲ ގެ ވާގިފުޅާއިއެކު މަސައްކަތްކުރާނަމެވެ. މިއަދު ދިވެހި ރާއްޖޭގެ ތަޢުލީމީ ނިޒާމު ފުނޑުފުނޑުކޮށް ހުޅަނގުގެ ފަލްސަފާ ތަޢުލީމީ މަންހަޖުގައި ހިމެނުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ މިހަނގުރާމަ ވަރުގަދަ ވަމުންދާކަމުގެ ހެއްކެކެވެ. އިސްލާމީ ތަރުބިއްޔަތާއި ދަރިވަރުން ދުރުކޮށްލުމަށް އެމީހުން ފަށާފައިވާ މަސައްކަތް މިއަދު މިވަނީ މެކުހަށް ޖަހާފައެވެ. ދުނިޔަވީ ތަޢުލީމަކީ އިސްލާމްދީން މަނާކުރާ އެއްޗެއްކަމުގައި އެބައިމީހުން ސިފަކުރާކަމީ ދީނުގެ އަލިފުބާވެސް މި ބައިވަރުތަކަށް ނޭންގޭކަމުގެ އަލިގަދަ ހެއްކެކެވެ. ނަމަވެސް އަޅުގަނޑުމެން ދުނިޔަވީ ތަޢުލީމް ޙާޞިލްކުރުމުގެ މަޤްޞަދާއި އެބައިމީހުންގެ މަޤްޞަދު ވަރަށް ތަފާތެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، އެގޮތުގައިވެސް ﷲ ގެ ރުހިވޮޑިގަތުން ހޯދާ ދުނިޔޭގައި އެކަލާނގެ ދީން ފެތުރުމެވެ. އަދި ކިއެއްހެއްޔެވެ. އެކަކު އަނެކަކަށް އިޚްތިރާމްކުރާ، އެކަކުގެ ފުށުން އަނެކާއަށް ރައްކާތެރިކަން ލިބިގެންވާ މުޖުތަމައެއް ބިނާކޮށް ދުނިޔެ އާއި އާޚިރަތުގެ މާތްކަން ލިބިގަތުމެވެ.
ލޮބުވެތި ދިވެހި އަޚުންނާއި އުޚްތުންނޭވެ. ތިޔައިން ކޮންމެ މީހަކީވެސް މަސްޢޫލުވެރިއެކެވެ. އެމީހުއްގެ ބެލުމުގެ ދަށުގައިވާ ބަޔަކަށާއި ތަކެއްޗަށް މަސްޢޫލުވާންޖެހޭ މީހެކެވެ. ވީއިރު އަޅުގަނޑުމެންގެ ތުއްތު ދަރިންނާއި، މުޅި މުޖުތަމަޢު ސަލާމަތްކޮށް ޑިމޮކްރަސީ ދީނުގެ ނުބައި އޮއިވަރުން މި ޖީލު ސަލާމަތްކުރުމަކީ ތިޔައިން ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ. ތެދުވެރިކަމާއި އެކު ބަހާއި އަމަލުން ހައްޤުގެ މަގުގައި ޖިހާދުކުރުމަށް ލިބޭ މިފަދަ ފުރުޞަތުތަކަކީ ﷲ ގެ ހަޞްރަތުން ކުރިމަތިވާ އިމްތިޚާންތަކެކެވެ. އެކަމުގައި ކުރިހޯދަނީ ކޮންބައެއްތޯ ބެއްލެވުމަށްޓަކައެވެ. ކޮންމެ ހެޔޮކަމެއްގެ އަޖުރު ﷲ ގެ ރަޙްމަތުން އެތައްގުނައަކަށް އިތުރުކުރައްވައެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ. ތިބާއާއި ތިބާގެ އަޙުލުވެރިން ނަރަކައިން ސަލާމަތްކުރާށެވެ. މުނާފިގުންގެ ސިފައިން ސިފަ ލިބިނުގަންނާށެވެ.
މާތް ﷲ މި ދިވެހި ބިން އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި އަބަދުމެ އަބަދައް ލަހައްޓަވާށިއެވެ. އާމީން.



އަސްލު ލިންކް ރާއްޖެއިސްލާމް އިން ވިދާޅުވޭ