އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Friday, August 27, 2010

އަނބި މީހާއަކީ ޢާއިލާގެ 75 އިންސައްތަ : ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު


ޢާއިލާ ބިނާކުރުމުގައި އަނބި މީހާގެ ދައުރަކީ 75 އިންސައްތަ ކަމަށާއި އެހެންކަމަށްވާއިރު ޢާއިލާގެ ކަންކަން ނިންމުމުގައި އަނބިންގެ ބަސް ވިކެންޖެހޭނެކަމަށް އުރުދުންގެ ޔުނިވަރސިޓީގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ވިދާޅުވެއްޖެއެވެ.

އިސްލަމިކް މިނިސްޓްރީގެ ފަރާތުން 1431 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތަށް އިޙްޔާކޮށް ދިރުވުމުގެ ގޮތުން ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުގެ ރެއާއި ބުރާސްފަތި ދުވަހުގެ ރޭ ސިލްސިލާކޮށް ބާއްވަމުން ގެންދާ ފޯރަމުތަކުގެ ތެރެއިން ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ވާހަކަ ދައްކަވަމުން ވިދާޅުވީ އާއިލާ ބިނާ ކުރުމުގައި އަނބިންގެ ދައުރަކީ 1/2 ކަމަށް ޤަބޫލުނުކުރައްވާކަމަށާއި އޭނާ ޤަބޫލުކުރައްވަނީ އަނބިންގެ ދައުރަކީ 75 އިންސައްތަ ކަމަށެވެ.

މިފޯރަމުގައި "ޢާއިލައަށް ކުރެވޭ އަނިޔާތަކާއި އޭގެ އަސަރު" މި މައިގަނޑު މައުޟޫޢަށް ވާހަކަ ދައްކަވަމުން ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި އާއިލީ މައްސަލަތައް ފުނިޖެހެމުންދާކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް އެފަދަ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ.

މިކަމުގެ ސަބަބެއްކަމަށް ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނުގައި އަނބިންނާއި ފިރިންގެ ހައްޤުތައް ބަޔާންވެގެންވާގޮތުގެ މައުލުމާތު ދެ ފަރާތަށް ވެސް އޮޅުން ނުފިލުން ކަމަށެވެ.

ޢާއިލާގެ ވެށީގައި ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ނުލިބުމަކީ މިއަދު މުޖުތަމަޢުއަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ އެންމެ ބޮޑު ސަބަބު ކަމަށްވެސް ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ވިދާޅުވިއެވެ. އަދި މިއަދު މުޖުތަމައު ގޯސްވަމުން އަންނަނީ އާއިލީ ވެށި ގޯސްވުމުންކަމަށްވެސް ވިދާޅުވިއެވެ.

އަނބިންނަށް ހެޔޮކޮށް ހިތުމުގެ މުހިއްމުކަން ބަޔާންކޮށްދެއްވައި ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ޙަދީޘްފުޅުތަކުން ހެކި ދައްކަވަމުން ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ވިދާޅުވީ އެންމެ ހެޔޮ މީހާ އަކީ އެމީހާގެ އަނބިންނަށް ހެޔޮ މީހާކަމަށް ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް ހަދީޘްފުޅު ކުރައްވާފައިވާކަމަށެވެ. އަދި އަނބިންނާއިމެދު ހަރުކަށިކޮށް ކަންކަން ނުކުރުމަށް ބާރުއަޅުއްވަމުން ވިދާޅުވީ އަނބިންނާއިމެދު ހަރުކަށިކޮށް ކަންކަން ކުރާ މީހާއަކީ އެންމެ ނުރަނގަޅު މީހާ ކަމަށެވެ.

ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ދެއްވި ދަރުސްގައި އެންމެ ބޮޑަށް ފާހަގަކުރެއްވި އެއްކަމަކީ ޢާއިލާތެރޭގައި، ދެމަފިރިންގެ މެދުގައި މައްސަލަތައް ކުރިމަތިވުމުން އެކަންކަން ބޮޑުކޮށްގެން އެކަކު އަނެކާގެ ބޮލުގައި އިލްޒާމް އަޅުވައި އެކަންކަން ބޮޑުކުރުމަށް މަސައްކަތް ކުރުމުން ކުރިމަތިމަތިވަމުންދާ މައްސަލަތަކެވެ.

ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ވިދާޅުވީ ކޮންމެ ބައެއްގެ މެދުގައިވެސް މައްސަލަތައް ކުރިމަތިވާނެކަމަށާއި އެންމެ ފައިދާ ހުރި ގޮތަކީ ކަމެއް ދިމާވުމުން އެކަމަށް ޞުލްހަވެރި ހައްލެއް ހޯދަން މަސައްކަތްކުރުން ކަމަށެވެ.

އަދި އާއިލާގެ ކަންކަމުގާ ދެމަފިރިންނަކީވެސް މަސްއޫލިއްޔަތު އުފުލަންޖެހޭ ޒިންމާދާރު ބައެއްކަން ހާމަކުރައްވަމުން ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތް ވިދާޅުވީ އެއްވެސް ހާލެއްގައި އެކެއް އަނެކާގެ ކިބައިގާ ޒިންމާ އަޅުވައިގެން އެކެއް އަނެކާގެ ކުށްތައް ދައްކަން މަސައްކަތްކުރުމަކީ ރަނގަޅުގޮތް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ދެމީހުންނަކީވެސް އެއްވަރަށް މަސްއޫލިއްޔަތު އަދާކުރަންޖެހޭ ބަޔަކުކަމަށް ޤަބޫލުކޮށްގެން މައްސަލަތައް ޢާއިލީ ޒިންމާތައް އުފުލަން މަސައްކަތްކުރުމަށް ވެސް ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު އިލްތިމާސް ކުރެއްވިއެވެ.

ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތަކީ ޖިއްދާގައި ހުންނަ ކިންގ ޢަބްދުލްޢަޒީޒް ޔުނިވަރސިޓީއިން ފެކަލްޓީ އޮފް ޝަރީޢާ އަދި އެޑިއުކޭޝަންގެ ދާއިރާއިން ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. މާސްޓަރސް ހައްދަވާފައިވަނީ 1978 ގައި ކޮމްޕަރޭޓިވް ފިޤުހުއިން މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިންނެވެ. އަދި ޕީ.އެޗް.ޑީ ޙާސިލްކޮށްފައިވަނީ ހަމަ އެދާއިރާއިންނެވެ. މީގެ އިތުރުން އުރުދުންގެ ޤާޟީ ކަމުގެ ސެޓްފިކެޓް 2005 ގައި ނަންގަވައިފައިވެއެވެ.

ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ޢިލްމީ ގޮތުންކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި 1985 ން ފެށިގެން ތަފާތު ދާއިރާތަކުގައި ލެކްޗަރ ދެއްވުމަށް ފައްޓަވާފައިވެއެވެ. 1985 ން 1990 އަށް އުރުދުންގެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާގެ ޑެޕިއުޓީ ޑީންކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން ފެކަލްޓީ އޮފް ޝަރީޢާގެ ފިޤުހާއި ބެހޭ ޑިޕާޓްމަންޓްގެ ރައީސެއްގެ މަޤާމް 1994 ން 1995 އަށް ކުރައްވާފައިވެއެވެ.

ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ޝަރީޢާއާއި، ފިޤުހުގެ ދާއިރާއިން ގިނަގުނަ ފޮތްތަކެއް ލިޔުއްވާފައިވެއެވެ. އަދި އިންޓަރނޭޝަނަލް އެޑިއުކޭޝަނަލް އެކަޑަމީތަކުގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

ރޭ ބޭއްވި "އިޙްޔާ ފޯރަމް-5" ގައި ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ގެ ތަޤްރީރަށްފަހު ފޯރަމްގައި ބައިވެރިވި ބޭފުޅުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދިނުން އޮތެވެ. ސުވާލުތަކަށް ޖަވާބުދެއްވީ ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު އާއި، ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އާއި، އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި، އައްޝައިޚް ފައްޔާޒް ޢަލިމަނިކް އަދި އައްޝައިޚް ޢަލީ ޒާހިރު ބިން ޢަބްދުލް މަންނާން އެވެ.

= މަަޢުލޫމާތު: މިއަދު ނޫސް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް =

No comments:

Post a Comment