އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Monday, October 18, 2010

ފިކުރީ ހަނގުރާމައިން ސަލާމަތް ވެވޭނީ ކީރިތި ޤުރުއާނާއި ކައިރިވެވުނު ވަރަކަށް: ޝައިޚް އިލްޔާސް

މީސްތަކުން އިސްލާމް ދީނާއި ދުރަށް ޖެއްސުވުމަށްޓަކައި ޔަހޫދީންނާއި ނަޞާރާ އިން ގުޅިގެން ހިންގަމުންދާ ފިކުރި ހަގުރާމައިން ސަލާމަތްވެ ތިބެވޭނީ ކީރިތި ޤުރުއާނާއި ކައިރިވެ މާތްﷲގެ ވަޙީ އަށް އަމަލުކުރެވުނު މިންވަރަކުން ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިންތިޒާމުކޮށްގެން ހުކުރު ދުވަހުގެ ރޭ (15 އޮކްޓޯބަރ 2010 ރޭ) އަލިމަސް ކާނިވަލްގައި ބޭއްވި ޖަލްސާގައި ދަރުސް ދެއްވަމުން އައްޝައިޚު އިލްޔާސް ހުސައިން ވިދާޅުވީ ޔަހޫދީންނާއި ނަޞާރާ އިން ގުޅިގެން ކުރިއަށްގެންދާ ފިކުރީ ހަނގުރާމައިގާ އެމީހުން ބޭނުންކުރަނީ ވަރަށް މަކަރުވެރި އުކުޅުތަކެއް ކަމަށާއި އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެން ރައްކާތެރިވެ ތިބުން ވަރަށް މުހިއްމު ކަމަށެވެ.

އިންސާނީ ހައްޤުތައް ކަމަށްބުނެ ފަތުރަމުންދާ ކަންކަމާއި އަންހެނުންނަށް މިނިވަންކަން ހޯދައިދިނުމުގެ ނަމުގައި ފަތުރަމުންދާ ކަންކަމަކީ މީސްތަކުން އިސްލާމް ދީނާ ދުރަށް ޖެއްސުވުމަށް ހިންގަމުންދާ ކެމްޕޭނުގެ ބައިތައް ކަމަށްވެސް އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވިއެވެ.

އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ ތުއްތު އިރުންސުރެ ދަރިން އިސްލާމް ދީނާއި ދުރަށް ޖެއްސުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަމުންގެންދާ ކަމަށާއި އެގޮތުން ތައުލީމީ ނިޒާމަށް ބަދަލުތައް ގެނެސް އިސްލާމް ދީނާ ދުރަށް ޖެއްސުވުމަށް މަގުފަހިވާފަދަ ހަރަކާތްތައް ވަރަށް ފުޅާދާއިރާއެއްގާ ހިންގަމުންގެންދާކަމަށެވެ.

މިފަދަ ހުރިހާ ކަންކަން ކުރަމުންގެންދަނީ ހަމައެކަނި އެންމެ މަޤްސަދެއް ޙާޞިލުކުރުމަށް ކަމަށާއި އެ މަޤްޞަދަކީ މުސްލިމުންގެ ދީނީ އަޤީދާ ބަލިކަށިކުރުން ކަމަށް ވެސް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވިއެވެ.

އައްޝައިޚު އިލްޔާސް ހުސައިން ވިދާޅުވީ މިއަދު މީހުން މަރަމުން ގެންދަނީ މަދިރިމަރާ އުޞޫލުން ކަމަށެވެ. އިންސާނުން މެރުމުން އެކިއެކި ހައްޤުތަކުގެ ނަމުގައި ޤާތިލު ސަލާމަތް ކުރަން މަސައްކަތްކުރެވޭކަން އެއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ ޤައުމުގައި ނުރަނގަޅު ކަންތައްތައް ޢާއްމުވަމުން ދިއުމަކީ ޢާއްމުވެގެންވާ ކޯފާ ބާވައިލައްވާނެ ކަމަށާއި ރަގަޅު ގޮތުގައި ތިބި ބަޔަކަށްވެސް އެ ކޯފާއިން ސަލާމަތް ނުވެވޭނެކަމަށެވެ. އެހެންކަމުން ނުރަނގަޅު ކަންތައްތައް ހުއްޓުވުމަކީ އެންމެންގެ ވެސް މަސްއޫލިއްޔަތެއް ކަމަށެވެ.

އައްޝައިޚް އިލްޔާސް ވިދާޅުވީ ފިކުރީ ހަނގުރާމައިގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ މިހަނގުރާމައިގެ ބައިވެރިންގެ ގޮތުގައި އަޅުގަނޑުމެންގެ ބަހުން ވާހަކަ ދައްކާ، އަޅުގަނޑުމެންގެ މީހުން ހަރަކާތްތެރިވަމުންދިއުން ކަމަށެވެ. ޓެރަރިޒަމް ނައްތާލުމާ ހަރުކަށި އަމަލުތައް ނައްތާލުމުގެ ނަމުގައި ދުނިޔޭގައި ހިންގަމުންދާ ހަނގުރާމަތަކަކީ އިސްލާމް ދީން އިތުރަށް ބަލިކަށިކުރުމަށާއި އިސްލާމް ދީނާއިމެދު މީސްތަކުންގެ ހިތްތަކުގައި ނަފުރަތު އިތުރު ކުރުވުމުގެ ބޭނުމުގައި ކުރަންދާކަންކަން ކަމަށެވެ.

އަޅުގަނޑުމެންގެ ދަރިން ބޭރަށް ކިޔަވަން ފޮނުވުމުގެ ކުރިން އެކުދިންނަށް އިސްލާމް ދީން ދަސްކޮށްދީ އިސްލާމީ ތަރުބިއްޔަތު ދިނުމަށް ގޮވާލައްވަމުން އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވީ އެކަން ނުކޮށް ދަރިން ބޭރަށް ކިޔަވަން ފޮނުވުމަކީ އަޅުގަނޑުމެންނާއި އެދަރިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށާއި އެކަމުން ސަލާމަތްވެ ތިބުމަށެވެ. .

އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ ކުރިން ޔަހޫދީންނާއި ނަޞާރާއިން ހަތިޔާރުން ކުރަމުންއައި ހަނގުރާމަތައް ހުއްޓައި ފިކުރީ ހަނގުރާމައަށް ބަދަލުކުރީ އެފަދަ ހަނގުރާމަތަކުން އެމީހުންނަށް ކާމިޔާބު ނުލިބޭނެކަން ޔަޤީންވާތީ ކަމަށެވެ.

” އެމީހުން މަރު ދެކެ ބިރު ގަންނާނެ. މަރުވާކަށް ބޭނުމެއް ނުވާނެ. މުސްލިމުންނަކީ މާތްﷲގެ މަގުގައި ޖިހާދުކޮށް ޝަހީދު ވާން ބޭނުން ބައެއް” ކަމަށެވެ.

އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ އިސްލާމީ ތައުލިމާއި ތަރުބިއްޔަތަކީ ދުނިޔަވީގޮތުން އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަން ކަމަށްބުނެ މުއްލާއިންނެވެ ކިޔައިގެން މުސްލިމުންގެ އަގުވައްޓާލަން މަސައްކަތް ކުރަނީ މުއްލާއިންނަކީ ކިހާމަތިވެރިބައެއްކަން އެމީހުންނަށް ނޭނގޭތީކަމަށާއި ވައްހާބީންނެވެ ކިޔައިގެން ވާހަތައް ދައްކަނީވެސް އެ މަޤްޞަދުގައި ކަމަށެވެ. އަލްވައްހާބު އަކީ ﷲ ގެ އޮނަސައްތަ އިސްމުފުޅުގައި ހިމެނޭ މަތިވެރި ނަންފުޅެއް ކަމަށެވެ.

މިކަންކަމުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް އަލިއަޅުވާލައްވައި އައްޝައިޚް އިލްޔާސް ހުސައިން ދެއްވި ދަރުސް އަކީ ވަރަށް އިލްމީ ދަރުސް އެއްކަމަށް ޤަބޫލުކޮށް ވަރަށް ގިނަބަޔަކު އޭނާއަށް ތައުރީފް ކުރިއެވެ. އަދި ދަރުސް ނިމުމުން ދުވަހަކުވެސް ސިޔާސީ ކަންކަމުގައި އެއްވެސް ވަރަކަށް ބައިވެރިނުވާ ބައެއް ފަރާތްތަކުން އަދާލަތު ޕާޓީގެ އިސްވެރިންނަށް ގުޅައި މި ދަރުސް އަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް އަޑުއެހުން މުހިއްމު ދަރުސްއެއްކަމަށްބުނެ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ސީޑީ ފޮނުވުމަށް އެފަރާތްތަކުން ޚަރަދުކުރަން ތައްޔާރަށް ތިބިކަން ވެސް ވަނީ ހާމަކޮށްފައެވެ.

މަޢުލޫމާތު: މިއަދު ނޫސް

No comments:

Post a Comment