އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Friday, August 20, 2010

ލޮބުވެތި މުސްލިމުންނޭވެ. ތިގޮތުގައި ހިފަހައްޓާލާށެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް އަޅުގަނޑުމެން ވޭތުކުރަމުން ދާއިރު ދިވެހިރާއްޖޭގެ މުޖުތަމަޢުން އަޅުގަނޑުމެންގެ ހިތްތަކަށް ފިނިކަން ލިބޭ ފަދަ މަންޒަރުތަކެއް ފެންނަމުންދާ ކަމަކީ އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އަޅުގަނޑުމެންނަށް ގިނަ ފަހަރު ވާހަކަ ދެކެވެނީ މުޖުތަމަޢުން ފެންނަ ނުރަނގަޅު ކަންތަކާއި ބެހޭ ގޮތުންނެވެ. ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި ހިނގާ ވިޔާނުދާ ގޯސް ކަންތައްތައް ހުއްޓުވަން ތަފާތު ފެންވަރުގައި އެބަޔަކަށް ކުޅަދާނަވީވަރަކުން މަސައްކަތް ކުރަންޖެހޭނެއެވެ. ހަމަމިއާއެކު ރަނގަޅު ކަންތައްތައް ފާހަގަކޮށް އެފަދަ ކަންތައްތަކަށް އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެ، ހިތްވަރުދީ އެކަމުގެ މަތީގައި ސާބިތުވެތިބުމަށް ނަޞޭހަތްތެރިވާ ބައެއްކަމުގައިވެސް އަޅުގަނޑުމެން ވާންޖެހޭނެއެވެ.

ކައިރި މާޟީގައި ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު މިއަހަރުގެ ރަމަޟާންމަހު ދީނީ ކަންތައްތަކަށް ރާއްޖޭގެ ލޮބުވެތި މުސްލިމުން ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ޖަމާޢަތުގައި ނަމާދުކުރުމަށް ސަމާލުކަންދޭ މީސްތަކުން ވަނީ ކުރީ އަހަރުތަކާއި ބަލާއިރު ގިނަވެފައެވެ. ޚާއްޞަކޮށް ފަތިސް ނަމާދުގެ ޖަމާޢަތަށް ހާޟިރުވާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން ގިނަ މިސްކިތްތައް ފުރިގެން މިސްކިތުގެ ބޭރުގައި ނަމާދުކުރަންޖެހޭ ކަމަކީ މިކަމުގެ ހެއްކެކެވެ. މީގެ އިތުރުން ތަރާވީހު ނަމާދަށް އަހަންމިއްޔަތުކަންދޭ އަޚުންނާއި އުޚުތުންގެ ޢަދަދުވެސް ވަނީ ގިނަވެފައެވެ. އަދި ދީނީ ދަރުސްތަކާއި ޛިކުރުގެ މަޖިލީސްތަކުގައި ބައިވެރިވާ ފަރުދުންގެ ޢަދަދު ގިނަކަންވެސް ފާހަގަކޮށްލެވެއެވެ. ކީރިތި ޤުރުއާން ކިޔެވުމާއި މިފަދަ ހެޔޮކަންތައްތަކުގައި މަޝްޢޫލުވެގެން އުޅޭ މީހުން އިތުރުވެފައިވެއެވެ.

މުޖުތަމަޢުން މިއަދު ފެންނަމުންދާ މިފަދަ ރަނގަޅު އަސަރުތަކަކީ މާތް ﷲ ގެ ރަޙްމަތްފުޅާއެކު ވަރަށް ގިނަ ބަޔަކު މުޖުތަމަޢުގެ ލާބައާއި އިޞްލާހަށްޓަކައި، އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުމުގެ ހެޔޮ ނަތީޖާއެވެ. މިގޮތުން ދީނީ ޢިލްމުވެރިންނާއި، ސަރުކާރުގެ މުޢައްސަސާތަކާއި، މަދަރުސާތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އެކި އަފުރާދުން ކުރަމުންދާ މަސައްކަތްތައް އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ހެޔޮހިތުން ބަލައިގަންނަންޖެހެއެވެ.
ހަމަމިއާއެކު އަޅުގަނޑުމެން ހަނަދާން ނައްތާލައިގެންނުވާނެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ، ރަޙްމަތުން ފައްސާލެވިގެންވާ ޝައިޠާނާ އަޅުގަނޑުމެންނަށް އެކި ފަރާތްފަރާތުން އެކިގޮތްގޮތަށް ދީނުގައި ސާބިތުވުމަށް ހުރަސް އަޅަމުންދާނެ ކަމެވެ. އަދި މީސްތަކުންގެ ތެރެއިން ޝައިޠާނާ އަށް ހެއްލި އޭނާއަށް ވާގިވެރިވެ، އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްކުރަމުންދާ ފަރާތްތަކުގެ މަސައްކަތްތައް ވަރަށް ބާރަށް މުސްލިމުންނަށް ދީނަށް ޢަމަލުކުރުމަށް އެކި ސިފަސިފައިގައި، ތަފާތު ވައްތަރުގެ ދަތިތަކާއި އުނދަގޫތައް މެދުވެރިކުރަމުންދާނެކަމެވެ. މުސްލިމުންނަށް ނޭނގޭފަދަ ގޮތްގޮތުގައެވެ. އިސްލާމް ދީނުގެ ޙަޤީޤަތް އޮޅުވާލުމަށް ކެނޑިނޭޅި މިދީނުގެ ޢަދާވާތްތެރިން ދަނީ މަސައްކަތްކުރަމުންނެވެ. މިފަދަ ކަންކަމާއިމެދު އަޅުގަނޑުމެން އަބަދުވެސް ރަނގަޅަށް ސަމާލުވެ، ހޭއަރާ ތިބެން ދަސްކުރަންވާނެއެވެ. ޝައިޠާނާ އާއި އޭނަގެ ބައިވެރިންނާއި ވަރުގަދަ އަށް ޖިހާދުކުރަން ދަންނަ ބައެއް ކަމުގައި ވާން އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭނެއެވެ. ޝައްކެއްނެތް ގޮތުގައި މިކަންކުރެވެން އޮތީ އަޅުގަނޑުމެންގެ އިސްލާމީ އަޤީދާ ވަރުގަދަކުރެވިގެންނެވެ.

ލޮބުވެތި މުސްލިމުންނޭވެ. އިސްލާމްދީނުގެ އަޤީދާ ވަރުގަދަ ކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭނެއެވެ. އިސްލާމްދީނުގެ ކަންތައްތައް އުނގެނި ދިރާސާ ކުރާބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެއެވެ. ފުރަތަމަ ތައުހީދުގެ ޢިލްމު އުނގެނުމަށް ސަމާލުކަން ދޭށެވެ. އިސްލާމް ދީނަށް ފުރިހަމަ އަށް އެކީއެކައްޗަކަށް ވަންނާށެވެ. ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ސުންނަތަށް ފުރިހަމަ އަށް ޢަމަލުކުރާ ބަޔަކަށް ވާށެވެ. ޢާއިލީ ގުޅުންތައް ބަދަހިކުރާށެވެ. އެއްބަޔަކު އަނެއްބަޔަކަށް ހެޔޮއެދޭށެވެ. ހިތްސާފުކުރާށެވެ. ހަސަދަވެރިކަމުގެ ނުބައި ސިފައިން ދުރުހެލިވާށެވެ. މުޖުތަމަޢުގައި ފިތުނަ އުފެދޭ ފަދަ އެއްވެސް ކަމެއް ނުކުރާށެވެ. އެއްބައިވަންތަވެ، އެކުވެރިވާށެވެ. އިންސާފަށް ލޯބިކުރާށެވެ.

ލޮބުވެތި މުސްލިމުންނޭވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ވޭތުވަމުން ނުހަނު ހަލުއިކަމާއެކު އެބަދެއެވެ. ފުރަތަމަ 10 ދުވަސް ފާހިތުވެގެން މިއޮތް ދަނީއެވެ. މެދު 10 އާއި ބައްދަލުކުރަނީއެވެ. އެއަށްފަހު ބައްދަލުކުރާނީ ފަހު 10 އާއެވެ. އެއަށްފަހު އަޅުގަނޑުމެންނާއި މި ޘަވާބާއި ދަރުމައިން ފުރިފައިވާ މައްސަރު އަލްވަދާޢުކިޔާނެއެވެ. މިދުވަހާއި ހަމައަށް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ދުނިޔޭގައި ދިރިހުންނާނެ ކަމެއް ހަމަ އެކަކަށްވެސް ނޭނގެއެވެ. ވީމާ، ވިސްނާށެވެ. އިސްލާމްދީނުގެ ސީދާމަގުގައި ސާބިތުކުރެއްވުން އެދި ގިނަގިނައިން ﷲ ގެ ހަޟުރަތުގައި ދުޢާ ދަންނަވާށެވެ. ނަމާދުކުރުން ދޫނުކޮށްލާށެވެ. ޚާއްޞަކޮށް ފަތިސް ނަމާދަށް ފަރުވާކުޑަނުކުރުމަށް އަޒުމް ކަނޑައަޅާށެވެ. ކީރިތި ޤުރުއާން ކިޔެވުމާއި، ދީނީ ދަރުސްތަކާއި ޛިކުރުގެ މަޖިލީސްތަކަށް ޙާޟިރުވުމާއި، މިފަދަ ހިތްތަކަށް ހިތްހަމަޖެހުމާއި ފިނިކަން ލިބޭ، އީމާންތެރިކަން ވަރުގަދަވާ ކަންތައްތަކަށް ވަގުތުދޭށެވެ.

ފާޙިޝް ކަންތައްތަކާއި މުންކަރާތްތަކުން ދުރުހެލިވާށެވެ. ޙަރާމް މިއުޒިކް އަޑުއެހުމާއި، ފާޙިޝް މަންޒަރުތައް ބެލުމުން މަނާވެގަންނާށެވެ. ރޭޑިޔޯ އާއި ޓީ.ވީ ޗެނަލްތަކުން ފޮނުވާ ތަފާތު ޑްރާމާތަކާއި، ބޭކާރު ޕްރޮގްރާމްތަކުގެ އަވާގައި ޖެހި އަގުހުރި ވަގުތުތައް ނަގާނުލާށެވެ.
ލޮބުވެތި މުސްލިމުންނޭވެ. ރަމަޟާން މަހުގައި އެކަނި ނަމާދުތަކަށް ފަރުވާބަހައްޓާ ބަޔަކަށް ނުވާށެވެ. ރަމަޟާން މަސް ނިމި ޢީދު ނަމާދަށްފަހު، ރަސްމީކޮށް ކުރިން މިސްކިތްތަކުގެ ޖަމާޢަތަށް ހާޟިރުވަމުންދިޔަ މީހުންނާއި މިސްކިތް ޙަވާލުކޮށް މިސްކިތަށް އަލްވަދާޢުކިޔާ ބަޔަކަށް ނުވާށެވެ.
ރަމަޟާންމަހުގެ ރޯދައިގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަ ބޔަކަށް ވާށެވެ. ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވި ޙިކުމަތަކީ އަޅުތަކުން އެއްކައުވަންތަ ﷲ އަށް ތަޤުވާވެރިވުމެވެ. އަމުރުތަކަށް ކިޔަމަންވެ، ނަހީތަކުން ދުރުވެ، ﷲގެ ކޯފާއާއި ތިމާއާއި ދެމެދު ހުރަހެއް ހަދާލުމެވެ. މިކަން ޓެސްޓްކޮށްލެވޭނެ ގޮތެއް ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވަނީ ރަމަޟާންމަސް ނިމުމަށްފަހުގައިވެސް، ހެޔޮކަންތައް ކުރުންމަތީ ދެމި ހުރެވޭ ނަމަ، އެއީ އޭނާގެ ރޯދަ ﷲ ޤަބޫލު ކުރެއްވި ކަމުގެ ޢަލާމާތެއް ކަމަށެވެ. އެއާ ޚިލާފަށް އެ މައްސަރު ނިމި ދިޔުމަށްފަހު އަޅުކަމާއި ދުރަށް ދެވޭ ނަމަ އެއީ އޭނާގެ ރޯދަ ﷲ ޤަބޫލު ނުކުރައްވާ ކަމުގެ ޢަލާމާތެއް ކަމުގައެވެ. ރަމަޟާން މަހެއް ނިމިގެން ދާއިރު އެމީހެއްގެ ފާފަ ފޮހެވިގެން ނުދިޔަ މީހާ އަށް ހަލާކުހުރިކަމަށް އުޑުގެ އަމީން ޖިބްރީލްގެފާނު ބަދުދުޢާކުރެއްވުމުން، ބިމުގެ އަމީން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ވަނީ އާމީން ވިދާޅުވެފައެވެ.

މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ރަމަޟާންމަހުގެ ދަރުމަ އާއި ޘަވާބު ފުރިހަމައަށް ޙާޞިލްކުރުމުގެ ހެޔޮ ތައުފީޤް ދެއްވާށިއެވެ. ލައިލަތުލް ޤަދުރިވިލޭރޭގެ ހެޔޮކަން މިންވަރުކުރައްވާށިއެވެ. އާމީން

http://www.raajjeislam.com/index.php?page=aammu&file=3199.

No comments:

Post a Comment