އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Monday, October 18, 2010

އަންނައަހަރު ކޮލެޖުންފަށާ ކޯސްތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ދެދުވަސް ހަމަޖައްސައިފި

މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން ގެ 2011 ވަނަ އަހަރުގެ ފުރަތަމަ ޓާރމުގައި ފަށާ ކޯސްތައް އިޢުލާން ކޮށްފައިވާތީ މިކޯސްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ސާފުކުރުމަށް އެދޭ ފަރާތްތަކަށް ކޯސްތަކާއި ބެހޭ ފުރިހަމަ މަޢުލޫމާތު ދިނުމަށްޓަކައި 'ފަހި ދުވަސް' ގެ ނަމުގައި މިމަހުގެ 23 އަދި 24 މިދެދުވަސް ހާއްސަ ދެދުވަސް ގޮތުގައި ކޮލެޖުން ފާހަގަ ކުރާގޮތަށް ހަމަޖައްސާފައި ވާކަމަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ހާމަކޮށްފިއެވެ.

މިގޮތުން މި ދެދުވަހު ކޮލެޖުގެ ކޯހަކަށް ވަންނަން އެދޭ ދަރިވަރުންނަށް ކޯހަށް ވަނުމަށް އެދޭ ފޯރމް ފުރުމުގައި އެހީތެރިވެދިނުމާއި، ކޯހަށް ވަނުމަށް އެދޭ ދަރިވަރުންނަށް ސެޓްފިކެޓް ހިލޭ އެޓެސްޓް ކޮށްދިނުމާއި، ސެޓްފިކެޓް އަދި އައިޑީ ކާރޑް ފޮޓޯ ކޮޕީ ހަދައިދިނުމާއި، ކެރިއަރ ކައުންސެލިންގް ބޭނުންވާ ދަރިވަރުންނަށް އެޚިދުމަތަށް އެކޮލެޖުގެ ފަރާތުން ލިބިގެން ދާނެކަމަށާއި އަދި މީގެ އިތުރުން ފޯރމް ބަލައިގަތުމުގެ އިންތިޒާމުވެސް މިދުވަހުގެ ޚަރަކާތްތަކުގެ ތެރޭގައި ހިމެނޭކަމަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން މައުލޫމަތް ދެއްވައެވެ.

މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިކޭޝަންގެ ފަރާތުން ހާމަކުރައްވާގޮތުގައި، މިދުވަހުގެ އިންތިޒާމް ތައް ހަމަޖެހިފައިވާ ގޮތުން ކޮލެޖުގެ ކޮންމެ ދާއިރާއަކުން މަޢުލޫމާތު ދެއްވުމަށާއި، ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކޮލެޖުގެ އެކަޑެމިކް މުވައްޒަފުންގެ އިތުރުން މިހާރު ކޯސްތައް ހަދާ ބައެއް ދަރިވަރުންވެސް ބައިވެރިވާނެ ކަމަށާއި އަދި ފަހި ދުވަސް 2010 ވެގެންދާނީ ކޮލެޖަށް ވަންނަން އެދޭ ދަރިވަރުންނަށް ދަތިވާ އެތައްކަމެއް އަދި ބޭނުންވާ އެތައް މަޢުލޫމާތެއް އަދި ޚިދުމަތްތަކެއް އެއް ތަނެއްގެ ތެރެއިން ލިބިގެންދާ 2 ދުވަސް ކަމުގައި ކަމަށް ހާމަކުރައްވައެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކެއް މިޚިދުމަތްތައް ހޯދަން އައުމަށް ކޮލެޖު އިއުތިމާސް ކޮއްފައިވެއެވެ.

އެ ކޮލެޖުގެ ފަރާތުން ޖުމްލަ 74 ކޯހަށް ވަނުމަށް ފުރުޞަޠު ހުޅުވާލެވިފައި ވާއިރު މީގެ ތެރޭގައި ބެޗްލަރ އޮފް އެންވަޔަރަމަންޓް މެނެޖްމަންޓް އާއި އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ އިންގްލިޝް އޭޒް އަ ފޮރިންގ ލެންގުއޭޖް އާއި ބެޗްލަރ އޮފް އާރޓްސް އިން އާރކިޓެކްޗަރަލް ޑިޒައިން އަކީ މުޅިން އަލަށް ތައާރަފްކުރާ ކޯސްތަކެއް ކަމަށާއި އަދި ގްރޭޑް 7 ނިންމާފައިވާ ފަރާތްތަކުން ފެށިގެން ގްރޭޑް 12 ނިންމާފައިވާ ފަރާތްތަކަށް ވަދެވޭ އެކި ފެންވަރުގެ ކޯސްތަކުން ޖުމްލަ 3300 ޖާގަ ހުޅުވާލެވިފައި ވާކަމަށްވެސް އެކޮލެޖުން ހާމަކުރައްވައެވެ.

ވަޒީފާ އަދާ ކުރަމުންދާ މީހުންނަށް އަމާޒުކޮށް، ބައެއް ކޯސްތައް އަންނަ އަހަރު ޕާރޓް ޓައިމްކޮށް މެންދުރުފަހުން ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ކޯސްތަކާ ބެހޭ އަތްމަތީ ފޮތް ކޮލެޖުގެ ދަރިވަރުންގެ ޚިދްމަތްތަކާއި ބެހޭ ބައިން ލިބެން ހުންނާނެ ކަމަށްވެސް އެކޮލެޖުން ހާމަކުރައްވައެވެ. އަދި މިފާހަގަ ކުރާ ފަހި ދުވަހު އެތަނުންވެސް ލިބެންހުންނާނެ ކަމަށާއި، މިފޮތްތައް ހުރިހާ ކެމްޕަސްތަކާއި ރަށްރަށަށް މިހާރުވަނީ ފޮނުވިފައިވަ ކަމަށާއި އަދި ފޮތުގައިވާ މަޢުލޫމާތު ކޮލެޖްގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށްވެސް އެކޮލެޖުން ބުނެއެވެ.
ސުކޫލު ދައުރު ނިންމުމަށްފަހު މަތީތަޢުލީމު ހޯދުމަށާއި، ވަޒީފާއެއް ހޯދުމުގެ މަގުސަދުގައި ގިނައަދަދެއްގެ ކުދިން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިކޭޝަންގެ ފަރާތުން އިޢުލާންކުރާ ކޯސަތް ހަދަމުންދާކަން ފާހަގަކޮށްލެވެއެވެ.

ޚަބަރު މިއަދު ނޫހުން ނަގާފައި

ތިރީގައިވާ ލިންކުން ކޮލެޖްގެ ވެބްސައިޓަށް ޒިޔާރަތްކޮށްލައްވާ ކޯސްތަކާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދަވާ!

ކޯސްތަކުގެ މަޢުލޫމާތު



ފިކުރީ ހަނގުރާމައިން ސަލާމަތް ވެވޭނީ ކީރިތި ޤުރުއާނާއި ކައިރިވެވުނު ވަރަކަށް: ޝައިޚް އިލްޔާސް

މީސްތަކުން އިސްލާމް ދީނާއި ދުރަށް ޖެއްސުވުމަށްޓަކައި ޔަހޫދީންނާއި ނަޞާރާ އިން ގުޅިގެން ހިންގަމުންދާ ފިކުރި ހަގުރާމައިން ސަލާމަތްވެ ތިބެވޭނީ ކީރިތި ޤުރުއާނާއި ކައިރިވެ މާތްﷲގެ ވަޙީ އަށް އަމަލުކުރެވުނު މިންވަރަކުން ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިންތިޒާމުކޮށްގެން ހުކުރު ދުވަހުގެ ރޭ (15 އޮކްޓޯބަރ 2010 ރޭ) އަލިމަސް ކާނިވަލްގައި ބޭއްވި ޖަލްސާގައި ދަރުސް ދެއްވަމުން އައްޝައިޚު އިލްޔާސް ހުސައިން ވިދާޅުވީ ޔަހޫދީންނާއި ނަޞާރާ އިން ގުޅިގެން ކުރިއަށްގެންދާ ފިކުރީ ހަނގުރާމައިގާ އެމީހުން ބޭނުންކުރަނީ ވަރަށް މަކަރުވެރި އުކުޅުތަކެއް ކަމަށާއި އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެން ރައްކާތެރިވެ ތިބުން ވަރަށް މުހިއްމު ކަމަށެވެ.

އިންސާނީ ހައްޤުތައް ކަމަށްބުނެ ފަތުރަމުންދާ ކަންކަމާއި އަންހެނުންނަށް މިނިވަންކަން ހޯދައިދިނުމުގެ ނަމުގައި ފަތުރަމުންދާ ކަންކަމަކީ މީސްތަކުން އިސްލާމް ދީނާ ދުރަށް ޖެއްސުވުމަށް ހިންގަމުންދާ ކެމްޕޭނުގެ ބައިތައް ކަމަށްވެސް އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވިއެވެ.

އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ ތުއްތު އިރުންސުރެ ދަރިން އިސްލާމް ދީނާއި ދުރަށް ޖެއްސުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަމުންގެންދާ ކަމަށާއި އެގޮތުން ތައުލީމީ ނިޒާމަށް ބަދަލުތައް ގެނެސް އިސްލާމް ދީނާ ދުރަށް ޖެއްސުވުމަށް މަގުފަހިވާފަދަ ހަރަކާތްތައް ވަރަށް ފުޅާދާއިރާއެއްގާ ހިންގަމުންގެންދާކަމަށެވެ.

މިފަދަ ހުރިހާ ކަންކަން ކުރަމުންގެންދަނީ ހަމައެކަނި އެންމެ މަޤްސަދެއް ޙާޞިލުކުރުމަށް ކަމަށާއި އެ މަޤްޞަދަކީ މުސްލިމުންގެ ދީނީ އަޤީދާ ބަލިކަށިކުރުން ކަމަށް ވެސް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވިއެވެ.

އައްޝައިޚު އިލްޔާސް ހުސައިން ވިދާޅުވީ މިއަދު މީހުން މަރަމުން ގެންދަނީ މަދިރިމަރާ އުޞޫލުން ކަމަށެވެ. އިންސާނުން މެރުމުން އެކިއެކި ހައްޤުތަކުގެ ނަމުގައި ޤާތިލު ސަލާމަތް ކުރަން މަސައްކަތްކުރެވޭކަން އެއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ ޤައުމުގައި ނުރަނގަޅު ކަންތައްތައް ޢާއްމުވަމުން ދިއުމަކީ ޢާއްމުވެގެންވާ ކޯފާ ބާވައިލައްވާނެ ކަމަށާއި ރަގަޅު ގޮތުގައި ތިބި ބަޔަކަށްވެސް އެ ކޯފާއިން ސަލާމަތް ނުވެވޭނެކަމަށެވެ. އެހެންކަމުން ނުރަނގަޅު ކަންތައްތައް ހުއްޓުވުމަކީ އެންމެންގެ ވެސް މަސްއޫލިއްޔަތެއް ކަމަށެވެ.

އައްޝައިޚް އިލްޔާސް ވިދާޅުވީ ފިކުރީ ހަނގުރާމައިގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ މިހަނގުރާމައިގެ ބައިވެރިންގެ ގޮތުގައި އަޅުގަނޑުމެންގެ ބަހުން ވާހަކަ ދައްކާ، އަޅުގަނޑުމެންގެ މީހުން ހަރަކާތްތެރިވަމުންދިއުން ކަމަށެވެ. ޓެރަރިޒަމް ނައްތާލުމާ ހަރުކަށި އަމަލުތައް ނައްތާލުމުގެ ނަމުގައި ދުނިޔޭގައި ހިންގަމުންދާ ހަނގުރާމަތަކަކީ އިސްލާމް ދީން އިތުރަށް ބަލިކަށިކުރުމަށާއި އިސްލާމް ދީނާއިމެދު މީސްތަކުންގެ ހިތްތަކުގައި ނަފުރަތު އިތުރު ކުރުވުމުގެ ބޭނުމުގައި ކުރަންދާކަންކަން ކަމަށެވެ.

އަޅުގަނޑުމެންގެ ދަރިން ބޭރަށް ކިޔަވަން ފޮނުވުމުގެ ކުރިން އެކުދިންނަށް އިސްލާމް ދީން ދަސްކޮށްދީ އިސްލާމީ ތަރުބިއްޔަތު ދިނުމަށް ގޮވާލައްވަމުން އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވީ އެކަން ނުކޮށް ދަރިން ބޭރަށް ކިޔަވަން ފޮނުވުމަކީ އަޅުގަނޑުމެންނާއި އެދަރިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށާއި އެކަމުން ސަލާމަތްވެ ތިބުމަށެވެ. .

އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ ކުރިން ޔަހޫދީންނާއި ނަޞާރާއިން ހަތިޔާރުން ކުރަމުންއައި ހަނގުރާމަތައް ހުއްޓައި ފިކުރީ ހަނގުރާމައަށް ބަދަލުކުރީ އެފަދަ ހަނގުރާމަތަކުން އެމީހުންނަށް ކާމިޔާބު ނުލިބޭނެކަން ޔަޤީންވާތީ ކަމަށެވެ.

” އެމީހުން މަރު ދެކެ ބިރު ގަންނާނެ. މަރުވާކަށް ބޭނުމެއް ނުވާނެ. މުސްލިމުންނަކީ މާތްﷲގެ މަގުގައި ޖިހާދުކޮށް ޝަހީދު ވާން ބޭނުން ބައެއް” ކަމަށެވެ.

އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ އިސްލާމީ ތައުލިމާއި ތަރުބިއްޔަތަކީ ދުނިޔަވީގޮތުން އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަން ކަމަށްބުނެ މުއްލާއިންނެވެ ކިޔައިގެން މުސްލިމުންގެ އަގުވައްޓާލަން މަސައްކަތް ކުރަނީ މުއްލާއިންނަކީ ކިހާމަތިވެރިބައެއްކަން އެމީހުންނަށް ނޭނގޭތީކަމަށާއި ވައްހާބީންނެވެ ކިޔައިގެން ވާހަތައް ދައްކަނީވެސް އެ މަޤްޞަދުގައި ކަމަށެވެ. އަލްވައްހާބު އަކީ ﷲ ގެ އޮނަސައްތަ އިސްމުފުޅުގައި ހިމެނޭ މަތިވެރި ނަންފުޅެއް ކަމަށެވެ.

މިކަންކަމުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް އަލިއަޅުވާލައްވައި އައްޝައިޚް އިލްޔާސް ހުސައިން ދެއްވި ދަރުސް އަކީ ވަރަށް އިލްމީ ދަރުސް އެއްކަމަށް ޤަބޫލުކޮށް ވަރަށް ގިނަބަޔަކު އޭނާއަށް ތައުރީފް ކުރިއެވެ. އަދި ދަރުސް ނިމުމުން ދުވަހަކުވެސް ސިޔާސީ ކަންކަމުގައި އެއްވެސް ވަރަކަށް ބައިވެރިނުވާ ބައެއް ފަރާތްތަކުން އަދާލަތު ޕާޓީގެ އިސްވެރިންނަށް ގުޅައި މި ދަރުސް އަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް އަޑުއެހުން މުހިއްމު ދަރުސްއެއްކަމަށްބުނެ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ސީޑީ ފޮނުވުމަށް އެފަރާތްތަކުން ޚަރަދުކުރަން ތައްޔާރަށް ތިބިކަން ވެސް ވަނީ ހާމަކޮށްފައެވެ.

މަޢުލޫމާތު: މިއަދު ނޫސް

Monday, October 11, 2010

މަދަނީ ޖަމްޢިއްޔާތަކުގެ އިއްތިހާދުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއިބެހޭ ކޮމެޓީއަށް ސިޓީއެއްފޮނުވައިފި.


މަދަނީ ޖަމްޢިއްޔާތަކުގެ އިއްތިހާދުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއިބެހޭ ކޮމެޓީއަށް ސިޓީއެއްފޮނުވައިފިއެވެ. މިސިޓީއަކީ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ގެ ނުރައްކާތެރި ތަޢްލީމީ ސިޔާސަތާއި އިދިކޮޅު ހެދުމުގެ ގޮތުން އެކަމުގެ ސަމާލުކަމަށް ގެންނަން ބޭނުންވާތީ ފޮނުވި ސިޓީއެއްކަމަށް ރާއްޖެއިސްލާމަށް ވަނީ ޚަބަރު ލިބިފައެވެ. ތިރީގައި މިވަނީ އެސިޓީއެވެ.
***********************************


127 މަދަނީ ޖަމިއްޔާ ތަކުގެ އިއްތިހާދު
މާލެ / ދިވެހި ރާއްޖެ

ރަށްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބޭހޭ ކޮމިޓީއަށް
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
އަޅުގަނޑުމެންނަކީ ދީނީ އަދި އިޖްތިމާޢީ ގޮތުން ޤައުމުގެ މުސްތަޤްބަލުގައި ފަހުން ނިކުމެދާނޭ ހައްލު ނުކުރެވޭފަދަ ބޮޑެތި ނުރައްކާތެރި މައްސަލަތައް ޙައްލު ކޮށް އެކަންކަން އިސްލާޙް ކުރުމުގެ މަތިވެރި މަޤްސަދުގައި އިއްތިހާދުވެފައިވާ މަދަނީ ޖަމިއްޔާ ތަކެކެވެ. މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާއި އިދިކޮޅަށް ފާއިތުވީ ތަނުގައި އަޅުގަނޑުމެން ވާނީ އަޑު އުފުލާފައެވެ. އަދި މިހާރު ދިވެހިރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ގެ ތަޢްލީމީ ސިޔާސަތާއި އިދިކޮޅަށް އަޑުއުފުލަމުން ދާ ބަޔަކީމެވެ. މިގޮތުން ކަމުގެ ޚުތޫރަތްތެރި ކަމާއިހުރެ މިއީ މިކަންކަމަށް ރިޢާޔަތް ނުކުރެވިއްޖެނަމަ އަޅުގަނޑުމެންގެ ލޮލަށް އަދިފެނިފައިނުވާ އަންނާންއޮތް ބޮޑު ސިންގާ ޤައުމީ ދީނީ އަދި އިޖްތިމާޢީ ނުރައްކަލަކުން ޤައުމު ސަލާމަތް ކުރުމަށްޓަކައި ކުރެވެމުންދާ ކަމެކެވެ. އަދި މިއީ ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފަށް ކުރައްވަމުން ގެންދަވާ ބޮޑު ޚިޔާނަތެއް ކަމުގައި އަޅުގަނޑުމެން ދެކޭތީ މިކަން ތިޔަ ކޮމިޓީގެ ސަމާލުކަމަށް ގެނެސް މިހާރުން މިހާރަށް ޑރ. މުސްތަފާ ލުތުފީ ވަޒީރު ކަމުން ބޭރުކޮށް ދިނުމަށް އެދި ލިޔެވޭ ސިޓީއެކެވެ. މިގޮތުން ޑރ. މުސްތަފާ ލުތުފީ މަޤާމުން އެއްކިބާ ކުރުމަށް އަޅުގަނޑުމެންގެ ހުށައަޅާ ނުޤުތާތައް ތިޔަފަރާތަށް ހުށައަޅަމެވެ.
1. ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފަށް އެޑިއުކޭޝަންގެ މަންހަޖު ބިނާކުރުން:
އެގޮތުން މަތީ ޡާނަވީގައި އިސްލާމް، ދިވެހި މި ދެމާއްދާ އިޚްތިޔާރީ ކުރުމުގެ ނުބައި ޖަރީމާ
-ޤާނޫނު އަސާސީގެ ދެވަނަ ބާބު ކަމުގައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގެ 36 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވަނީ " ތަޢްލީމީ ނިޒާމުގެ ތެރެއިން އިސްލާމްދީނަށް ބޯލަނބައި ކިޔަމަންގަތުމަށް ބާރުއެޅުމަށާއި، އިސްލާމްދީނަށް ލޯބި ޖެއްސުމަށާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމަށާއި، ޢާއްމުކޮށް އެންމެންގެ މެދުގައި ޞުލްހަމަސަލަސްކަމާއި ރަޙްމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދީ، މިކަންކަން ކުރިއެރުވުމަށް ބާރުއަޅާންވާނެއެވެ. "
ދަންނަވަމެވެ. އެއީ ދިވެހިރާއްޖޭގެ ތަޢްލީމީ ނިޒާމް އެ އަސާސްތަކެއްގެ މައްޗަށް ބިނާކުރަންޖެހޭނޭ ދިވެހި ދަސްތޫރެވެ. ވުމާއިއެކު ތަޢްލީމީ ނިޒާމުގެ ތެރެއިން މިހަމަތަކަށް ވަރަށް ފުޅާ ދާއިރާއެއްގައި ޖާގަދީ ތަންފީޒުކޮށް ޤާނޫނު އަސާސީގެ ރޫހާއި ދިވެހިންގެ ޤައުމިއްޔަތު ދެމެހެއްޓެން ޖެހޭނެއެވެ. އަދި ދަންނަވަމެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަން އަޅުގަނޑުމެން އެންމެން ހަނދާން ބަހައްޓަން ވާނެއެވެ. އަދި މިދެންނެވި އުސޫލާއި ރޫހާއި ޚިލާފަށް ތަޢްލީމީ އެއްވެސް ފަލްސަފާއެއް ބިނާވެގެން ދިއުމަކީ މުޅިޤައުމުގެ ކުރިމަގު ހަލާކުގެ ތެރެއަށް ދާނެ ކަމާއި މެދު އެއްވެސް ދިވެއްސަކު ޝައްކު ކުރާނެ ކަމެއް ނޫނެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހިވަންތަކަމަކީ އިސްލާމުންދީނުން ބޭރުކުރެވޭނެ އެއްޗެއް ނޫންކަން އަޅުގަނޑުމެންގެ 950 އަހަރުގެ ދިގު އިސްލާމީ ދިވެހި ތާރީޚް ފުދޭނެއެވެ. އަދި ތަޢްލީމަކީ ޔަހޫދީންނާއި ނަސާރާއިންގެ މަކަރުވެރި އިސްތިޢްމާރީ ރޭވުންތަކުން އެއްކިބާވެ %100 ސަލާމަތް ކުރެވިފައިވާ އެއްޗަކަށް ވުމީ އަޅުގަނޑުމެންގެ ދަރިންގެ ދަރިން އަޅުގަނޑުމެން ނެތް ދުނިޔެ އެއްގައި އިސްލާމްދީން މަތީގައި މިނިވަންކަމާއެކު ދިވެހިންގެ ގޮތުގައި ތިބުމަށް ލާޒިމުވެގެންވާ ކަމެކެވެ. އެހެން ނޫންނަމަ 16 ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގައި ފްރާންސްގެ މީހުންގެ އިސްތިޢްމާރުން އެފްރިކާގެ ބައްރުގެ މީހުން އަޅުވެތި ކުރިގޮތަށް ދިވެހިން އަޅުވެތި ވުމަކީ ކަނޑައެޅިގެން ވާނޭ ކަމެއް ކަމުގައި ތިޔަ ޢިއްޒަތްތެރި ބޭފުޅުންނަށް އިންޒާރު ކުރަމެވެ. އަދި މިއީ ވިސްނަންޖެހޭ ރިޢާޔަތް ކުރެވެން ޖެހޭ މުހިއްމު ނުޤްތާއެކެވެ.
- ޤާނޫނޫ އަސާސީގެ 67 ވަނަ މާއްދާގެ (ކ) ގައި ބުނެފައިވާ ފަދައިން " ދިވެހިދައުލަތުގެ ދީންކަމުގައި ވާ އިސްލާމްދީނާއި، ރާއްޖޭގެ ޡަޤާފަތާއި، މާދަރީ ބަހާއި، ޤައުމީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުން " ފަދައިން މިއީ ދިވެހި ޤާނޫނު އަސާސީގެ އަސާސީ ހައްޤެކެވެ. ޤާނޫނު ދެމެހެއްޓޭނީ ޤާނޫނުގެ ޙައްޤު އަދާކޮށްގެން ކަމަށްވާއިރު މިކަންކަމަކީ ވަޒީރަކު އޭނާގެ ސިޔާސަތު ބައްޓަން ކުރާއިރު ދިވެއްސެއްގެ ހައިސިއްޔަތުން ކޮންމެހެން ރިޢާޔަތް ކުރަންޖެހޭ އަދި ވަޒީރުގެ ހުވަޔާ އެއްގޮތަށް އިސްލާމް ދީން ޙިމާޔަޔް ކުރުމާއި ޤާނޫނާއި ދިވެހިންގެ އަސާސީ ޙައްޤު ހިމާޔަތް ކުރަންޖެހޭ ލާޒިމު މާއްދާއެކެވެ. ޤައުމެއްގެ ބަސް ދެމެހެއްޓޭނީ ޤައުމީ ތަޢްލީމްގެ ތެރެއިންނެވެ. އެހެންކަމުން އިސްލާމްދީނަށް ލޯބި ޖެއްސޭނޭ، ނުވަތަ ދީން ރައްކާތެރި ކުރެވޭނޭ، އަދި ޤައުމުގެ ބަސް ދެމެހެއްޓޭނޭ އަސާސީ މަގަކީ ދިވެހިންގެ ތަޢްލީމީ ތަރުބަވީ ނިޒާމު ކަމުގައި ދަންނަވަން ޖެހެއެވެ. ޚާއްސަގޮތެއްގައި ދިވެހިރާއްޖެއަކީ ދިވެހިންގެ ތަނަކަށް ވާއިރު ސަރުކާރުގެ %99 ޕަސެންޓް މުޢާމަލާތަކީ ދިވެހި ބަހުން ކުރެވޭ މުޢާމަލާތެކެވެ. އަދި ދިވެހިންގެ ގިނަ މެޖޯރިޓީއަކީ އަދިވެސް ބޭރުގެ ބިދޭސީ ބަހުން ލިޔެކިޔައި ދިވެހި ބަސްހައި ފަރިތަ ބަހެއް ދަންނަ ބަޔެއް ނޫނެވެ. ޚާއްސަގޮތެއްގައި މާލެ ފިޔަވައި ވާ އެހެންރަށްތައް ފާހަގަ ކުރަމެވެ. މިހެންވެ ދިވެހިބަސްނެތި ނުވަތަ ޤައުމީ ބަހުގެ ފެންވަރު ދަށްވެއްޖެނަމަ ސަރުކާރުގެ މުއާމަލާތްތަކާއި ދެވޭ ޚިދްމަތުގެ ފެންވަރު ދަށްވެ އަދި ޚިދްމަތް ލިބެން ޖެހޭ މީހުނަނަށް ލިބެންޖެހޭ ޚިދްމަތާއި ލިބިދެވޭ ޚިދްމަތަކީ ކޮން އެއްޗެއްކަން ދޭހަ ވުމަކީ ދަތި އުދަނގޫ ކަމެކެވެ. މީގެ އިތުރުން ޤައުމީ ބަހާއި މެދު ފަރުވާ ކުޑަކޮށްލެވިއްޖެނަމަ އަޅުގަނޑުމެންގެ ކުރީގެ ބަޔެއްކަމަށްވާ މަލިކުގައި ވެފައިވާ ފަދައިން 25 އަހަރުން ދަށުގެ ގިނަ މީހުންނަށް ދިވެހި ބަހުން ލިޔަން ކިޔަން ނޭގުމީ މި ދިވެހިރާއްޖޭގައި ނުވެ ނުދާނެ ގޮތެކެވެ. މަލިކުގެ މީހުންގެ މިހާރުގެ ބަހަކީ އިންޑިޔާގެ ހިންދީ ދީނާއި މަޅިއާލަމް ބަސް އިންތިހާއަށް މިކްސް އަސްލެއް ނެތް އެއްޗެއް ގޮތުގައި ބޭނުން ކުރެވެމުންދާ ނެތެމުންދާ ޡަޤާފަތެކެވެ. މިއީ ދިވެހިން ބޭނުންވާނެ ގޮތެއް ނޫނެވެ. ހަމަ އެގޮތަށް ފްރާންސްގެ މީހުން އެފްރިކާގެ މީހުން ގެ މައްޗަށް ގަދަވެ އެމީހުންގެ ބަސްތައް ނައްތާލާ އެހިސާބުގައި މަޣްރިބް ކަރައިގައިވެސް ފްރެންޗް ބަސް ބޭނުން ކުރާ ކަމަކީ ދުރާލާ ރޭވިގެން ބަޔެއްގެ ޙަޟާރަތާއި ބަސް ދުއްވާލާނޭ ކަމެއްކަން ފެންނަމުންދާ ދިރޭ ހެތްކެކެވެ. މިއީ ޒަމާނީ ތަޢްލީމްގެ ތެރެއިން ޒަމާނީ "ކޮންސިޕިއަރަސީ" ދަންނަ ކޮންމެ މީހަކަށްމެ އެނގޭނެ ކަންކަމެވެ. ބަހަކީ ޡަޤާފަތާއި ތާރީޚެވެ.
- އަދި ހަމަ މިފަދައިން އިސްލާމް މާއްދާއަކީ މިހާރުވެސް އުނިކޮށް ކިޔަވައިދެމުންދާ މާއްދާއެކެވެ. އެހެންވެ މި މާއްދާ ޒަމާނާ އެއްގޮތަށް ތަރައްޤީ ކުރެވެން ޖެހޭނެއެވެ.
- 26 ޖޫންގައި އިސްލާމީ މަރުކަޒުގައި ދިވެހިރާއްޖޭގެ ޤައުމީ މަންހަޖު ޢާއްމުކޮށް އިޢްލާން ކުރުމަށް ބޭއްވި ޖަލްސާގައި ދިވެހިންގެ ޤައުމީ މަންހަޖު ބައްޓަންކުރުމަށް ކޮންސަލްޓް ކުރަނީ ސްވިޑްން އާއި ދިވެހިން ކުރިން އިސްތިޢްމާރު ކުރި މަކަރުވެރި އިނގިރޭސިންނާއި ޖަރުމަނުގެ މީހުން ހިމެނޭކަމަށް މުސްތަފާ ލުތުފީ އެއްބަސްވެފައިވެއެވެ. ދަންނަވަމެވެ. އެއްވެސް ޤައުމެއްގެ ޤައުމީ މަންހަޖަކީ އެ ޤައުމެއްގެ ބަޔަކު ބޭނުންވާ ގޮތަށް ޤައުމަށް ބޭނުންވާ ދަރިން ތައްޔާރު ކުރަން ޤައުމުގެ ޙިކްމަތް ތެރިން ކަނޑައަޅާ ސިއްރު އަސާސީ ބިނާއެކެވެ. ދަރިން ތަރުބިއްޔަތު ކުރާނެ ނިޒާމެވެ. ޤައުމުގައި ރިޢާޔަތް ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަމަކީ ދިވެހިންނަށް އެކަނި އެނގޭނެ ކަންކަމެވެ. އަދި އެއީ ދިވެހިންގެ އެކަނި ހަޢްޤެކެވެ. ޚާއްސަކޮށް %100 އިސްލާމީ ޤައުމެއްގައި ޤާނޫނު އަސާސީގައި އިސްލާމް ދީން ޙިމާޔަތް ކުރުމަށް އެހާ ބާރު ދީފައި ވާއިރު އެކަމަކުން އިސްލާމް ދީން ހަލާކުވެދާނެ ފަދަ އެއްވެސް ކަމެއް ކުރުމަކީ ޤާނޫނު އަސާސީއަށް ޤާނޫން އަސާސީން ލިބިދޭ ފުރިހަމަ ޙިމާޔަތައް ޚިޔާނަތްތެރިވުމެވެ.

2. ފާހަގަ ކުރެވޭ އަނެއް ނުގުތާއަކީ ދިވެހި ސަރުކާރުން އިޒްރޭލާއި އެކު ސިއްރު އެއްބަސްވުންތަކެއް ވެފައިވާ ކަމާއި އަދި ތަޢްލީމީ ދާއިރާގައި އެއްބާރުލުންދީ ތަރައްޤީ ކުރުމަށް ޒަމާންވީ އިސްލާމުންގެ ހަތުރު އިޒްރޭލްއާއި އެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއް ވާކަމަށް ޑރޝަހީދު ފޮރިން މިނިސްޓަރު ޖަމިއްޔަތު ސަލަފާއި އެކު ވެފައިވާ ބައްދަލު ވުމުގައި ހާމަ ކޮށްފައި ވެއެވެ. އަދި އޭގެ ކޮޕީ އެޑިއުކޭޝަނުން ހޯދުމަށް މަޝްވަރާ ދީފައި ވެއެވެ. މިހެން ކަމުން އިޒްރޭލަކީ އިސްލާމީ ޤައުމުތައް މަކަރުވެރި ރޭވުންތައް އެގްރީމެންޓްގެ ސިފައިގައިކޮށް ދުރު މުސްތަޤްބަލްގައި އަޅުވެތި ކުރާބަޔެއްކަމުން މިކަމުގައި އިޒްރޭލްގެ އަތެއް ވާކަމަށް އަޅުގަނޑުމެންނަށް ތުހުމަތު ކުރެވުމާއިއެކު މިއީ އިސްލާމް ދީން ޙިމާޔަތް ކުރުމައް ޤާނޫނު އަސާސީގައި ބުނެފައިވާ ހުރިހާ ތަނަކާއި ފުށުއަރާނޭ ކަމެއްކަން ކަނޑައެޅިގެން ބަޔާންވެގެން ވުން..
ޤާނޫނު އަސާސީގެ އަސްލު މަސްދަރު ކަމުގައިވާ ޤުރުއާނާއި ސުންނަތާއި ޚިލާފް ކަމަކަށް މިކަން ވުން..އިސްލާމީ ޤައުމެއްގެ ގޮތުގައި އޮވެ އިސްލާމް ދަރިންގެ ތަރުބިއްޔަތު ޔަހޫދީން ބައްޓަން ކުރުން ނުވަތަ ބައްޓަން ކުރުމަށް ލަފާ ހޯދުމަކީ މިނިކާވަގުގެ އަގަޔަށް އަމިއްލައަށް އަތްލެއްވުން ކަމުގައި ދަންނަވަމެވެ. މިއީ އިސްލާމީ ޤައުމަކުން ވިސްނަން ޖެހޭނެ އަދި އެހެނިހެން އިސްލާމީ ޤައުމު ތަކާއި މަޝްވަރާ ކުރަން ޖެހޭނެ ކަމެއް ކަމުގައި ދަންނަވަމެވެ.
3. ތިންވަނަ ނުޤުތާއަކީ އަލް މަދަރު ސަތުލް ޢަރަބިއްޔަތުއްލް އިސްލާމިއްޔާ މަޑުމަޑުން އުވާލަން ބަޔަކު ކުރާގޮތަށް ދޭހަވާ ފަދަ ގޮތަށް ޢަމަލު ކުރުން އަދި އެކަމުގައި ދެމިހުރުން
- ސިފައިންގެ ޕްލިސް ރެކޯރޑްތަކަށް ބައްލަވާށެވެ. ދިވެހި ރާއްޖޭގައި އެންމެ ކުށްމަދު ސްކޫލަކީ އެއީ ކަމުގައި ދަންނަވަން ޖެހެއެވެ. އަދި މިއީ ފާއިތު ވިތަނުގައި ސާބިތު ވެފައިވާ ކަންކަމެވެ. އަދި އިންސާނުންނަކީ ކަންކަން ތަޖްރިބާކޮށް ސާބިތުވެފައިވާ ފައިދާ ހުރި ކަންކަން ގޮތްނޭނގޭ ނުވަތަ ކަނޑައެޅިގެން ގެއްލުން ދެނިވި ކަންކަމާއި ދުރުވާ ބަޔެކެވެ. ވަކިން ޚާއްސަކޮށް ތަޢްލީމަކީ ލަފާކޮށްފައި އޭގެ މުޤައްރަރު އެކަށައެޅޭނެ އެއްޗެއް ނޫނެވެ.
- ދާދި ފަހުން ދިވެހިރާއްޖޭގެ ނަން އިންޓަރނޭޝަނަލް މުބާރާތެއްގައި ވިދުވާލީ ޢަރަބިއްޔާގެ ދަރުވަރުގެ ޙައްޤުޤައި ޤައުމީ ފެންވަރުގައި ފާހަގަކޮށްފައި ނެތުން. އަދި އެކަމުގެ ސަބަބުން ޤައުމަށް ރީތި ނަން ހޯދައިދީ އެކަމަށް އެރޮގުން މަސައްކަތް ކުރަން ތިބި ހުރިހާ ދިވެހިންގެ ހިތްމަރުވެ ނާއުއްމީދު ވުން. އަދި މި ދަރިވަރަކީ އިއްތިފާޤުން ނަމަވެސް ޢަރަބިއްޔާގެ ކުއްޖަކަށް ވުމީ މިކަމުގައި އިތުރަށް ވިސްނަން ޖެހޭ ކަމެއްކަން
- ދިވެހި ޤާޟީންގެ ތެރޭގައި މިއަދުގެ ޒުވާނުންގެ އިތުބާރު ހުރި ޤާޟީންނަކީ އަރަބިއްޔާގައި ކިޔަވައި ބޭރުން ތަޢްލީމް ޙާސިލް ކޮށްފައިވާ ދަރިން ކަމުގައި ވުން އަދި މިއީ ޤާޒީންގެ ފެންވަރު މަތިކުރަން ނުހަނު ގިނަގުނަ ބުރަ މަސައްކަތް ތަކަކާއި ޚަރަދު ތަކެއް ކުރަމުންދާއިރު މުސްތަޤްބަލްގައި މިކަން އިތުރަށް އުނދަގޫވެ މާޒީން ޢިބްރަތް ނުލިބިގަތުމުގެ ގެއްލުމާއި ދިވެހި ޖީލު ކުރިމަތި ލާން ޖެހޭނެ ކަމުގެ ހެތްކެކެވެ.
- އަންނަ އަހަރުގެ ތަޢްލީމީ ދައުރުން ޢަރަބިއްޔާއަށް އެންމެ 30 ދަރިވަރުންނަށް ވަދެވޭ ގޮތަށް ޖާގަ ހަނިކޮށް ބެލެނިވެރިންނާއި ދަރިވަރުން ބޭނުންވާ ކިޔެވުން އިޚްތިޔާރު ކުރުމުގެ އިންސާނީ އިސްލާމީ ހައްޤު ގެއްލިފައިވުން އަދި މި ތަނަކީ މުޅި ދިވެހިރާއްޖޭގައި މި ވަގުތު ހުރި ޢަރަބި އިސްލާމީ ސްކޫލަށްވެފައި 4 ލައްކަ މީހުންގެ ތެރެއިން މުޅިއަހަރަށް އެންމެ 30 ޖާގަ ދިނުމަކީ ބުއްދި ޤަބޫލު ކުރެވޭ ކަމެއް ނޫން.
- ޢަރަބިއްޔާގެ ލެބޯޓަރީއާއި ދޭތެރޭ ފަރުވާ ކުޑަކޮށް ޚިދްމަތް ލިބޭނެ ގޮތް ހަދައިދީފައި ނެތުން

4. ކޯއެޑިއުކޭޝަންގެ މައްސަލަ:
- ކޯ އެޑިއުކޭޝަން އަކީ މިޒަމާނާއި ނުގުޅޭ އަން ސައިންޓިފިކް ކަމެއްކަން ފަހުގެ ހުރިހާ ދިރާސާތައް ވަނީ ޔޫރަޕްގެ ޤައުމު ތަކުގައި ޡާބިތުކޮށްދީފައެވެ. އަދި މިއީ މިޒަމާނުގައި ޖެނެރަލް ނޮލެޖްގެ ގޮތުގައި ވާ ޢާއްމު މަޢްލޫމާތައް ވެގެން ވާއިރު މިކަން ކަން ނޭނގި ތަޢްލީމާއި ޙަވާލުވެ ފަހުގެ ދިރާސާތަކާއި ދިމާ އިދިކޮޅު ހެދުން
- 2004 ގައި ޑަބްލިޔޫ އެޗްއޯއިން ދިވެހި ކިޔަވާ ކުދިންނާއި ބެހޭގޮތުން ކޮށްފައިވާ ދިރާސާގައި ޑްރަގް ގެ މައްސަލައަށް ވުރެ ދެ ޖިންސްގެ ދެމެދުގައި ޖިންސީ މައްލަސަތައް %50 ޕަސެންޓުން މަތީ ޢަދަދެއްގެ ކިޔަވާ ކުދިންގެ މެދުގައި ވާކަން ހާމާވެ އެކަމަށް ރިޢާޔަތް ކުރެވިފައި ނެތުން
5. ވަޒީރެއްގެ ހުވާ ކުރައްވާ ކަނޑައެޅިގެން ރައްޔިތުންނަށް ދޮގުހަދައި ހުވަޔާއި ޚިލާފްވެފައިވާކަމުގެ ޡާބިތު ހެކި ފެނި ލިބިފައިވުން.
- 18 ޖޫންގައި ޓީވީއެމްގެ 8 ގެ ޚަބަރުގައި އިސްލާމް އަދި ދިވެހި މާއްދާއަކީ އިޚްތިޔާރީ ( އޮޕްޝަނަލް ) ދެ މާއްދާގެ ގޮތުގައި ޤައުމީ ޓީވީ ( ޓީވީއެމް) އިން މުޅި ދިވެހިރާއްޖެއާއި ބޭރުގެ ފަރާތްތަކަށް މަޢްލޫމާތު ފަތުރައި އެމަހުގެ 26 ވަނަ ދުވަހުގެ ރޭގައި އިސްލާމީ މަރުކަޒުގައި ބޭއްވި ޤައުމީ މަންހަޖު ޢާއްމުކޮށް އިޢްލާން ކުރި ބައްދަކު ވުމުގައި ކުރެވުނު ސުވާލަށް 400 އަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ ކުރިމަތީގައި އިސްލާމް ދިވެހި މި ދެ މާއްދާ އިޚްތިޔާރީ ނުކުރާކަމަށް ބުނެ ކަނޑައެޅިގެން ދޮގު ހަދައިފައިވާކަން.. ( ނޯޓް) މި ސިޓީ އާއި އެކު މީގެ ވީޑިއޯ ސީޑީ ފޮނުވީމެވެ. ދިރޭ ހެކިން ބޭނުންނަމަ އެމީހުން ހާޒިރު ކުރުމަށް ތައްޔާރަށް ތިބި ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ. އަދި ދިވެހި ރާއްޖޭގެ މީޑިޔާ ތަކުން ފަސޭހަ ކަމާއިއެކު މީގެ ހެކި ފެންނަން ހުންނާނެއެވެ.
6. އެޑިއުކޭޝަންގެ މަންޖަހާއި ޚިލާފަށް އައު މުޤައްރަރު އެކުލަވާލުމުގައި ސިޔާސަތު ބައްޓަން ކުރުން
7. 2009 ގެ މަހާސިންތާގެ މަޢްލޫމާތު އޮޅުވާލާ އެ މަޢްލޫމާތު ރައްޔިތުންނަށް ސިއްރު ކުރުން
8. ޤައުމީ މަހާސިންތާގައި ހުރިހާ ބައިވެރިން އެއްބަސްވެފައިވާ އިސްލާމީ ޢަރަބި ތަޢްލީމް ފެތުރުމުގެ ބަދަލުގައި އެކަން ހަނިކޮށް ޢަރަބި ތަޢްލީމް ނައްތާލަން މަސައްކަތް ކުރުން
9. ސަރުކާރުގައި ބައިވެރިވާ ޕާޓީގެ ތެރެއިން އެބަޔަކާއި އިސްލާމިކް މިނިސްޓްރީ ޙަވާލު ކޮށްފައިވާ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ ބަޔާނުން ކަމުގެ ނުރައްކާތެރިކަން ހާމަވުން އަދި އެކަމަށް ރިޢާޔަތް ނުކުރުން
10. ޓީޗަރުންނަށް ބިރުދައްކާކަމަށް ޓީޗާސް އެސޯސިއޭޝަނުން މީޑިޔާގައި މަޢްލޫމާތު ފަތުރާފައި ވުމުން މިއީ ދިވެހި ކިޔަވާކުދިންގެ މުސްތަޤްބަލް ބަނަވާނެ ކަމެއްކަން އަދި މިއީ ވަޒީރަކު ކޮށްގެން ނުވާނެ ކަމަކަށް ވުން
11. ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ތިމަންނާއަކީ ތަޢްލީމް ކުރިއަރުވާ މީހެއްކަން ހާމަކޮށް އެޑިއުކޭޝަން ތަރައްޤީ ކުރާނަމުގައި ވާހަކަ ދައްކާފައި އަމިއްލައަށް ރައީސަށް ސިޓީލިޔެ މީޑީޔާގެ ކުރިމަތީގައި މަޤާމުން އިސްތިއުފާދީ ދައުލަތުގެ ޢިއްޒަތްތެރި މަޤާމަކާއި ކުޅިވަރުކުޅެ ދައުލަތުގެ ހައިބަތު ގެއްލުވާލާ އެއީ ރަށްޔިތުން މަޖިލީހުގެ މެންބަރުންނާއި ހެދިކަމަށް ބުނެ އަލުން ހަމަ އެ މެންބަރުން ތިބެމެ ކަންކަން ކުރީގެ ޙާލަތުގައި ހުރިގޮތައް ހުއްޓާ ވަޒީރުކަމުގެ ހުވަޔާއި ޙަވާލުވެ ހުރުން އަދި މިކަމުގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމް ވެ އަންނަން ތިބި ބަޔެއް އިންވެސްޓަރުން ބިރުގަންނަވާ ޤައުމުގެ އިޤްތިސާދަށް ލޮޅުން އަރާފައިވުން އަދި މިހާރުވެސް އަރަމުން ދިއުން.
12. މަޢްލޫމާތު ފެތުރުމުގައި ދައުލަތުގެ ފައިސާ އިސްރާފް ކޮށްފައިވާކަން ދޭހަވުން އަދި އެކި މީޑިޔާގައި އެކިފަހަރު އެކިގޮތްގޮތަށް ވާހަކަ ދައްކަވާ ހަމަ އެއްބަޔަކާއި ވަކިން ދިމާވެ ބައްދަލުވުމުން ބަސް ބަދަލު ކުރައްވާ ރައްޔިތުންގެ ހިތުގައި ސަރުކާރާއި ދޭތެރޭ އިތުރު ޝައްކުތަކެއް އުފެދުން އަދި އެކަމުގެ ސަބަބުން ޤައުމު ހަލަބޮލިވުން
13. ރާއްޖޭގެ ބަޔެއް ސިޔާސީ ޕާޓީ ތަކާއި މަދަނީ ދީނީ ޖަމިއްޔާ ތަކުން ޑރ. މުސްތަފާ ލުތުފީގެ މައްޗަށް ކޮށްފައިވާ ދަޢްވާތަކަށް ހުއްޖަތާއިއެކު އަމިއްލަ ސްޓޭންޑް ދިފާޢް ނުކުރެވި އޮތުމުން ޑރ.މުސްތަފާއަކީ އެ މަޤާމަށް ކުފޫހަމަވާ ބޭފުޅެއް ނޫންކަން ދޭހަވުން
14. މިއަދުގެ ސަރުކާރުގެ މެނިފެސްޓޯގެ 78 ވަނަ ސަފްޙާއިން ފެށިފައިވާ ބަޔާންވެފައިވާ އިސްލާމް ދީން ދެމެހެއްޓުމުގެ ސިޔާސަތުގެ އެމްޑީޕީ އިއްތިހާދަކުން ކުރުމުއްދަތު ( 1 އަހަރާއި 3 އަހަރުގައި) ގެތެރޭގައި ކުރާނެ ކަންތައްތަކުގެ ތެރެއިން ސަފްޙާ 80 ގެ 2 ވަނަ މާއްދާ ކަމުގައިވާ " ތަޢްލީމުގެ ޤައުމީ މުޤައްރަރަކީ މީހުންގެ މަޤްބޫލުކަން ލިބިފައިވާ އަސާސީ ދީނީ ތަރުބިއްޔަތު ހިމެނިފައިވާ މުޤައްރަރަކަށް ހަދާނަން " ގެ ރޫޙާއި މަޤްސަދާ ދިމާ އިދިކޮޅު ސިޔާސަތެއް ހާމަ ކުރުން
15. ދިވެހި ސަރުކާރުގެ ސްޓެރެޖިކް އެކްޝަން ޕްލޭން ނުވަތަ ޤައުމީ ތަރައްޤީގެ އޮނިގަނޑުގެ 198 ސަފްޙާއިން ފެށިފައިވާ އިސްލާމް ދެމެހެއްޓުމުގެ ސިޔާސަތާއި 3.3 ގެ ދާއިރާގެ ލަނޑުދަނޑިތަކައި މަޤްސަދު ތަކުގެ ރޫޙާއި ޚިލާފްވުމުގެ ސަބަބުން ޤައުމުގައި ފިތުނަ އުފެދުން އަދި ރައްޔިތުން ނާއުއްމީދު ވުން.
16. ހެޔޮބަދަލުގެ ތެރޭގައި ބޭރުގެ ބިދޭސީންގެ މަތީ ނިސްބަތަކީ އިސްލާމުން ނޫން މީހުންކަމުގައި ތިބިކަމާއި އެމީހުންނަކީ ބަނގުރާ ބޯ މީހުންކަން ޓްރޭޑް ގެ ލައިސަންސް ތަކުން ދޭހަވުމުގެ ސަބަބުން ބަނގުރާ ބޯ ބަޔަކު ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ އަޚްލާޤުން އެއްކިބާވާނެކަން އަދި އިސްލާމީ ޤައުމަކުން ނުވަތަ އިންޑިޔާދަފަ ޤައުމަކުން އިސްލާމް ބިދޭސީ ޓީޗަރުން ގެންނަން މަސައްކަތް ކޮށްފައި ނެތުމާއި ކްރިސްޓިއަން މިޝަނަރީން ކަމުގައި ޢާއްމުންގެ ބަޔެއް މީހުން ތުހުމަތު ކުރާ ފަރާތް ތަކާއި މެދު ހަރުކަށި ފިޔަވަޅު އެޑިއުކޭޝަނުން ނާޅުއްވާ ދަޢްވާ ނުކުރައްވާ ޤާނޫނު އަސާސީއަށް ލިބިދޭން ޖެހޭ ޙިމާޔަތް އެޑިއުކޭޝަން ދާއިރާއިން ނުދިނުން
17. ތަކުރާރުކޮށް ކްރިސްޓިއަން ދީން ފަތުރައިގެން ބޭރު ޓީޗަރުން ހިފެމުންދާއިރު އެކަމުގެ މަޢްލޫމާތު މިނިސްޓްރީން ސީދާ ގޮތެއްގައި ރައްޔިތުންނަށް ނުދިނުން އަދި އެކަށީގެން ވާ ފިޔަވަޅު ނޭޅުމާއި އޭގެ ސަބަބުން ދިވެހި ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތައް އުނިކަން ލިބުން.
18. ކްރިސްޓިއަން ދީނުގެ މަޢްލޫމާތު ބޭރު ޓީޗަރުންގެ ފަރާތުން ފޯރޮކޮށްދެވުނު ދަރިވަރުންނަށް އިސްލާމީ ރިކަވަރީގެ މަސައްކަތް މިނިސްޓްރީން ރަސްމީކޮށް ކޮށްފައި ނެތުން އަދި އެކުދިންގެ ދީނީ އަޤީދާއަށް އެކަމުގެ ސަބަބުން ގެއްލުން ވުމުގެ ފުރުސަތު ހުޅުވިފައި އޮތުން
19. ހދ ކުޅުދުއްފުށީ ސްކޫލްގެ ބޯޑާއި ބެލެނިވެރިންގެ ނިންމުމާ ޚިލާފަށް އަންހެން ކުދިންގެ ބުރުގާ ނެގުމުގެ މައްސަލައާއި މިފަދަ މުޢާމަލާތެއްގައި ޅ. ނައިފަރުގައި ބުރުގާ ނޭޅުމަށް ބޯޑުން ނިންމުމުން އެކަމާއި އެއްކޮޅުވެ ތިމާ އިސްލާމީ ޝީޢާރު ތަކާއި އިދިކޮޅުކަން ޒާތީގޮތުން ހާމަވެގެން ދިއުން އަދި ތަޢްލީމީ މަރުޙަލާގައި ހަމައެއް ލަމައެއް އުސޫލެއްނެތި ޑރ.މުސްތަފާ ހިތުހުރިގޮތަކަށް ކަންކަން ނިންމާ އެއީ ޑިމޮކްރަސީގެ ވަށާޖެހޭ ތަޢްލީމް ކަމުގައި ރަށްޔިތުންގެ ކުރިމަތީގައި ހާމަ ކުރަމުން ދިއުން
20. ސްކޫލްތަކުގައި ހަރުދަނާކޮށް ކިޔަވައި ނުދީ ކުދިންނަށް ޓިއުޝަން ދިނުމުގެ ޖީބަށް ބުރަ ޡަޤާފަތެއް ޤާއިމުކޮށް އޭގެ ސަބަބުން ބޭރު ޓީޗަރުން ސްކޫލްގައި ފަރުވާ ކުޑަކޮށް އަދި ދިވެހި ބަޖެޓުން ބޭރުފައިސާ އެގޮތުން ބޭރުވުމާއި މިހާތަނަށް މިކަމަށް ޢަމަލީ ޙައްލެއް ގެނެސްފައި ނެތުން
21. އިސްލާމީ ޢަޤީދާ ވަރުގަދަކޮށް ޤާނޫނު އަސާސީގެ ތަޢްލީމީ ދީނީ މަޤްސަދު ޙާސިލް ކުރުމުގެ ގޮތުން ފެށޭއަހަރަށް އިސްލާމް މުދައްރިސުން އުފައްދާ ތަމްރީން ކުރުމަށް އެއްވެސް މަސައްކަތެއް ފަށާފައި ނެތުން
22. ޑރ.މުސްތަފާގެ އިތުބާރު ނެތްކަމަށް މަޖިލީހުގައި ނަގަން އުޅުނު ވޯޓާއި ގުޅިގެން އަމިއްލަ ދިފާޢްގައި މިއަހަރު މަތީ ތަޢްލީމްގެ ދާއިރާއިން ސްކޯލާ ޝިޕްތަކެއް ދިވެހިދަރިންނަށް ދެއްވާފާ ވާނެކަމުގައި ހާމަކޮށް އެކިއެކި ރަށްރަށުގެ ސްކޫލްތަކުން ޓީޗަރުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލާ އެގްރީމެންޓާއި ޚިލާފުވެ ކޯސްތަކުގައި ބައިވެރިވި ކުދިންގެ ދިރިއުޅުމަށް މާއްދީ ގެއްލުން ލިބޭނޭހެން ޢަމަލުކޮށް އެކަމުގެ ޒިންމާ ނުއުފުލާ މިއަދާއި ހަމައަށްވެސް އެކަމުގެ ސާފު ޕޮލިސީއެއް ކަނޑައަޅައި ކުދިންނަށް އަންގާފައި ނުވުން. އަދި މިއީ އެކަނިވެސް މުސްތަފާ ލުތުފީ މަޤާމުން ދުރުކުރަން ޖެހޭކަމެއްކަމުގައި ދަންނަވަމެވެ. ސަބަބަކީ ސަރުކާރާއި ދިވެހި ރަށްޔިތުންނާއި މެދު ނުބައި ހީކުރުވައި ޝަރަފްވެރި މަޤާމް ތަކުގައި ތިއްބަވާ އެހެން ބޭފުޅުންގެ ޤަދަރަށް އުނިކަން އައުން
އިސްވެ ދެންނެވުނު ވަޖްހު ތަކަށް ބަލައި ޑރ.މުސްތަފާ ލުތުފީ ގެ ސަބަބުން ޤައުމުގެ ތަޢްލީމް ހަލާކުން އެއްކިބާ ކުރުމަށް އޭނާ މިހާރުން މިހާރަށް އެ މަޤާމުން ޢަޒްލު ކޮށްދިނުމަށް އެދި ހުށައެޅީމެވެ. މި ސިޓީއާއި އެކު ބަޔެއް ލިޔެކިޔުމާއި ވީޑިއޯ ހެކި ފޮނުވީމެވެ.
ނޯޓް: (އަޅުގަނޑުމެން ފޮނުވައިފާ ވާ ވީޑިއޯއަކީ އެޑިޓް ކޮށްފައިވާ ބޭނުން ތެރި މަޢްލޫމާތު ހިމެނޭ ވީޑިއޯއެކެވެ. އެޑިޓް ކުރެވިފައިވަނީ ބަލާ މީހުންގެ ވަގުތު ސަލާމަތް ކުރުމާއި އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށެވެ. ތިޔަ ފަރާތުން އެދިއްޖެނަމަ އޭގެ އަސްލު ނޮން އެޑިޓެޑް ވީޑިއޯ އަޅުނޑުމެން އަރުވާނަމެވެ. އެކަން އެދުމުން އެކަން ހަމަ ޖެހޭނެ ވާހަކަ ދަންނަވަމެވެ.)

އިހްތިރާމް ޤަބޫލް ކުރެއްވުން އެދެމެވެ.
10 އޮކްޓޯބަރު 2010-10-10


127 ޖަމިއްޔާގެ މަދަނީ އިއްތިހާދުގެ ފަރާތުން
މަދަނީ އިއްތިޙާދުގެ ރައީސް


ކޮޕީ: ރައްޔިތުންގެ މަޖިލިސް
ދިވެހިރާއްޖޭގެ މީޑިޔާތައް
ސިޔާސީ ޕާޓީތައް
މަދަނީ ޖަމިއްޔާތައް
ފިޤްހު އެކަޑަމީ
އިސްލާމިކް އެފެއާރޒް
ބެލެނިވެރިން
ސްކޫލްތައް
ރައްޔިތުންގެ މަޖިލިސްއަށް

އަޞްލު ލިޔުން ނަގާފައިވަނީ ރާއްޖެއިސްލާމް.ކޮމް އިން.
އަޞްލު ވިދާޅުވުމަށް ތިރީގައިވާ ލިންކަށް ފިއްތަވާލައްވާ

ރާއްޖެއިސްލާމް.ކޮމް


ނޫރާ

އޭނާގެ ކޯވަނީ ވަޅުވަދެ ކުލަ ފަނޑުވެފައެވެ. އޭނާގެ ގައިގެ ހަންގަނޑު ކަށިތަކުގައި ތަތްވެފައިވާކަހަލައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން އޭނާގެ އަޒުމަކަށް ބަދަލެއްނާދެއެވެ. އޭނާ ޤުރުއާން ކިޔެވުމުގައި މަސްޢޫލުވެފައިވާ ވަގުތެއްގައިމެނުވީ ތިބާއަކަށް އޭނާއެއް ނުފެންނާނެއެވެ. ބައްޕަ އޭނާއަށްޓަކައި ތައްޔާރުކޮށްދިން ނަމާދުކުރާ ކޮޓަރީގައި ހީވާގިކަމާއެކު އަޅުކަމުގައި އަބަދުމެ މަސްޢޫލުވެއުޅެއެވެ. ރުކޫޢުކޮށް، ސަޖިދަކޮށް، ޚާލިޤުވަންތަ ﷲ އަށް ދުޢާދެންނެވުމުގައި އޭނާގެ ބަލިކަށި އަތަކަށް ވަރުބަލިކަމެއް ނުލިބެއެވެ. ފަޖުރު ލުމަށްފަހު އިރު އޮއްސުމަށްދާންދެން އޭނާ އެގޮތުގައި ސާބިތުވެހުރެއެވެ. ފޫހިވުމަކީ އޭނާ ފިޔަވާ އެހެންމީހުންނަށް ލިބިފައިވާ ސިފައެއްފަދައެވެ.
އަހަރެންގެ ހާލުހުރީ ކިހިނަކުންކަމަށްތޯއެވެ؟ ޒަމާނީ ފެޝަން ފޮތްތަކާއި ވާހަކަފޮތްތަކަށް އަހަރެންވަނީ ދެވިހިފާފައެވެ. އަހަރެންގެ ނަފްސު އަހަރެން މަސްޢޫލުކުރުވީ ފިލްމުތައްބެލުމުގައެވެ. އެގޮތުން އާފިލްމުތައް ހޯދުމަށް ފިލްމުކުއްޔަށްދޭތަނަށް އަހަރެން ކުރާ ދަތުރުތަކަކީ އެހަރެން ސިފަކޮށްދޭ ރަމްޒެއްކަމުގައިވިއެވެ. މީހަކު އެއްކަމެއް މާބޮޑަށް ތަކުރާރުކުރާނަމަ އެކަމަކީ އެމީހަކު ސިފަކޮށްދޭ ކަމެއްކަމުގައި މީހުންބުނެއުޅޭ ބީދައިންނެވެ. އަހަރެން އަހަރެންގެ ހަޤީޤީ ވާޖިބުތަކާ ޒިންމާތައް އެއްފަރާތްކުރީމެވެ. ކަންނެތްކަން އަހަރެންގެ އަޅުކަންތަކާއި ނަމާދުގެ މައްޗަށް ވެރިވަމުންދިޔައެވެ.
އެއްރެޔަކު އަހަރެން ވީޑިއޯ ނިއްވާލީ ހުއްޓުމެއްނެތި ކުރިޔަށްދިޔަ މެރެތަން ރޭހެއްފަދައިން ތިން ގަޑިއިރުވަންދެން ފިލްމުބަލަން އިނުމަށްފަހުއެވެ. އޭރު ފަތިސް ނަމާދުގެ ބަންގީގެ އަޑު ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރެއަށް މަޑުމަޑުން ފޭދެމުންދިޔައެވެ. ނަމަވެސް އެއަޑަށް ސަމާލުކަމެއް ދިނުމެއްނެތި ރަޖާގަނޑުގެ ދަށަށް އަހަރެން ވަދެ ހިންދެމިލީމެވެ.
ކުއްލިއަކަށް ނަމާދުކުރާ ކޮޓަރީގެ ތެރިން ނޫރާ ގޮވާލި އަޑު އިވުނެވެ. "ކީކޭ! އެއްވެސްކަމެއް ބޭނުންތަ ނޫރާ؟"
ތޫނު ތިނޯހަކުން ފުއްޕާހަމެއް ފަޅާލާފަދައިން ނޫރާ އަހަރެންގެ ރޭވުން ހަލާކުކޮށްލިއެވެ. "ފަތިސްނަމާދުނުކޮށް ނުނިދާތި!"
އާހް.... އަދި ފަތިސްވުމާހަމައަށް އެއް ގަޑިއިރު އެބައޮތް އެއީ އަދި ފުރަތަމަ ބަންގީގެ އަޑު!
ނޫރާ އޭނާގެ ނިޔަނެތި އަޑުން އަހަރެން އޭނާގެގާތައް އައުމަށް އެދުނެވެ. އެއީ އޭނާގެ މިޒާޖެވެ. ނުރައްކާތެރިބަލީގައި ދުވަސްތައް ބަލިއެނދުގައި ގުނަންޖެހުމުގެ ކުރިންވެސް އޭނާގެ މިޒާޖުގައި ނިޔަނެތިކަމާއި މަޑުމައިތިރިކަން އެކުލެވިގެންވިއެވެ. "ހަނާން، މިތާ އަހަރެން ގާތަށް އައިސް އިށީންދެބަލަ"
އަހަރެންނަށް އޭނާގެ އެއްވެސް އެދުމަކަށް ދެކޮޅުހަދާކަށް ނުކެރެއެވެ. އެފަދަ ކޮންމެ އެދުމެއްގައި ތެދުވެރިކަމާއި މަޑުމޮޅިކަން އެކުލެވިފައިވެއެވެ. "ކީކޭ ނޫރާ؟"
"މިތާ އަހަރެން ގާތުގަ އިށީންދެބަލަ."
"އާން މި އިށީންނަނިއްޔޭ! ކޮންވާހަކައެއް ހިތުގަ އޮވެގެންތަ ތިއުޅެނީ؟"
ނޫރާ އޭނާއައްލިބިފައިވާ ރީތި އަޑުން ޤުރުއާން ކިޔަވަން ފެއްޓިއެވެ.
{ كُلُّ نَفۡسٍ۬ ذَآٮِٕقَةُ ٱلۡمَوۡتِ‌ۗ وَإِنَّمَا تُوَفَّوۡنَ أُجُورَڪُمۡ يَوۡمَ ٱلۡقِيَـٰمَةِ‌ۖ فَمَن زُحۡزِحَ عَنِ ٱلنَّارِ وَأُدۡخِلَ ٱلۡجَنَّةَ فَقَدۡ فَازَ‌ۗ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَـٰعُ ٱلۡغُرُورِ} (3:185)
"ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ އަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާދެއްވާނެކަން ކަށަވަރީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."
އޭނާ އެއާޔަތާއިމެދު ވިސްނާލުމަށް މަޑުކޮށްލިއެވެ. އަދި ބުންޏެވެ. "މަރުވާނެކަން ޤަބޫލުކުރަންތަ؟"
"އާން! އެއްވެސް ޝައްކެތްނެތް."
"އެހެންވިއްޔާ އެމީހަކުކުރި ކޮންމެ ކަމަކަށް، އެއީ ކިތަންމެ ބޮޑުކަމަކަސް އަދި ކިތަންމެ ކުޑަކަމަކަސް، އެމީހަކު ޒިންމާވާންޖެހޭނެކަން ޤަބޫލުކުރަންތަ؟"
"އާން. އަހަރެން ޤަބޫލުކުރަން. އެކަމަކު ﷲ އެއީ ފާފަފުއްސަވާ ރަޙްމާންވަންތަ ރަހީމްވަންތަ ރަސްކަލާނގެ. އަދި އަހަރެންގެ ހަޔާތުގައި ބާކީ ބައިވަރުދުވަސްތައް ކުރިއަށް އެބައޮތް"
"ހުއްޓާލާ ހަނާން. ހަނާން މަރާއި މަރުގެ ސަކަރާތާއިމެދު ބިރެއްނުގަނޭތަ؟ ނިކަން ހިންދުއަށް ބަލާބަލަ. އޭނާ ހަނާންއަށްވުރެ ހަގެއްނު. އެކަމަކު އޭނާވަނީ ކާރު އެކްސިޑެންޓެއްގައި މަރުވެފައެއްނު. މިގޮތައް ހަނާންއަށްވެރު ހަގު ކިތައް ކިތައް މީހުން މަރުވެއްޖެ. މަރަކީ އުމުރެއް ދަންނައެއްޗެއްނޫން، އަދި ހަނާންގެ އުމުރަކީ ހަނާން މަރުވާނެ ދުވަސް ކަނޑައަޅާ މިންގަޑެއްވެސްނޫން."
ކޮޓަރީގައިވާ އަނދިރިކަމުގެ ސަބަބުން އަހަރެންގެ ހިތައް ބިރުވެރިކަން ވެރިކުރުވާ ހީބިހިނަގައިގެން ދިޔައެވެ. "އަހަރެންމީ އަނދިރިއަށް ނުލާހިކު ބިރުގަންނަމީހެއް މިހާރު ނޫރާ ތި އަހަރެން މަރުދެކެ ބިރުގަންނަވާލީ" ދެން ކިހިނެތް އަހަރެން މިރޭ ނިދާނީ؟.. ނޫރާ އަހަރެން ހީކުރީ ނޫރާ އަހަރެމެންނާއެކު މިފަހަރުގެ ޗުއްޓީ ދަތުރުގައި ބައިވެރިވާނެކަމަށް."
ނުރާގެ އަޑު ފަޅައިގެންދިޔައެވެ. އޭނާގެ ހިތައް ވެރިވި ބިރުވެރިކަމުގެ ސަބަބުން ތުރުތުރު އަޅަންފެށިއެވެ. "ހީވަނީ މިފަހަރު އަހަރެން ދާންޖެހޭނީ ވަރަށް ދިގު ދަތުރެއްގައިހެން. އެކަމަކު ހަނާންމެން ތިރާވާ ތާކަށްނޫން. މީ އަހަރެންނަށް ހީވާގޮތް. އަހަރެމެންގެ ފުރާނަތަކުގެ ވެރިފަރާތަކީ މާތް ﷲ، އަހަރެމެން އެނބުރި ދިއުންވަނީވެސް އެކަލާނގެ ހަޟްރަތައް."
އެހިނދު އަހަރެންގެ ލޯފުރިގެން ދިޔައެވެ. އަދި ކަރުނަތަށް މަޑުމަޑުން ދެކޯތާފަތްމައްޗަށް ފޭދިގެންދިޔައެވެ.
އަހަރެން ހަނާންގެ ބަލިހާލާއިމެދު ވިސްނާލީމެވެ. އެދުވަހު ޑޮކްޓަރު ބައްޕަޔާއި ވަކިން ބައްދަލުކޮށް ބައްޔާއިމެދު ބުނެފައިވަނީ ނޫރާގެ ބަލި ރަނގަޅުވާނެކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށެވެ. އެއްވެސްމީހަކު ނޫރާ ގާތު މިވާހަކައެއް ނުބުނެއެވެ. އެކަމަކު އެޚަބަރު ނޫރާއަށް ލިބުނީ ކިހިނެތްބާއެވެ؟ ދައްތައަށް ހަޤީޤަތަކީ އެއީކަމަށް ހީވަނީބާވައެވެ؟
"ކޮންކަމަކާ ތި ވިސްނަނީ؟" ދައްތަގެ އަޑުގައިވަނީ ހަމަޖެހުމާއި ޔަޤީންކަމެވެ. "ހަނާން ހީކުރީ އަހަރެން މިގޮތައް މި ވާހަކަދައްކަނީ އަހަރެން ބަލިވީމަކަމަށްތަ؟... އެކަމަކު ސިއްހަތު ރަނގަޅު މީހަކަށްވުރެ މާގިނަދުވަހު އަހަރެން ދުނިޔޭގައި ހުރެވެސްދާނެ. ހަނާންއަށް ދުނިޔޭގައި ހުރެވޭނީ ކިހާދުވަހަކު؟ ވިހި އަހަރު.. ނޫނީ ސާޅިސް އަހަރު؟ ދެން އެއަށްފަހު ވާނީ ކިހިނެތް؟" އަނދިރީގެ ތެރެއިން އޭނާ އަހަރެންގެ އަތުގައިހިފައި މަޑުމަޑުން ފިއްތާލިއެވެ. "އަހަރެމެން ދެމީހުންގެ މެދުގައި އެއްވެސް ތަފާތެއްނެތް. އަހަރެމެން ކޮންމެ މީހަކުވެސް މިދުނިޔެ ދޫކޮށް ސުވަރުގޭގެ އުފާވެރިކަން ނުވަތަ ނަރަކައިގެ އަޒާބު ލިބިގަންނާނެވެ. ﷲ ގެ ބަސްފުޅު ނިކަން އަހާބަލަ."
{فَمَن زُحۡزِحَ عَنِ ٱلنَّارِ وَأُدۡخِلَ ٱلۡجَنَّةَ فَقَدۡ فَازَ‌ۗ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَـٰعُ ٱلۡغُرُورِ‌}
"ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." (3:185)
އަހަރެން ދައްތަގެ ކޮޓަރިން ނުކުތުމަށް ހިނގައިގަތީމެވެ. "މާތް ﷲ ހަނާންއަށް ހެޔޮމަގަށް މަގު ދައްކަވާށި , ފަތިސް ނަމާދުގެ މަތިން ހަނދާންނައްތާނުލާތި" ނޫރާ އަރެންނަށްޓަކައި ހެޔޮދުޢާ ކޮށްދިނެވެ.
އަށެއްޖެހިއިރު އަހަރެންނަށް ހޭލެވުނީ ދޮރުގައި މީހަކު ޖަހާއަޑަށެވެ. މިއީ އާންމުގޮތެއްގައި އަހަރެން ހޭލާ ގަޑިއެއްނޫނެވެ. "އަނެއްކާ ކިހިނެތްވީބާ؟"
ފަތިސް ނަމާދަށްފަހު ނޫރާގެ ހާލުމާބޮޑަށް ދެރަވީއެވެ. އެމީހުން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ. " إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٲجِعُونَ "
މިހާރު މެންދުރުން އަނބުރާ އެކެއް ޖަހަނީއެވެ. މަންމަ ނޫރާގެ ހާލުބެލުމަށް ހޮސްޕިޓަލުގައި ހުރި ބައްޕައަށް ފޯންކުރިއެވެ. "އާން. މިހާރު އައިސް ނޫރާއާ ބައްދަލުކުރެވިދާނެ" ބައްޕަގެ އަޑުގައިވާ ރާގު މިހާރު ބަދަލުވެއްޖެއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގައި މަންމައަށް ޔަޤީންކުރެވުނެވެ. މަންމައާއި އެކު އަހަރެން ވަގުތުން ހޮސްޕިޓަލަށްދިއުމަށް ނުކުތީމެވެ.
އަހަރެން ކޮންމެދުވަހަކުމެ އެއީ ވަރަށްކުރު މަގެއްކަމަށްދެކި އެމަގަކުން ދަތުރުކުރާ މަގު މިއަދު ވަރަށްދިގުވެއްޖެއެވެ. އަދި ކޮންމެ ދުވަހަކުމެ އެމަގަކުން ފެންނަ މީހުންތައް މިއަދު އަހަރެންނަކަށް ނުފެނެއެވެ. މީގެ ކުރިން އެމީހުން އަހަރެންނަށް މަގުން ތަންދައްކާކަމުގައި އަހަރެންނަށް ހީވިއެވެ. ހަލުވި ހިނގުމުގައި އަހަރެންނާއި މަންމަ ހިނގާފައިދިޔައިރު މަންމަ ދިޔައީ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުން ފޮހެމުންނެވެ. އަދި އަބަދުމެ ނޫރާއަށްޓަކައި ހެޔޮ ދުޢާކުރަމުންދިޔައެވެ.
އަހަރެމެން ހޮސްޕިޓަލްގެ ދޮރުން އެތެރެއަށްވަނީމެވެ.
ހޮސްޕިޓަލްގެ ތެރޭގައި އެކަކު ހިތާމަވެރިކަމާއި މޮޅިވެރިކަމާއެކު ރޮމުންދިޔައެވެ. އަނެކަކު އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ގޮވައިގެން ހޮސްޕިޓަލްގައި ހަރަކާތްތެރިވަމުންދިޔައެވެ. އަދި ތިންވަނަ މީހެއްގެ ލޮލުގައި ނަރުހުން އައިސް އަޅަމުންދިޔައެވެ. އޭނާ ދިރިހުރިކަމެއް ނުވަތަ މަރުވެފައިވާކަމެެއް ބުނާކަށްނޭންގެއެވެ.
ހަލުވި ފިޔަވަޅުގައި އަހަރެމެން ނޫރާއޮތް ފްލޯއަށް އެރީމެވެ. ނޫރާ އޮތީ އިންޓެންސިވް ކެއަރ ޔުނިޓްގައެވެ.
އެވަގުތު ނަރުހެއް އަހަރެމެންނާއި ބައްދަލުކުރިއެވެ. "ނޫރާ އޮތް ތަނަށް ގެންގޮސްދެންތަ؟" އަހަރެމެން ނަރުހާއި އެކު ހިނގަމުންދިޔައިރު އޭނާ ނޫރާގެ ރަނގަޅުކަމާއި މަޑުމައިތިރިކަމުގެ ވާހަކަ ދައްކަމުންދިޔައެވެ. އަދި މިއަދު ހެނދުނަށްވުރެ މިހާރު ނޫރާގެ ހާލު ރަނގަޅުކަމުގައި އޭނާ މަންމަގާތުބުންޏެވެ.
"މާފުކުރޭ މިތާ އެތެރެޔަށް ވަދެވޭނީ ފަހަރަކު މީހަކަށް." މި އީ ހާލުބޮޑު ބަލިމީހުންނަށް ޚާއްޞަފަރުވާދެވޭ ތަނެވެ. ބޭރުގައި ހުރި ކުޑަދޮރުން ހަނިގޮތަކަށް އަހަރެންނަށް ނޫރާގެ މޫނު ފެނުނެވެ. މަންމަ ނޫރާގެ ގާތުގައި ހުއްޓެވެ. ދެމިނެޓެއްވަރުފަހުން މަންމަ ބޭރަށް ނުކުތެވެ.
"މިހާރު ވަދެވިދާނެ. އެކަމަކު މާގިނައިރު ވާހަކަ ނުދައްކާތި" އެމީހުން އަހަރެންގާތު ބުންޏެވެ. "ދެމިނެޓްވަރު ރަނގަޅުވާނެ"
"ނޫރާ. ހާލުކިހިނެތް؟ ރޭގައި ނޫރާގެ ހާލު ވަރަށް ރަނގަޅެއްނު. ކިހިނެތްވީ؟"
އަހަރެމެން އެކަކު އަނެކަކުގެ އަތުގައި ހިފާ މަޑުމަޑުން ފިއްތާލީމެވެ. އެވަގުތު ނުރާ އުނދަގޫގޮތަކަށް ކެއްސާލިއެވެ. "މިހާރުވެސް، އަލްހަމްދު ލިއްލާހި، އަހަރެންގެ ހާލު ހަމަ ރަނގަޅު."
"އަލްހަމްދު ލިއްލާހި... އެކަމަކު.... ދައްތަގެ އަތް ހާދަ ފިންޔޭ"
އަހަރެން އެދުމަތީގައި އިށީންދެ ދައްތަގެ ކަކުލުގައި އަތްޖައްސާލީމެވެ. އޭނާ އަހަރެންގެ އަތް ވަގުތުން ދުރަށް ކޮށްޕާލިއެވެ. "މާފުކުރޭ ދައްތައަށް ތަދުވީތަ؟"
"ނޫން ކުއްލިއަކަށް މާތް ﷲ ގެ ބަސްފުޅެއްގެ މަތިން ހަނދާންވީ"
{ وَٱلتَفَّتِ ٱلسَّاقُ بِٱلسَّاقِ }
{އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅާލެވޭ ހިނދެވެ. (29-75)}
"ހަނާން. އަހަރެންނަށްޓަކައި ހެޔޮ ދުޢާކޮށްދީ. އަހަރެން ވަރަށް އަވަހަށް ދާއިމީ ދިރިހުރުމުގެ ފުރަތަމަ ދުވަހާއި ބައްދަލުކުރަން ޖެހިދާނެ. އެއީ ވަރަށްދިގު ދަތުރެއްއެދަތުރަށްޓަކައި އަހަރެންނަށް މާބޮޑު ހެޔޮކަމެއް ރައްކާކުރެވިފައެއްނެތް."
ނޫރާގެ އެބަސްތަކުން އަހަރެންގެ ލޮލުން ހުދު އަހަރެންނަށްވެސް ނޭންގި ކަރުނަތައް ސިއްރުން ފައިބަން ފެށިއެވެ. އެންމެފަހުން އަހަރެންނަށް ރޮވެންފެށިއެވެ. އޭނާވެސް އަހަރެންގެ ރުއިމުގައި ބައިވެރިވިއެވެ. އަހަރެމެން ދެބެންމެ އެކަކު އަނެކަކުގެ އަތުގައި ހިފަހައްޓައިގެން ތިބެ ރޮމުން ދިޔައީމެވެ. އަހަރެންގެ ލޮލުން ފޭބި ކަރުނަ ތިކިތައް ދައްތަގެ އަތްމައްޗަށް ފައިބަމުން ދިޔައެވެ. މި މަންޒަރު ބަލަން ކަންބޮޑުވެފައި ބައްޕަ ހުއްޓެވެ. މީގެ ކުރިން އަހަރެން މިފަދައިން ރޮނިކޮށް ބައްޕައަށް ފެނިފައެއް ނުވާނެއެވެ.
އަހަރެން ގޭގެ ކޮޓަރީގައި ހިތްދަތި ދުވަހެއްގެ އިރު އުދަރެހުން އޮބާލާ މަންޒަރު ބަލަން އިނީމެވެ. މުޅިގޭތެރޭގައިވެސް ރަސްކަންކުރަމުންދިޔައީ ހަމަހިމޭންކަމެވެ. އަހަރެންގެ ބޮޑުބޭބެގެ ކުއްޖެއް ކޮޓަރިއަށް އައިސް ވަނެވެ. އަދި މަޑުމަޑުން ގޭތެރޭގައި މެހުމާނުން އިތުރުވަމުންދިޔައެވެ. ހުރިހާ އެންމެންގެ އަޑުތައްވަނީ އެކަތިގަނޑަކަށްވެފައެވެ. އަހަރެންނަށް ޔަޤީންކުރެވުނީ ހަމަ އެންމެކަމެކެވެ. ދައްތަ ނޫރާ މި ދުނިޔެއާއި ވަކިވެއްޖެއެވެ!
މިކޮޓަރިއަށް ވަދެނިކުމެވީ ކޮންބައެއްކަމެއް އަހަރެންނަކަށް ނޭންގެއެވެ. އަމުދުން އެމީހުން ދެއްކީ ކޮންވާހަކަތަކެއްކަމެއްވެސް އަހަރެންނަކަށް ނޭންގުނެވެ. މާތް ރަސްކަލާކޯއެވެ. އަހަރެންނަށް މިވަނީ ކިހިނެތްހެއްޔެވެ؟ އަހަރެންނަކަށް އިތުރަކަށް ނުވެސް ރޮވުނެވެ.
އަހަރެންގެ ހަނދާނުގައި ހުރީ އެންމެ ކަމެކެވެ. އެއީ ނުރާ އޭނާގެ އެންމެ ފަހުގެ ވަގުތުތައް ބަލި އެނދުގައި އޮވެ ގުނަމުންދިޔަ ވަގުތެވެ. އެހިނދު ނޫރާ ކިޔެވި އާޔަތުގެމަތިން އަހަރެން ހަނދާންވިއެވެ:
{ وَٱلۡتَفَّتِ ٱلسَّاقُ بِٱلسَّاقِ } "އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅާލެވޭ ހިނދެވެ." (29-75) އަހަރެންނަށް ޖެހިގެން އޮތް އާޔަތުގެ ތެދުކަން މާބޮޑަށްވެސް ޔަޤީންކުރެވުނެވެ. { إِلَىٰ رَبِّكَ يَوۡمَٮِٕذٍ ٱلۡمَسَاقُ } "އެދުވަހުން އެމީހަކު ގެންދެވުންވަނީ، ތިބާގެ ވެރިރަސްކަލާނގެ ހަޟްރަތަށެވެ." (30-75)}
އަހަރެން މަޑުމަޑުން ދައްތަގެ ނަމާދު ކޮޓަރިއަށް ވަނީމެވެ. އަދި ހަމަހިމޭންވެފައިވާ ނޫރާގެ ހެދުން އަލަމާރިއަށާއި، ބަސްހުއްޓިފައިވާ ލޯގަނޑަށް ބަލާލީމެވެ. އަހަރެން އަހަރެންނާއެކު މަންމަގެ ރަހިމް ހިއްސާކުރި ދައްތަގެ ހަނދާން އާކުރީމެވެ. ނޫރާއަކީ އަހަރެންގެ އެއްމާބަނޑު ދައްތައެވެ.
އަހަރެން އަހަރެންގެ ހިތާމަތައް ހިއްސާކުރި ދައްތަގެ މަތިން ހަނދާންކުރީމެވެ. އެއީ އަހަރެންގެ ހަޔާތުގެ ބަނަ ދުވަސްތަކުގައި އަހަރެން މަސަލަސްކޮށްދިން ދައްތައެވެ. އަދި އަހަރެންނަށް ތެދުމަދު ލިބުމަށްއެދި ﷲ އަށް ދުޢާކުރުމުގައި ދެމިހުރި ލޯބިވާ ދައްތަގެ މަތިން ހަނދާންކުރީމެވެ. ދައްތަވަނީ އަހަރެންނަށްޓަކައި އެތަކެއް ދިގު ރޭތަކެއް ރުއިމުގައި ހޭދަކޮށްފައެވެ. މަރާއި ތިމާގެ ޢަމަލުތަކާމެދު ތިމާ ޒިންމާވާންޖެހޭ ދުވަހުގެ މަތިން ހަނދާންކޮށްދިނުމުގައެވެ. މާތް ﷲ އަހަރެމެން އެންމެން ނަރަކައިން ސަލާމަތްކުރައްވާށިއެވެ.
މިއީ ނުރާ އޭނާގެ ކައްވަޅުގައި ހޭދަކުރާނޭ ފުރަތަމަ ރެޔެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ ނޫރާއަށް ރަޙްމަތްލައްވާ އޭނާގެ ކައްވަޅު އަލިކޮށްދެއްވާފާންދޭވެ. މިއީ އޭނާ ކިޔަވަން ގެންގުޅުނު މުސްހަފެވެ. އަދި މިއީ އޭނާގެ ނަމާދު މުސައްލައެވެ. ދެން އެވަނީ މަޑު ފިޔާތޮށި ފިނިފެންމާ ކުލައިގެ ހެދުމެކެވެ. އެއީ ނޫރާ އޭނާގެ ކައިވެނީގެ ދުވަހަށްޓަކައި ރައްކާކޮށްފައިވާ ހެދުމެކެވެ. ހަމައެކަނި އޭނާގެ ފިރިމީހާއަށްޓަކައެވެ.
އަހަރެން އަހަރެންގެ ދައްތަގެ މަތިން ހަނދާންކުރީމެވެ. އަދި ވޭތުވެދިޔަ ތަނުގައި އަހަރެން އިސްރާފުކޮށް ބޭކާރުކޮށްފައިވާ ދުވަސްތަކާއިމެދު ހިތާމަކޮށް ރުއިމެވެ. އަދި ﷲ ގެ ހަޟްރަތުން އަހަރެންނަށް ރަޙްމަތްލައްވާ ފާފަފުއްސަވައިދެއްވުން އެދި ދެންނެވީމެވެ. އަދި އަހަރެންގެ ދައްތައަށް ދައްތަ އޭނާގެ ދުޢާގައި އަބަދުމެ އެދޭފަދައިން ކައްވަޅުގައި ސާބިތުކަންދެއްވުންއެދި ދެންނެވީމެވެ.
ކުއްލިއަކަށް އަހަރެންގެ ނަފްސައް ސިހުމެއް ވެރިވިއެވެ. އަދި ހަށިގަނޑު ތުރުތުރުލާންފެށިއެވެ. އަހަރެން އަހަރެންގެ ނަފުސާ ސުވާލުކުރީމެވެ. "މިއަދު އެމަރުވީ އަހަރެންނަމަ... ދެންވާނީ ކިހިނެތްހެއްޔެވެ؟ އަހަރެންގެ ނިމުންވާނީ ކޮންފަދައަކުން ހެއްޔެވެ؟ އަހަރެންގެ ހިތުގައި އުފެދިގެންދިޔަ ބިރުވެރިކަމުގެ ސަބަބުން އަނެއްކާވެސް ހޯސްލާފައި އަހަރެންގެ ލޮލުން ކަރުނަތައް އޮހިގަތެވެ.
ﷲ އަކްބަރު، ﷲ އަކްބަރު... (އެންމެބޮޑީ ﷲ އެވެ. އެންމެބޮޑީ ﷲ އެވެ.)
ރޭގަނޑުގެ ހަމަހިމޭން ކަމުގެ ތެރެއިން މިސްކުތުން ބަންގީގެ އަޑު ފާޅުވާންފެށިއެވެ. މިފަހަރު އެ އަޑުގައިވަނީ ކޮންފަ ޖާދޫއެއް ހެއްޔެވެ. މަތިވެރިކަމާއި ބާރު އެ ލަފްޒުތަކުން އަހަރެންނަށް މިރޭ ސިފަވަމުންދިޔައެވެ. މުއައްދިން އިއްވަމުންދިޔަ ބަންގީގެ ލަފްޒުތައް އަހަރެން މަޑުމަޑުން ތަކުރާރުކުރަމުންދިޔައިރު ހިތައް ހަމަޖެހުމާއި އަމާންކަން ވެރިވެގެންދިޔައެވެ. އަހަރެން އަހަރެންގެ ބުރުގާ ބޮލާއިއެކު އަޅާ ނިވާކޮށްލީމެވެ. އަދި ފަތިސްނަމާދުކުރުމަށް ތެދުވީމެވެ. އަހަރެން ނަމާދުކުރީ އެއީ އަހަރެންގެ ހަޔާތުގެ އެންމެފަހު ނަމާދުކަމުގައި ދެކިގެންނެވެ. އަހަރެންގެ އުޚްތު ނޫރާ އިއްޔެގެ ފަތިސްނަމާދު ކުރިފަދައިންނެވެ. އެއީ އޭނާގެ އެންމެފަހުގެ ފަތިސް ނަމާދެވެ.
މިހާރު އަދި އިންޝާﷲ އަހަރެންގެ މުޅިއުމުރުގައިވެސް އަހަރެންނަށް ހެނދުނު ހޭލެވިއްޖެނަމަ ހަވީރުވަންދެން ދުނިޔޭގައި ހުރެވިދާނެކަމަށް އަހަރެން އުންމީދެއް ނުކުރަމެވެ. އަދި ހަވީރުވުމުން ހެނދުނުވަންދެން ދުނިޔޭގައި ހުރެވޭނެކަމަށް އަހަރެން އުންމީދެއް ނުކުރަމެވެ.
އަހަރެމެން ކޮންމެ މީހަކީވެސް ނޫރާ އެކުރި ދަތުރާ ކުރިމަތިލާންޖެހޭނޭ މީހެކެވެ. މިއަދު ނީނޫ މާދަމައެވެ. ވީއިރު އެދަތުރައްޓަކައި އަހަރެމެން ތައްޔާރުކުރީ ކޮންއެއްޗެއްހެއްޔެވެ؟
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ އީމާންކަމުގެ ފޭރާމުން އަޅަމެން ޒީނަތްތެރިކުރައްވާފާންދޭވެ! އަދި އަޅަމެންނީ ހައްޤުގެ މަގުގައި ހިފައި ތެދުމަގަށް ގޮވާލާ ބަޔަކު ކަމުގައި ލައްވާފާންދޭވެ! - އާމީން


ނޯޓް: މިއީ އަބްދުލްމާލިކް އަލް ޤާސިމް ލިއުއްވާފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް މުޙައްމަދު އަލް ޝަރީފް އިނގިރޭސި ބަހުން ލިއުއްވާފައިވާ ވާހަކައެއްގެ ތަރުޖަމާއެކެވެ.

ލިޔުނީ : އަލްއަޚް ޢަބްދުﷲ ޝާކިރު މުޙައްމަދު

އަޞްލު ވިދާޅުވުމަށް

ރާއްޖެއިސްލާމް.ކޮމް