އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Wednesday, September 1, 2010

އުފާވެރިކަމުގެ ކޮޅެއްވެސް ނެތެވެ.


އަޅުގަނޑަކީ މާ ދީންވެރި މީހެއް ނޫނެވެ. އަދި މާ ބޮޑު އަޅުވެރިއެއްވެސް ނުމެނޫނެވެ. އެކަމަކު، ދީންވެރިންނާއި އަޅުވެރިން ފެނުނީމާ ވަރަށް އުފާވެއެވެ. އެމީހުންގެ ތެރެއިން ވުމަށް ހިތާ ހިތުން ދުޢާކުރެވެއެވެ.

މި ރަމްޟާން މަސް ވެގެން މިދަނީ އެފަދަ ދީންވެރިންނާއި އަޅުވެރިން ފެންނަމުންދާ މައްސަރަކަށެވެ. މިހާރު އަޅުގަނޑުމެން މި އުޅެނީ ފަހު ދިހައެއްގައެވެ. އެހެންކަމުން، މިސްކިތްތަކުގައި، ރޭގަނޑު ފަހު ބައިގައި ދަމު ނަމާދު ކުރަން ފަށައިފިއެވެ. އަދި ދަމު ނަމާދުގެ ދަރުމައަށް އެދިގެން، ލައިލަތުލް ޤަދްރިއަށް އެދިގެން، ދަމު ނަމާދަށް ދާ މީހުން މަދޭ ދެންނެވޭކަށް ނެތެވެ. އެހެނީ، އެހެން އަހަރުތަކުގައި ރަމްޟާން މަހުގެ މިހިސާބަށް އަންނަ އިރު، ފުރަތަމަ ކޮޅާ އަޅާ ބަލާއިރު، ނަމާދަށް އަރާ މީހުން މާބޮޑަށްވެސް މަދުވެގެން ދެއެވެ. ނަމަވެސް، މި އަހަރު އެގޮތަށް ކޮންމެވެސް ވަރަކަށް މަދުވި ނަމަވެސް އެހާ ބޮޑަށް މަދެއްނޫނެވެ.

******************************

ޒަމާންތަކެއް ވަންދެން، "ދީނީ ޢިލްމުވެރީންގެ ދުލުގައި ތަޅު އެޅުވިފައި" ހުރި ވާހަކަ އަކީ، އަބަދުވެސް މިރާއްޖޭގައި ދެކެވޭ ވާހަކައެކެވެ. އެއީ ހަމަ ތެދެކެވެ. ހައްޤު ބަސް ބުނެފި މީހެއްގެ ނަސީބަކަށްވެގެންދަނީ ޖަލުގެ ކުޑަ ގޮޅިއެވެ. އެވެސް ބޯނަސްއެއްގެ ގޮތުގައި ތަފާތު ރަހަތަކުގެ ބޮޑެތި އަނިޔާގެ އަޒާބު ދެއްކުމަށްފަހުއެވެ. އެހެން ނަމަވެސް، ޢިލްމުވެރިންނަށް މިނިވަންކަން ލިބި، މާތް ﷲ ގެ ދީނަށް ގޮވާލަން ފުރުޞަތު ލިބުމާއިއެކު، މިވަނީ މި ދީބަށް އެކަމުގެ ހެޔޮ އަޘަރު ކުރަން ފަށާފައެވެ. ބައެއް ބޭފުޅުން ޕާޓީ ހެއްދެވިއެވެ. އަނެއްބައި ބޭފުޅުން ދީނީ ޖަމްޢިއްޔާތަށް ހެއްދެވިއެވެ. ވަކި ފަރުދުންގެ ގޮތުގައި ޙަރަކާތްތެރިވާން ލޯބި ކުރެއްވި ބޭފުޅުންވެސް އުޅުއްވިއެވެ. އެހެންކަމުން، ދީނުގެ އަޑު، މި ދީބުގެ ހުރިހާ ދާއިރާއެއްގައިވެސް ގުގުމަން ފެށިއެވެ. ވަރަށް ބާރަށެވެ. "ބީރަކަށްވެސް އަޑުއިވޭހާ" ބާރުމިނަށެވެ.

***************************

- ޢިލްމުވެރީންނާއި ދީނަށް ޚިދުމަތްކުރައްވާ އަޚުންނަށް؛
ދަންނަވާލަން އޮތީ، ތި ހުރިހާ ޢިލްމުވެރީންނަށާއި ތިބޭކަލުންގެ ފަހަތްޕުޅުގައި ތިއްބެވި ދީނަށް ޚިދުމަތް ކުރައްވާ އަޚުންނަށް، ހިތުގެ އެންމެ އަޑިން ޝުކުރާއި ތަހުނިޔާ ދަންނަވާ ވާހަކައެވެ. މާތް ﷲ ގެ ދީނަށް ތިޔަ ވެވަޑައިގަންނަވާ ޤުރުބާނީތަކުގެ ފޮނި މޭވާ މި ދީބުން ފެންނަން ފަށައިފި ވާހަކައެވެ. މީސްތަކުން ﷲ ގެ ދީނަށް ރުޖޫޢަވާން ފަށައިފި ކަމުގެ އުފާވެރި ވާހަކައެވެ. މުޞައްލީން ނުވަތަ ނަމާޒީން ގިނަ ވެއްޖެކަމުގެ ވާހަކައެވެ. މިދީބުން ދުވަހަކުވެސް ނުފެންނަ މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުއްނަތްތައް އަލާވެ ދިރި، މިދީބަށް ނެވާލާން ފަށައިފި ވާހަކަވެސް މެއެވެ. އެހެންކަމުން، ތިބޭކަލުން ކުރިޔަށް ވަޑައިގަންނަވާށެވެ. މި ދީބު ރޮނީ ތިފަދަ އަބްޠާލުންނަށެވެ. ހަޤީޤީ ޢިއްޒަތާއި ޤަދަރުވަނީ ތި ބޭކަލުންނަށެވެ. މާތް ﷲ ގެ ފަޠަޙައާއި ނަޞްރުވަނީ ތި ބޭކަލުންނަށެވެ. އެހެންކަމުން، މި ދީބު މި ހޭދަކުރާ ތާރީޚީ މަރުހަލާގައި، ތި ބޭކަލުން އިތުރަށް ހިތްވަރު އާލާކުރައްވައި، ތިބޭކަލުންގެ އަޘަރު މިދީބަށް ދޫކުރައްވާފައި ނޫނީ ވަޑައިނުގަތުމަށް އަޒުމު ކަނޑައަޅުއްވާށެވެ.

- ދަމު ނަމާދަށް ދާ އަޚުންނާއި އުޚުތުންނަށް؛
މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން އެދި ތިކުރައްވާ ހިތްވަރަށް ސާބަސް ދަންނަވަމެވެ. ތި ގޮތުގައި ޘާބިތުވެލައްވާށެވެ. ދެން އޮތީ މަދު ދުވަސްކޮޅެކެވެ. ނަމަވެސް، އެންމެ މުޙިންމުކަމެއް ދޭންވާނީ ފަރުޟު ނަމާދުތަކަށެވެ. އެއަށްވުރެ ބޮޑަށް މާތްﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު އެހެން ޢަމަލެއް ނޯންނާނެއެވެ. އެހެންކަމުން، ތިބާ ފަރުޟު ނަމާދަށް ވީހާވެސް ބޮޑަކަށް ރައްކައުތެރިވާށެވެ. ފިރިހެން ބޭކަލުން ބަލަންވާނީ، ޖަމާޢަތުގައި އެ ފަސް ނަމާދު އަދާކުރެވޭތޯއެވެ. އެހެނީ، ޝަރުޢީ އެއްވެސް އުޒުރެއްނެތި ޖަމާޢަތް ދޫކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެހެންކަމުން، ދަމު ނަމާދު ކުރުމަށްޓަކައި މިސްކިތުގެ ޖަމާޢަތަށް ގޮސް، ފަތިސް ނަމާދުގެ ޖަމާޢަތަށް ނުދެވޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެހެނީ ދަމު ނަމާދަކީ ސުންނަތެކެވެ. ފަތިސް ނަމާދުގެ ޖަމާޢަތަކީ ފިރިހެން ކަލުންގެ މައްޗަށް ވާޖިބެކެވެ. އިސްކަމަށް، އިސްކަން ދެއްވާށެވެ. އަޅުގަނޑުގެ މުރާދު އޮޅުވާނުލެއްވުން އެދެމެވެ. އެހެނީ، މި ދަންނަވަނީ ދަމު ނަމާދު ނުކުރައްވާށެކޭއެއް ނޫނެވެ. ދަމު ނަމާދުވެސް ބަރާބަރަށް ކުރިޔަށް ގެންދަވަން ވާނެއެވެ. ނަމަވެސް، ފަރުޟު ނަމާދުތަކަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާށެވެ.

ދެން، މި ރަމްޟާންމަހުގައި ތި ދައްކަވާ ހިތްވަރު، ރަމްޟާން މަސް ނިމުނީމަވެސް ދައްކަވަން އަޒުމުގައި ހުންނަވާށެވެ. އެހެނީ، އޭރުން މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމަށް އެދުމުގައި، ތިބާ ތީ ތެދުވެރިއެއްކަން ހާމަވެގެންދާނެއެވެ. އަދި ރަމަޟާންމަހުގެ ހެޔޮ އަޘަރުން ޖަރީވެ ޒީނަތްތެރިވި މީހެއްކަމުގައި ތިބާ ވެލައްވާނެއެވެ. އެއީ ޢިލްމުވެރީން ވިދާޅުވާ ގޮތުންނަމަ، ޢަލާމާތެކެވެ. ތިބާގެ ރޯދައާއި ޤިޔާމުއްލައިލް މާތް ﷲ ޤަބޫލުކުރެއްވިކަމުގެ ދުނިޔެވީ ޢަލާމާތެކެވެ.

- ޣާފިލުކަންމަތީގައި ތިބި އަޚުންނާއި އުޚުތުންނަށް؛
އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ!. ރަމްޟާން މަހުގެ އެންމެ ފަހުގެ ދުވަސްތައްވެސް މިއޮތްގެން ފަސްދީ ދަނީއެވެ. ތިބާ މި ބަރަކާތްތެރި މަހުގެ ތިންބައިކުޅަ ދެބަޔަށްވުރެވެސް ގިނަ ދުވަސް ނަގާލައިފީމުއެވެ. ދެން މި ހިނގަމުންދަނީ އެންމެ މާތް ދުވަސްވަރެވެ. ހޭ އަރާށެވެ. މި ހެޔޮކަން ފަސްދީ ދިޔަ ނުދޭށެވެ. އެހެން ނޫނީ، ޖިބްރީލުލް އަމީން ކުރެއްވި ބަދު ދުޢާ ތިބާއަށް ހައްޤުވެދާނެއެވެ. އެ ދުޢާއަށްވަނީ މި އުއްމަތުގެ މާތް ނަބިއްޔާ صلى الله عليه وسلم އާމީން ވިދާޅުވެފައެވެ. އެހެންކަމުން، ހަލާކުވެގެންދާ ބައިގަނޑުގެ ތެރޭގައި ތިބާ ނުވާށެވެ.

އޭ ޣާފިލުކަމުގެ ނިދިން ނިދާފައި ތިބި ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ!. ކުޑަ މިނުން ފަރުޟު ފަސް ނަމާދަށް ރައްކައުތެރިވެވޭތޯ ބަލާށެވެ. ތިބާގެ ރޯދަ ސަލާމަތްކުރުމުގެ ގޮތުންވެސް މެއެވެ. ޣާފިލުކަންމަތިން ހޭ އަރާށެވެ. އަދި ބަލާށެވެ. މާތް ﷲ ގެ ފުއްސެވުމާއި ރުއްސެވުމަށް، މި މަހުގައި އެހެންމީހުންވަމުންދާ ޤުރުބާނީ ނިކަން ބަލާލަބަލާށެވެ. އަދި އެއިން ޢިބްރަތްލިބި މި މަހުގެ ދެން ބާކީ އޮތް ދުވަސްކޮޅު އަތުޖެހޭތޯ މަސައްކަތް ކުރާށެވެ. އެހެންނޫނީ، ތިބާތީ އަބަދުގެ އަބަދަށް ހިތާމަ ކުރަން ޖެހޭ މީހަކަށް ވެދާނެއެވެ. ބުއްދިވެރިންނަކީ، "ވެހޭތާ ފެންނަގާ" މީހުންނެވެ.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ އަޅުގަނޑުމެންނަށް، ލައިލަތުލް ޤަދްރީގެ މަތިވެރި ޘަވާބާއި ދަރުމަ މިންވަރު ކޮށްދެއްވުމެވެ. އެއިލާހުގެ ފަޟްލަވަންތަވެރިކަމާއި ރަޙްމަތްވަންތަ ވެރިކަމުންނެވެ. އަދި މި ރަމްޟާން މަހުގައި އަޅުގަނޑުމެން މި ހިފާ ރޯދައާއި މިކުރާ ޤިޔާމް ޤަބޫލުކުރެއްވުމެވެ. ހަމަކަށަވަރުން، މާތް ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ.

ނޯޓް: މިއީ ރާއްޖެއިސްލާމް.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ


http://raajjeislam.com/index.php?page=aammu&file=3249

No comments:

Post a Comment