އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Wednesday, September 1, 2010

ދުނިޔޭގެ އެންމެ ބޮޑު ގަޑި މައްކާގެ މާތް ބިމުގައި


ިލިޔުނީ: އަލްއަޚް ޝަފީޢު ޢަބްދުﷲ


މައްކާގެ މާތް ބިމުގައި މިއަހަރު ރަމްޟާން މަސް ފެށުނު ދުވަހު، ހިނގަން ފެށި ބޮޑު ގަޑިއަކީ މިހާތަނަށް ދުނިޔެ ދެކެފައިވާ މިފަދަ އެންމެ ބޮޑު ގަޑިއެވެ. އެހެންކަމުން، މި ބޮޑު ގަޑި ވެފައިވަނީ ލަންޑަންގައި ހުރި މަޝްހޫރު އަދި މުޅި ދުނިޔެ ތަބަޢަވާ ޖީ، އެމް، ޓީ ގަޑިއަށް ގޮންޖާހަލި ގަޑިއަކަށެވެ.

މައްކާގައި މިބެހެއްޓުނު ބޮޑު ގަޑިއަށް ލިބުނު އަނެއް ޙާއްޞަކަމަކީ، ކަޢުބަތުﷲ ގެފުޅު ކުރިމަތީގައިވާ، ވަޤްފު މަލިކް ޢަބްދުލް ޢަޒީޒް ޓަވަރުގެ އެންމެ މަތީގައި ބެހެއްޓިފައިވާ ކަމެވެ. އަދި މި ޢިމާރާތަކީ އަދި މުޅިން ނުނިމި ހުރި ޢިމާރާތެކެވެ. ނަމަވެސް، މިތަނުގެ މަސައްކަތް ދަނީ ވަރަށް ބާރު ދުވެއްޔެގައި ކުރިއަށެވެ. އެހެންކަމުން، 3 ބިލިއަން އެމެރިކާ ޑޮލަރު ޙަރަދުވާ މި ޢިމާރާތް ވެގެންދާނީ، ދުނިޔޭގައި ހެދޭ ދެވަނައަށް މިފަދަ އެންމެ އުސް ޢިމާރާތަށެވެ. އެއީ 600 މީޓަރު ދިގުމިނެވެ. އަދި ދުނިޔޭގައި ހުރި އެންމެ ބޮޑު ހޮޓަލަށެވެ. ހަމައެހެންމެ، ހޯދުންތަކުން ދައްކާގޮތުން ކަޢުބާވެފައިވަނީ ދުނިޔޭގެ އެންމެ މެދަށެވެ. އެހެންކަމުން، ގިނަ ބަޔަކު އުންމީދު ކުރަމުންދަނީ މިކަންވެގެންދާނީ، ޖީ، އެމް، ޓީ ގަޑި ދޫކޮށް، މައްކާގެ ބޮޑު ގަޑިއަށް، އެންމެހާ މުސްލިމުން ތަބަޢަވާނެ ގަޑިއަކަށްވާނެ ކަމަށެވެ.

އަދި ހަމައެހެންމެ، 2008 ވަނަ އަހަރު، ދޯހާގައި ބޭއްވުނު ކޮންފަރެންސެއްގައި، މުސްލިމް ޢިލްމުވެރީންނާއި މާހިރުން ވަނީ "ސައިންޓިފިކަލީ" ގޮތުން މިކަމަށް ހެކިދައްކާ ވަކާލާތު ކޮށްފައެވެ. އެމީހުން ދެކޭގޮތުގައި ލަންޑަނުގައިވާ "ގްރީންވިޗް މީން ޓައިމް" ނުވަތަ ޖީ، އެމް، ޓީ ގަޑި ދޫކޮށް މައްކާގެ ބެހެއްޓޭ ގަޑިއަށް، މުޅި ދުނިޔެ ތަބަޢަވާން ޖެހޭނެކަމަށެވެ. ސަބަބަކީ، މައްކާއަކީ ދުނިޔޭގެ މެދުކަމަށް، ސައިންސްގެ ހޯދުންތަކުން ވަނީ ހޯދާ، އެކަން އެގޮތަށް ނިންމާފައިކަމަށްވެސް، އެބޭފުޅުން ވިދާޅުވެ ހުއްޖަދައްކަވާފައިވެއެވެ.

މައްކާގައި މި ބެހެއްޓުނު ބޮޑު ގަޑި، ޑިޒައިންކޮށް ފަރުމާކޮށްފައިވަނީ ޖަރުމަނާއި ސުވިސްގެ އިޖިނޭރުންނެވެ. މި ބޮޑު ގަޑީގެ "ޑައިމީޓަރަކީ" 43 މީޓަރެވެ. އަދި މިއީ ހަތަރުފަރާތަށްވެސް މޫނުމަތި ލާފައިވާ ގަޑިއެކެވެ. އެހެންކަމުން، ޓަވަރުގެ ވަށައިގެން، ހަތަރު ފަރާތުންވެސް މި ގަޑި ފެންނާނެއެވެ. އަދި މިއިން ކޮންމެ މޫނުމައްޗެއްގެ މަތީގައި، " ﷲ " މި އިސްމުފުޅު ފެންނަ ގޮތަށް، ވަރަށް ބޮޑަށް ޑިޒައިންކޮށް، އެތައް ހާސް ބޮކިތަކެއްގެ އެހީގައި ދިއްލޭގޮތަށް ވަނީ ހަދާފައެވެ. އެހެންކަމުން، ރޭގަނޑުގެ ވަޤުތުތަކުގައި 17 ކިލޯމީޓަރުގެ ދުރުމިނުން، އަދި ދުވާލުގެ ވަޤުތުތަކުގައި 11 ނުވަތަ 12 ކިލޯމީޓަރުގެ ދުރުމިނުން ބަލާމީހަކަށް، މިގަޑި ރަނގަޅަށް ކިޔާލެވޭނެއެވެ. ނަމަވެސް، ތިން މަސްދުވަހުގެ ޓެސްޓް ބުރުތަކެއްގެ ގޮތުގައި، ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ހިގަންފެށި، މި ބޮޑު ގަޑީގެ މުޅިން މިހާތަނަށް ނިންމާލެވިފައިވަނީ ގަޑީގެ އެއް ފަރާތުގެ މޫނު މައްޗެވެ. އެއީ ޙަރަމްފުޅާ ކުރިމަތިލާ ފަރާތްވެސް މެއެވެ.

މައްކާގެ މިޓަވަރާއި އަދި ބޮޑު ގަޑި ބެހެއްޓުމުގެ، މި މަޝްރޫޢުގެ ހުރިހާ ކަމެއް ކުރަމުން އަންނަނީ، ސަޢުދީގެ އެންމެ މަޝްހޫރު ޢިމާރާތްކުރާ ކުންފުނި ކަމަށްވާ، ސަޢުދީ ބިން ލާދިން ގުރޫޕުގެ ފަރާތުންނެވެ.


ނޯޓް: މިއީ ރާއްޖެއިސްލާމް.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ

http://raajjeislam.com/index.php?page=news_view&file=3248



No comments:

Post a Comment