އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Monday, October 11, 2010

މަދަނީ ޖަމްޢިއްޔާތަކުގެ އިއްތިހާދުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއިބެހޭ ކޮމެޓީއަށް ސިޓީއެއްފޮނުވައިފި.


މަދަނީ ޖަމްޢިއްޔާތަކުގެ އިއްތިހާދުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއިބެހޭ ކޮމެޓީއަށް ސިޓީއެއްފޮނުވައިފިއެވެ. މިސިޓީއަކީ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ގެ ނުރައްކާތެރި ތަޢްލީމީ ސިޔާސަތާއި އިދިކޮޅު ހެދުމުގެ ގޮތުން އެކަމުގެ ސަމާލުކަމަށް ގެންނަން ބޭނުންވާތީ ފޮނުވި ސިޓީއެއްކަމަށް ރާއްޖެއިސްލާމަށް ވަނީ ޚަބަރު ލިބިފައެވެ. ތިރީގައި މިވަނީ އެސިޓީއެވެ.
***********************************


127 މަދަނީ ޖަމިއްޔާ ތަކުގެ އިއްތިހާދު
މާލެ / ދިވެހި ރާއްޖެ

ރަށްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބޭހޭ ކޮމިޓީއަށް
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
އަޅުގަނޑުމެންނަކީ ދީނީ އަދި އިޖްތިމާޢީ ގޮތުން ޤައުމުގެ މުސްތަޤްބަލުގައި ފަހުން ނިކުމެދާނޭ ހައްލު ނުކުރެވޭފަދަ ބޮޑެތި ނުރައްކާތެރި މައްސަލަތައް ޙައްލު ކޮށް އެކަންކަން އިސްލާޙް ކުރުމުގެ މަތިވެރި މަޤްސަދުގައި އިއްތިހާދުވެފައިވާ މަދަނީ ޖަމިއްޔާ ތަކެކެވެ. މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާއި އިދިކޮޅަށް ފާއިތުވީ ތަނުގައި އަޅުގަނޑުމެން ވާނީ އަޑު އުފުލާފައެވެ. އަދި މިހާރު ދިވެހިރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ގެ ތަޢްލީމީ ސިޔާސަތާއި އިދިކޮޅަށް އަޑުއުފުލަމުން ދާ ބަޔަކީމެވެ. މިގޮތުން ކަމުގެ ޚުތޫރަތްތެރި ކަމާއިހުރެ މިއީ މިކަންކަމަށް ރިޢާޔަތް ނުކުރެވިއްޖެނަމަ އަޅުގަނޑުމެންގެ ލޮލަށް އަދިފެނިފައިނުވާ އަންނާންއޮތް ބޮޑު ސިންގާ ޤައުމީ ދީނީ އަދި އިޖްތިމާޢީ ނުރައްކަލަކުން ޤައުމު ސަލާމަތް ކުރުމަށްޓަކައި ކުރެވެމުންދާ ކަމެކެވެ. އަދި މިއީ ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފަށް ކުރައްވަމުން ގެންދަވާ ބޮޑު ޚިޔާނަތެއް ކަމުގައި އަޅުގަނޑުމެން ދެކޭތީ މިކަން ތިޔަ ކޮމިޓީގެ ސަމާލުކަމަށް ގެނެސް މިހާރުން މިހާރަށް ޑރ. މުސްތަފާ ލުތުފީ ވަޒީރު ކަމުން ބޭރުކޮށް ދިނުމަށް އެދި ލިޔެވޭ ސިޓީއެކެވެ. މިގޮތުން ޑރ. މުސްތަފާ ލުތުފީ މަޤާމުން އެއްކިބާ ކުރުމަށް އަޅުގަނޑުމެންގެ ހުށައަޅާ ނުޤުތާތައް ތިޔަފަރާތަށް ހުށައަޅަމެވެ.
1. ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފަށް އެޑިއުކޭޝަންގެ މަންހަޖު ބިނާކުރުން:
އެގޮތުން މަތީ ޡާނަވީގައި އިސްލާމް، ދިވެހި މި ދެމާއްދާ އިޚްތިޔާރީ ކުރުމުގެ ނުބައި ޖަރީމާ
-ޤާނޫނު އަސާސީގެ ދެވަނަ ބާބު ކަމުގައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގެ 36 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވަނީ " ތަޢްލީމީ ނިޒާމުގެ ތެރެއިން އިސްލާމްދީނަށް ބޯލަނބައި ކިޔަމަންގަތުމަށް ބާރުއެޅުމަށާއި، އިސްލާމްދީނަށް ލޯބި ޖެއްސުމަށާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމަށާއި، ޢާއްމުކޮށް އެންމެންގެ މެދުގައި ޞުލްހަމަސަލަސްކަމާއި ރަޙްމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދީ، މިކަންކަން ކުރިއެރުވުމަށް ބާރުއަޅާންވާނެއެވެ. "
ދަންނަވަމެވެ. އެއީ ދިވެހިރާއްޖޭގެ ތަޢްލީމީ ނިޒާމް އެ އަސާސްތަކެއްގެ މައްޗަށް ބިނާކުރަންޖެހޭނޭ ދިވެހި ދަސްތޫރެވެ. ވުމާއިއެކު ތަޢްލީމީ ނިޒާމުގެ ތެރެއިން މިހަމަތަކަށް ވަރަށް ފުޅާ ދާއިރާއެއްގައި ޖާގަދީ ތަންފީޒުކޮށް ޤާނޫނު އަސާސީގެ ރޫހާއި ދިވެހިންގެ ޤައުމިއްޔަތު ދެމެހެއްޓެން ޖެހޭނެއެވެ. އަދި ދަންނަވަމެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަން އަޅުގަނޑުމެން އެންމެން ހަނދާން ބަހައްޓަން ވާނެއެވެ. އަދި މިދެންނެވި އުސޫލާއި ރޫހާއި ޚިލާފަށް ތަޢްލީމީ އެއްވެސް ފަލްސަފާއެއް ބިނާވެގެން ދިއުމަކީ މުޅިޤައުމުގެ ކުރިމަގު ހަލާކުގެ ތެރެއަށް ދާނެ ކަމާއި މެދު އެއްވެސް ދިވެއްސަކު ޝައްކު ކުރާނެ ކަމެއް ނޫނެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހިވަންތަކަމަކީ އިސްލާމުންދީނުން ބޭރުކުރެވޭނެ އެއްޗެއް ނޫންކަން އަޅުގަނޑުމެންގެ 950 އަހަރުގެ ދިގު އިސްލާމީ ދިވެހި ތާރީޚް ފުދޭނެއެވެ. އަދި ތަޢްލީމަކީ ޔަހޫދީންނާއި ނަސާރާއިންގެ މަކަރުވެރި އިސްތިޢްމާރީ ރޭވުންތަކުން އެއްކިބާވެ %100 ސަލާމަތް ކުރެވިފައިވާ އެއްޗަކަށް ވުމީ އަޅުގަނޑުމެންގެ ދަރިންގެ ދަރިން އަޅުގަނޑުމެން ނެތް ދުނިޔެ އެއްގައި އިސްލާމްދީން މަތީގައި މިނިވަންކަމާއެކު ދިވެހިންގެ ގޮތުގައި ތިބުމަށް ލާޒިމުވެގެންވާ ކަމެކެވެ. އެހެން ނޫންނަމަ 16 ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގައި ފްރާންސްގެ މީހުންގެ އިސްތިޢްމާރުން އެފްރިކާގެ ބައްރުގެ މީހުން އަޅުވެތި ކުރިގޮތަށް ދިވެހިން އަޅުވެތި ވުމަކީ ކަނޑައެޅިގެން ވާނޭ ކަމެއް ކަމުގައި ތިޔަ ޢިއްޒަތްތެރި ބޭފުޅުންނަށް އިންޒާރު ކުރަމެވެ. އަދި މިއީ ވިސްނަންޖެހޭ ރިޢާޔަތް ކުރެވެން ޖެހޭ މުހިއްމު ނުޤްތާއެކެވެ.
- ޤާނޫނޫ އަސާސީގެ 67 ވަނަ މާއްދާގެ (ކ) ގައި ބުނެފައިވާ ފަދައިން " ދިވެހިދައުލަތުގެ ދީންކަމުގައި ވާ އިސްލާމްދީނާއި، ރާއްޖޭގެ ޡަޤާފަތާއި، މާދަރީ ބަހާއި، ޤައުމީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުން " ފަދައިން މިއީ ދިވެހި ޤާނޫނު އަސާސީގެ އަސާސީ ހައްޤެކެވެ. ޤާނޫނު ދެމެހެއްޓޭނީ ޤާނޫނުގެ ޙައްޤު އަދާކޮށްގެން ކަމަށްވާއިރު މިކަންކަމަކީ ވަޒީރަކު އޭނާގެ ސިޔާސަތު ބައްޓަން ކުރާއިރު ދިވެއްސެއްގެ ހައިސިއްޔަތުން ކޮންމެހެން ރިޢާޔަތް ކުރަންޖެހޭ އަދި ވަޒީރުގެ ހުވަޔާ އެއްގޮތަށް އިސްލާމް ދީން ޙިމާޔަޔް ކުރުމާއި ޤާނޫނާއި ދިވެހިންގެ އަސާސީ ޙައްޤު ހިމާޔަތް ކުރަންޖެހޭ ލާޒިމު މާއްދާއެކެވެ. ޤައުމެއްގެ ބަސް ދެމެހެއްޓޭނީ ޤައުމީ ތަޢްލީމްގެ ތެރެއިންނެވެ. އެހެންކަމުން އިސްލާމްދީނަށް ލޯބި ޖެއްސޭނޭ، ނުވަތަ ދީން ރައްކާތެރި ކުރެވޭނޭ، އަދި ޤައުމުގެ ބަސް ދެމެހެއްޓޭނޭ އަސާސީ މަގަކީ ދިވެހިންގެ ތަޢްލީމީ ތަރުބަވީ ނިޒާމު ކަމުގައި ދަންނަވަން ޖެހެއެވެ. ޚާއްސަގޮތެއްގައި ދިވެހިރާއްޖެއަކީ ދިވެހިންގެ ތަނަކަށް ވާއިރު ސަރުކާރުގެ %99 ޕަސެންޓް މުޢާމަލާތަކީ ދިވެހި ބަހުން ކުރެވޭ މުޢާމަލާތެކެވެ. އަދި ދިވެހިންގެ ގިނަ މެޖޯރިޓީއަކީ އަދިވެސް ބޭރުގެ ބިދޭސީ ބަހުން ލިޔެކިޔައި ދިވެހި ބަސްހައި ފަރިތަ ބަހެއް ދަންނަ ބަޔެއް ނޫނެވެ. ޚާއްސަގޮތެއްގައި މާލެ ފިޔަވައި ވާ އެހެންރަށްތައް ފާހަގަ ކުރަމެވެ. މިހެންވެ ދިވެހިބަސްނެތި ނުވަތަ ޤައުމީ ބަހުގެ ފެންވަރު ދަށްވެއްޖެނަމަ ސަރުކާރުގެ މުއާމަލާތްތަކާއި ދެވޭ ޚިދްމަތުގެ ފެންވަރު ދަށްވެ އަދި ޚިދްމަތް ލިބެން ޖެހޭ މީހުނަނަށް ލިބެންޖެހޭ ޚިދްމަތާއި ލިބިދެވޭ ޚިދްމަތަކީ ކޮން އެއްޗެއްކަން ދޭހަ ވުމަކީ ދަތި އުދަނގޫ ކަމެކެވެ. މީގެ އިތުރުން ޤައުމީ ބަހާއި މެދު ފަރުވާ ކުޑަކޮށްލެވިއްޖެނަމަ އަޅުގަނޑުމެންގެ ކުރީގެ ބަޔެއްކަމަށްވާ މަލިކުގައި ވެފައިވާ ފަދައިން 25 އަހަރުން ދަށުގެ ގިނަ މީހުންނަށް ދިވެހި ބަހުން ލިޔަން ކިޔަން ނޭގުމީ މި ދިވެހިރާއްޖޭގައި ނުވެ ނުދާނެ ގޮތެކެވެ. މަލިކުގެ މީހުންގެ މިހާރުގެ ބަހަކީ އިންޑިޔާގެ ހިންދީ ދީނާއި މަޅިއާލަމް ބަސް އިންތިހާއަށް މިކްސް އަސްލެއް ނެތް އެއްޗެއް ގޮތުގައި ބޭނުން ކުރެވެމުންދާ ނެތެމުންދާ ޡަޤާފަތެކެވެ. މިއީ ދިވެހިން ބޭނުންވާނެ ގޮތެއް ނޫނެވެ. ހަމަ އެގޮތަށް ފްރާންސްގެ މީހުން އެފްރިކާގެ މީހުން ގެ މައްޗަށް ގަދަވެ އެމީހުންގެ ބަސްތައް ނައްތާލާ އެހިސާބުގައި މަޣްރިބް ކަރައިގައިވެސް ފްރެންޗް ބަސް ބޭނުން ކުރާ ކަމަކީ ދުރާލާ ރޭވިގެން ބަޔެއްގެ ޙަޟާރަތާއި ބަސް ދުއްވާލާނޭ ކަމެއްކަން ފެންނަމުންދާ ދިރޭ ހެތްކެކެވެ. މިއީ ޒަމާނީ ތަޢްލީމްގެ ތެރެއިން ޒަމާނީ "ކޮންސިޕިއަރަސީ" ދަންނަ ކޮންމެ މީހަކަށްމެ އެނގޭނެ ކަންކަމެވެ. ބަހަކީ ޡަޤާފަތާއި ތާރީޚެވެ.
- އަދި ހަމަ މިފަދައިން އިސްލާމް މާއްދާއަކީ މިހާރުވެސް އުނިކޮށް ކިޔަވައިދެމުންދާ މާއްދާއެކެވެ. އެހެންވެ މި މާއްދާ ޒަމާނާ އެއްގޮތަށް ތަރައްޤީ ކުރެވެން ޖެހޭނެއެވެ.
- 26 ޖޫންގައި އިސްލާމީ މަރުކަޒުގައި ދިވެހިރާއްޖޭގެ ޤައުމީ މަންހަޖު ޢާއްމުކޮށް އިޢްލާން ކުރުމަށް ބޭއްވި ޖަލްސާގައި ދިވެހިންގެ ޤައުމީ މަންހަޖު ބައްޓަންކުރުމަށް ކޮންސަލްޓް ކުރަނީ ސްވިޑްން އާއި ދިވެހިން ކުރިން އިސްތިޢްމާރު ކުރި މަކަރުވެރި އިނގިރޭސިންނާއި ޖަރުމަނުގެ މީހުން ހިމެނޭކަމަށް މުސްތަފާ ލުތުފީ އެއްބަސްވެފައިވެއެވެ. ދަންނަވަމެވެ. އެއްވެސް ޤައުމެއްގެ ޤައުމީ މަންހަޖަކީ އެ ޤައުމެއްގެ ބަޔަކު ބޭނުންވާ ގޮތަށް ޤައުމަށް ބޭނުންވާ ދަރިން ތައްޔާރު ކުރަން ޤައުމުގެ ޙިކްމަތް ތެރިން ކަނޑައަޅާ ސިއްރު އަސާސީ ބިނާއެކެވެ. ދަރިން ތަރުބިއްޔަތު ކުރާނެ ނިޒާމެވެ. ޤައުމުގައި ރިޢާޔަތް ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަމަކީ ދިވެހިންނަށް އެކަނި އެނގޭނެ ކަންކަމެވެ. އަދި އެއީ ދިވެހިންގެ އެކަނި ހަޢްޤެކެވެ. ޚާއްސަކޮށް %100 އިސްލާމީ ޤައުމެއްގައި ޤާނޫނު އަސާސީގައި އިސްލާމް ދީން ޙިމާޔަތް ކުރުމަށް އެހާ ބާރު ދީފައި ވާއިރު އެކަމަކުން އިސްލާމް ދީން ހަލާކުވެދާނެ ފަދަ އެއްވެސް ކަމެއް ކުރުމަކީ ޤާނޫނު އަސާސީއަށް ޤާނޫން އަސާސީން ލިބިދޭ ފުރިހަމަ ޙިމާޔަތައް ޚިޔާނަތްތެރިވުމެވެ.

2. ފާހަގަ ކުރެވޭ އަނެއް ނުގުތާއަކީ ދިވެހި ސަރުކާރުން އިޒްރޭލާއި އެކު ސިއްރު އެއްބަސްވުންތަކެއް ވެފައިވާ ކަމާއި އަދި ތަޢްލީމީ ދާއިރާގައި އެއްބާރުލުންދީ ތަރައްޤީ ކުރުމަށް ޒަމާންވީ އިސްލާމުންގެ ހަތުރު އިޒްރޭލްއާއި އެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއް ވާކަމަށް ޑރޝަހީދު ފޮރިން މިނިސްޓަރު ޖަމިއްޔަތު ސަލަފާއި އެކު ވެފައިވާ ބައްދަލު ވުމުގައި ހާމަ ކޮށްފައި ވެއެވެ. އަދި އޭގެ ކޮޕީ އެޑިއުކޭޝަނުން ހޯދުމަށް މަޝްވަރާ ދީފައި ވެއެވެ. މިހެން ކަމުން އިޒްރޭލަކީ އިސްލާމީ ޤައުމުތައް މަކަރުވެރި ރޭވުންތައް އެގްރީމެންޓްގެ ސިފައިގައިކޮށް ދުރު މުސްތަޤްބަލްގައި އަޅުވެތި ކުރާބަޔެއްކަމުން މިކަމުގައި އިޒްރޭލްގެ އަތެއް ވާކަމަށް އަޅުގަނޑުމެންނަށް ތުހުމަތު ކުރެވުމާއިއެކު މިއީ އިސްލާމް ދީން ޙިމާޔަތް ކުރުމައް ޤާނޫނު އަސާސީގައި ބުނެފައިވާ ހުރިހާ ތަނަކާއި ފުށުއަރާނޭ ކަމެއްކަން ކަނޑައެޅިގެން ބަޔާންވެގެން ވުން..
ޤާނޫނު އަސާސީގެ އަސްލު މަސްދަރު ކަމުގައިވާ ޤުރުއާނާއި ސުންނަތާއި ޚިލާފް ކަމަކަށް މިކަން ވުން..އިސްލާމީ ޤައުމެއްގެ ގޮތުގައި އޮވެ އިސްލާމް ދަރިންގެ ތަރުބިއްޔަތު ޔަހޫދީން ބައްޓަން ކުރުން ނުވަތަ ބައްޓަން ކުރުމަށް ލަފާ ހޯދުމަކީ މިނިކާވަގުގެ އަގަޔަށް އަމިއްލައަށް އަތްލެއްވުން ކަމުގައި ދަންނަވަމެވެ. މިއީ އިސްލާމީ ޤައުމަކުން ވިސްނަން ޖެހޭނެ އަދި އެހެނިހެން އިސްލާމީ ޤައުމު ތަކާއި މަޝްވަރާ ކުރަން ޖެހޭނެ ކަމެއް ކަމުގައި ދަންނަވަމެވެ.
3. ތިންވަނަ ނުޤުތާއަކީ އަލް މަދަރު ސަތުލް ޢަރަބިއްޔަތުއްލް އިސްލާމިއްޔާ މަޑުމަޑުން އުވާލަން ބަޔަކު ކުރާގޮތަށް ދޭހަވާ ފަދަ ގޮތަށް ޢަމަލު ކުރުން އަދި އެކަމުގައި ދެމިހުރުން
- ސިފައިންގެ ޕްލިސް ރެކޯރޑްތަކަށް ބައްލަވާށެވެ. ދިވެހި ރާއްޖޭގައި އެންމެ ކުށްމަދު ސްކޫލަކީ އެއީ ކަމުގައި ދަންނަވަން ޖެހެއެވެ. އަދި މިއީ ފާއިތު ވިތަނުގައި ސާބިތު ވެފައިވާ ކަންކަމެވެ. އަދި އިންސާނުންނަކީ ކަންކަން ތަޖްރިބާކޮށް ސާބިތުވެފައިވާ ފައިދާ ހުރި ކަންކަން ގޮތްނޭނގޭ ނުވަތަ ކަނޑައެޅިގެން ގެއްލުން ދެނިވި ކަންކަމާއި ދުރުވާ ބަޔެކެވެ. ވަކިން ޚާއްސަކޮށް ތަޢްލީމަކީ ލަފާކޮށްފައި އޭގެ މުޤައްރަރު އެކަށައެޅޭނެ އެއްޗެއް ނޫނެވެ.
- ދާދި ފަހުން ދިވެހިރާއްޖޭގެ ނަން އިންޓަރނޭޝަނަލް މުބާރާތެއްގައި ވިދުވާލީ ޢަރަބިއްޔާގެ ދަރުވަރުގެ ޙައްޤުޤައި ޤައުމީ ފެންވަރުގައި ފާހަގަކޮށްފައި ނެތުން. އަދި އެކަމުގެ ސަބަބުން ޤައުމަށް ރީތި ނަން ހޯދައިދީ އެކަމަށް އެރޮގުން މަސައްކަތް ކުރަން ތިބި ހުރިހާ ދިވެހިންގެ ހިތްމަރުވެ ނާއުއްމީދު ވުން. އަދި މި ދަރިވަރަކީ އިއްތިފާޤުން ނަމަވެސް ޢަރަބިއްޔާގެ ކުއްޖަކަށް ވުމީ މިކަމުގައި އިތުރަށް ވިސްނަން ޖެހޭ ކަމެއްކަން
- ދިވެހި ޤާޟީންގެ ތެރޭގައި މިއަދުގެ ޒުވާނުންގެ އިތުބާރު ހުރި ޤާޟީންނަކީ އަރަބިއްޔާގައި ކިޔަވައި ބޭރުން ތަޢްލީމް ޙާސިލް ކޮށްފައިވާ ދަރިން ކަމުގައި ވުން އަދި މިއީ ޤާޒީންގެ ފެންވަރު މަތިކުރަން ނުހަނު ގިނަގުނަ ބުރަ މަސައްކަތް ތަކަކާއި ޚަރަދު ތަކެއް ކުރަމުންދާއިރު މުސްތަޤްބަލްގައި މިކަން އިތުރަށް އުނދަގޫވެ މާޒީން ޢިބްރަތް ނުލިބިގަތުމުގެ ގެއްލުމާއި ދިވެހި ޖީލު ކުރިމަތި ލާން ޖެހޭނެ ކަމުގެ ހެތްކެކެވެ.
- އަންނަ އަހަރުގެ ތަޢްލީމީ ދައުރުން ޢަރަބިއްޔާއަށް އެންމެ 30 ދަރިވަރުންނަށް ވަދެވޭ ގޮތަށް ޖާގަ ހަނިކޮށް ބެލެނިވެރިންނާއި ދަރިވަރުން ބޭނުންވާ ކިޔެވުން އިޚްތިޔާރު ކުރުމުގެ އިންސާނީ އިސްލާމީ ހައްޤު ގެއްލިފައިވުން އަދި މި ތަނަކީ މުޅި ދިވެހިރާއްޖޭގައި މި ވަގުތު ހުރި ޢަރަބި އިސްލާމީ ސްކޫލަށްވެފައި 4 ލައްކަ މީހުންގެ ތެރެއިން މުޅިއަހަރަށް އެންމެ 30 ޖާގަ ދިނުމަކީ ބުއްދި ޤަބޫލު ކުރެވޭ ކަމެއް ނޫން.
- ޢަރަބިއްޔާގެ ލެބޯޓަރީއާއި ދޭތެރޭ ފަރުވާ ކުޑަކޮށް ޚިދްމަތް ލިބޭނެ ގޮތް ހަދައިދީފައި ނެތުން

4. ކޯއެޑިއުކޭޝަންގެ މައްސަލަ:
- ކޯ އެޑިއުކޭޝަން އަކީ މިޒަމާނާއި ނުގުޅޭ އަން ސައިންޓިފިކް ކަމެއްކަން ފަހުގެ ހުރިހާ ދިރާސާތައް ވަނީ ޔޫރަޕްގެ ޤައުމު ތަކުގައި ޡާބިތުކޮށްދީފައެވެ. އަދި މިއީ މިޒަމާނުގައި ޖެނެރަލް ނޮލެޖްގެ ގޮތުގައި ވާ ޢާއްމު މަޢްލޫމާތައް ވެގެން ވާއިރު މިކަން ކަން ނޭނގި ތަޢްލީމާއި ޙަވާލުވެ ފަހުގެ ދިރާސާތަކާއި ދިމާ އިދިކޮޅު ހެދުން
- 2004 ގައި ޑަބްލިޔޫ އެޗްއޯއިން ދިވެހި ކިޔަވާ ކުދިންނާއި ބެހޭގޮތުން ކޮށްފައިވާ ދިރާސާގައި ޑްރަގް ގެ މައްސަލައަށް ވުރެ ދެ ޖިންސްގެ ދެމެދުގައި ޖިންސީ މައްލަސަތައް %50 ޕަސެންޓުން މަތީ ޢަދަދެއްގެ ކިޔަވާ ކުދިންގެ މެދުގައި ވާކަން ހާމާވެ އެކަމަށް ރިޢާޔަތް ކުރެވިފައި ނެތުން
5. ވަޒީރެއްގެ ހުވާ ކުރައްވާ ކަނޑައެޅިގެން ރައްޔިތުންނަށް ދޮގުހަދައި ހުވަޔާއި ޚިލާފްވެފައިވާކަމުގެ ޡާބިތު ހެކި ފެނި ލިބިފައިވުން.
- 18 ޖޫންގައި ޓީވީއެމްގެ 8 ގެ ޚަބަރުގައި އިސްލާމް އަދި ދިވެހި މާއްދާއަކީ އިޚްތިޔާރީ ( އޮޕްޝަނަލް ) ދެ މާއްދާގެ ގޮތުގައި ޤައުމީ ޓީވީ ( ޓީވީއެމް) އިން މުޅި ދިވެހިރާއްޖެއާއި ބޭރުގެ ފަރާތްތަކަށް މަޢްލޫމާތު ފަތުރައި އެމަހުގެ 26 ވަނަ ދުވަހުގެ ރޭގައި އިސްލާމީ މަރުކަޒުގައި ބޭއްވި ޤައުމީ މަންހަޖު ޢާއްމުކޮށް އިޢްލާން ކުރި ބައްދަކު ވުމުގައި ކުރެވުނު ސުވާލަށް 400 އަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ ކުރިމަތީގައި އިސްލާމް ދިވެހި މި ދެ މާއްދާ އިޚްތިޔާރީ ނުކުރާކަމަށް ބުނެ ކަނޑައެޅިގެން ދޮގު ހަދައިފައިވާކަން.. ( ނޯޓް) މި ސިޓީ އާއި އެކު މީގެ ވީޑިއޯ ސީޑީ ފޮނުވީމެވެ. ދިރޭ ހެކިން ބޭނުންނަމަ އެމީހުން ހާޒިރު ކުރުމަށް ތައްޔާރަށް ތިބި ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ. އަދި ދިވެހި ރާއްޖޭގެ މީޑިޔާ ތަކުން ފަސޭހަ ކަމާއިއެކު މީގެ ހެކި ފެންނަން ހުންނާނެއެވެ.
6. އެޑިއުކޭޝަންގެ މަންޖަހާއި ޚިލާފަށް އައު މުޤައްރަރު އެކުލަވާލުމުގައި ސިޔާސަތު ބައްޓަން ކުރުން
7. 2009 ގެ މަހާސިންތާގެ މަޢްލޫމާތު އޮޅުވާލާ އެ މަޢްލޫމާތު ރައްޔިތުންނަށް ސިއްރު ކުރުން
8. ޤައުމީ މަހާސިންތާގައި ހުރިހާ ބައިވެރިން އެއްބަސްވެފައިވާ އިސްލާމީ ޢަރަބި ތަޢްލީމް ފެތުރުމުގެ ބަދަލުގައި އެކަން ހަނިކޮށް ޢަރަބި ތަޢްލީމް ނައްތާލަން މަސައްކަތް ކުރުން
9. ސަރުކާރުގައި ބައިވެރިވާ ޕާޓީގެ ތެރެއިން އެބަޔަކާއި އިސްލާމިކް މިނިސްޓްރީ ޙަވާލު ކޮށްފައިވާ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ ބަޔާނުން ކަމުގެ ނުރައްކާތެރިކަން ހާމަވުން އަދި އެކަމަށް ރިޢާޔަތް ނުކުރުން
10. ޓީޗަރުންނަށް ބިރުދައްކާކަމަށް ޓީޗާސް އެސޯސިއޭޝަނުން މީޑިޔާގައި މަޢްލޫމާތު ފަތުރާފައި ވުމުން މިއީ ދިވެހި ކިޔަވާކުދިންގެ މުސްތަޤްބަލް ބަނަވާނެ ކަމެއްކަން އަދި މިއީ ވަޒީރަކު ކޮށްގެން ނުވާނެ ކަމަކަށް ވުން
11. ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ތިމަންނާއަކީ ތަޢްލީމް ކުރިއަރުވާ މީހެއްކަން ހާމަކޮށް އެޑިއުކޭޝަން ތަރައްޤީ ކުރާނަމުގައި ވާހަކަ ދައްކާފައި އަމިއްލައަށް ރައީސަށް ސިޓީލިޔެ މީޑީޔާގެ ކުރިމަތީގައި މަޤާމުން އިސްތިއުފާދީ ދައުލަތުގެ ޢިއްޒަތްތެރި މަޤާމަކާއި ކުޅިވަރުކުޅެ ދައުލަތުގެ ހައިބަތު ގެއްލުވާލާ އެއީ ރަށްޔިތުން މަޖިލީހުގެ މެންބަރުންނާއި ހެދިކަމަށް ބުނެ އަލުން ހަމަ އެ މެންބަރުން ތިބެމެ ކަންކަން ކުރީގެ ޙާލަތުގައި ހުރިގޮތައް ހުއްޓާ ވަޒީރުކަމުގެ ހުވަޔާއި ޙަވާލުވެ ހުރުން އަދި މިކަމުގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމް ވެ އަންނަން ތިބި ބަޔެއް އިންވެސްޓަރުން ބިރުގަންނަވާ ޤައުމުގެ އިޤްތިސާދަށް ލޮޅުން އަރާފައިވުން އަދި މިހާރުވެސް އަރަމުން ދިއުން.
12. މަޢްލޫމާތު ފެތުރުމުގައި ދައުލަތުގެ ފައިސާ އިސްރާފް ކޮށްފައިވާކަން ދޭހަވުން އަދި އެކި މީޑިޔާގައި އެކިފަހަރު އެކިގޮތްގޮތަށް ވާހަކަ ދައްކަވާ ހަމަ އެއްބަޔަކާއި ވަކިން ދިމާވެ ބައްދަލުވުމުން ބަސް ބަދަލު ކުރައްވާ ރައްޔިތުންގެ ހިތުގައި ސަރުކާރާއި ދޭތެރޭ އިތުރު ޝައްކުތަކެއް އުފެދުން އަދި އެކަމުގެ ސަބަބުން ޤައުމު ހަލަބޮލިވުން
13. ރާއްޖޭގެ ބަޔެއް ސިޔާސީ ޕާޓީ ތަކާއި މަދަނީ ދީނީ ޖަމިއްޔާ ތަކުން ޑރ. މުސްތަފާ ލުތުފީގެ މައްޗަށް ކޮށްފައިވާ ދަޢްވާތަކަށް ހުއްޖަތާއިއެކު އަމިއްލަ ސްޓޭންޑް ދިފާޢް ނުކުރެވި އޮތުމުން ޑރ.މުސްތަފާއަކީ އެ މަޤާމަށް ކުފޫހަމަވާ ބޭފުޅެއް ނޫންކަން ދޭހަވުން
14. މިއަދުގެ ސަރުކާރުގެ މެނިފެސްޓޯގެ 78 ވަނަ ސަފްޙާއިން ފެށިފައިވާ ބަޔާންވެފައިވާ އިސްލާމް ދީން ދެމެހެއްޓުމުގެ ސިޔާސަތުގެ އެމްޑީޕީ އިއްތިހާދަކުން ކުރުމުއްދަތު ( 1 އަހަރާއި 3 އަހަރުގައި) ގެތެރޭގައި ކުރާނެ ކަންތައްތަކުގެ ތެރެއިން ސަފްޙާ 80 ގެ 2 ވަނަ މާއްދާ ކަމުގައިވާ " ތަޢްލީމުގެ ޤައުމީ މުޤައްރަރަކީ މީހުންގެ މަޤްބޫލުކަން ލިބިފައިވާ އަސާސީ ދީނީ ތަރުބިއްޔަތު ހިމެނިފައިވާ މުޤައްރަރަކަށް ހަދާނަން " ގެ ރޫޙާއި މަޤްސަދާ ދިމާ އިދިކޮޅު ސިޔާސަތެއް ހާމަ ކުރުން
15. ދިވެހި ސަރުކާރުގެ ސްޓެރެޖިކް އެކްޝަން ޕްލޭން ނުވަތަ ޤައުމީ ތަރައްޤީގެ އޮނިގަނޑުގެ 198 ސަފްޙާއިން ފެށިފައިވާ އިސްލާމް ދެމެހެއްޓުމުގެ ސިޔާސަތާއި 3.3 ގެ ދާއިރާގެ ލަނޑުދަނޑިތަކައި މަޤްސަދު ތަކުގެ ރޫޙާއި ޚިލާފްވުމުގެ ސަބަބުން ޤައުމުގައި ފިތުނަ އުފެދުން އަދި ރައްޔިތުން ނާއުއްމީދު ވުން.
16. ހެޔޮބަދަލުގެ ތެރޭގައި ބޭރުގެ ބިދޭސީންގެ މަތީ ނިސްބަތަކީ އިސްލާމުން ނޫން މީހުންކަމުގައި ތިބިކަމާއި އެމީހުންނަކީ ބަނގުރާ ބޯ މީހުންކަން ޓްރޭޑް ގެ ލައިސަންސް ތަކުން ދޭހަވުމުގެ ސަބަބުން ބަނގުރާ ބޯ ބަޔަކު ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ އަޚްލާޤުން އެއްކިބާވާނެކަން އަދި އިސްލާމީ ޤައުމަކުން ނުވަތަ އިންޑިޔާދަފަ ޤައުމަކުން އިސްލާމް ބިދޭސީ ޓީޗަރުން ގެންނަން މަސައްކަތް ކޮށްފައި ނެތުމާއި ކްރިސްޓިއަން މިޝަނަރީން ކަމުގައި ޢާއްމުންގެ ބަޔެއް މީހުން ތުހުމަތު ކުރާ ފަރާތް ތަކާއި މެދު ހަރުކަށި ފިޔަވަޅު އެޑިއުކޭޝަނުން ނާޅުއްވާ ދަޢްވާ ނުކުރައްވާ ޤާނޫނު އަސާސީއަށް ލިބިދޭން ޖެހޭ ޙިމާޔަތް އެޑިއުކޭޝަން ދާއިރާއިން ނުދިނުން
17. ތަކުރާރުކޮށް ކްރިސްޓިއަން ދީން ފަތުރައިގެން ބޭރު ޓީޗަރުން ހިފެމުންދާއިރު އެކަމުގެ މަޢްލޫމާތު މިނިސްޓްރީން ސީދާ ގޮތެއްގައި ރައްޔިތުންނަށް ނުދިނުން އަދި އެކަށީގެން ވާ ފިޔަވަޅު ނޭޅުމާއި އޭގެ ސަބަބުން ދިވެހި ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތައް އުނިކަން ލިބުން.
18. ކްރިސްޓިއަން ދީނުގެ މަޢްލޫމާތު ބޭރު ޓީޗަރުންގެ ފަރާތުން ފޯރޮކޮށްދެވުނު ދަރިވަރުންނަށް އިސްލާމީ ރިކަވަރީގެ މަސައްކަތް މިނިސްޓްރީން ރަސްމީކޮށް ކޮށްފައި ނެތުން އަދި އެކުދިންގެ ދީނީ އަޤީދާއަށް އެކަމުގެ ސަބަބުން ގެއްލުން ވުމުގެ ފުރުސަތު ހުޅުވިފައި އޮތުން
19. ހދ ކުޅުދުއްފުށީ ސްކޫލްގެ ބޯޑާއި ބެލެނިވެރިންގެ ނިންމުމާ ޚިލާފަށް އަންހެން ކުދިންގެ ބުރުގާ ނެގުމުގެ މައްސަލައާއި މިފަދަ މުޢާމަލާތެއްގައި ޅ. ނައިފަރުގައި ބުރުގާ ނޭޅުމަށް ބޯޑުން ނިންމުމުން އެކަމާއި އެއްކޮޅުވެ ތިމާ އިސްލާމީ ޝީޢާރު ތަކާއި އިދިކޮޅުކަން ޒާތީގޮތުން ހާމަވެގެން ދިއުން އަދި ތަޢްލީމީ މަރުޙަލާގައި ހަމައެއް ލަމައެއް އުސޫލެއްނެތި ޑރ.މުސްތަފާ ހިތުހުރިގޮތަކަށް ކަންކަން ނިންމާ އެއީ ޑިމޮކްރަސީގެ ވަށާޖެހޭ ތަޢްލީމް ކަމުގައި ރަށްޔިތުންގެ ކުރިމަތީގައި ހާމަ ކުރަމުން ދިއުން
20. ސްކޫލްތަކުގައި ހަރުދަނާކޮށް ކިޔަވައި ނުދީ ކުދިންނަށް ޓިއުޝަން ދިނުމުގެ ޖީބަށް ބުރަ ޡަޤާފަތެއް ޤާއިމުކޮށް އޭގެ ސަބަބުން ބޭރު ޓީޗަރުން ސްކޫލްގައި ފަރުވާ ކުޑަކޮށް އަދި ދިވެހި ބަޖެޓުން ބޭރުފައިސާ އެގޮތުން ބޭރުވުމާއި މިހާތަނަށް މިކަމަށް ޢަމަލީ ޙައްލެއް ގެނެސްފައި ނެތުން
21. އިސްލާމީ ޢަޤީދާ ވަރުގަދަކޮށް ޤާނޫނު އަސާސީގެ ތަޢްލީމީ ދީނީ މަޤްސަދު ޙާސިލް ކުރުމުގެ ގޮތުން ފެށޭއަހަރަށް އިސްލާމް މުދައްރިސުން އުފައްދާ ތަމްރީން ކުރުމަށް އެއްވެސް މަސައްކަތެއް ފަށާފައި ނެތުން
22. ޑރ.މުސްތަފާގެ އިތުބާރު ނެތްކަމަށް މަޖިލީހުގައި ނަގަން އުޅުނު ވޯޓާއި ގުޅިގެން އަމިއްލަ ދިފާޢްގައި މިއަހަރު މަތީ ތަޢްލީމްގެ ދާއިރާއިން ސްކޯލާ ޝިޕްތަކެއް ދިވެހިދަރިންނަށް ދެއްވާފާ ވާނެކަމުގައި ހާމަކޮށް އެކިއެކި ރަށްރަށުގެ ސްކޫލްތަކުން ޓީޗަރުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލާ އެގްރީމެންޓާއި ޚިލާފުވެ ކޯސްތަކުގައި ބައިވެރިވި ކުދިންގެ ދިރިއުޅުމަށް މާއްދީ ގެއްލުން ލިބޭނޭހެން ޢަމަލުކޮށް އެކަމުގެ ޒިންމާ ނުއުފުލާ މިއަދާއި ހަމައަށްވެސް އެކަމުގެ ސާފު ޕޮލިސީއެއް ކަނޑައަޅައި ކުދިންނަށް އަންގާފައި ނުވުން. އަދި މިއީ އެކަނިވެސް މުސްތަފާ ލުތުފީ މަޤާމުން ދުރުކުރަން ޖެހޭކަމެއްކަމުގައި ދަންނަވަމެވެ. ސަބަބަކީ ސަރުކާރާއި ދިވެހި ރަށްޔިތުންނާއި މެދު ނުބައި ހީކުރުވައި ޝަރަފްވެރި މަޤާމް ތަކުގައި ތިއްބަވާ އެހެން ބޭފުޅުންގެ ޤަދަރަށް އުނިކަން އައުން
އިސްވެ ދެންނެވުނު ވަޖްހު ތަކަށް ބަލައި ޑރ.މުސްތަފާ ލުތުފީ ގެ ސަބަބުން ޤައުމުގެ ތަޢްލީމް ހަލާކުން އެއްކިބާ ކުރުމަށް އޭނާ މިހާރުން މިހާރަށް އެ މަޤާމުން ޢަޒްލު ކޮށްދިނުމަށް އެދި ހުށައެޅީމެވެ. މި ސިޓީއާއި އެކު ބަޔެއް ލިޔެކިޔުމާއި ވީޑިއޯ ހެކި ފޮނުވީމެވެ.
ނޯޓް: (އަޅުގަނޑުމެން ފޮނުވައިފާ ވާ ވީޑިއޯއަކީ އެޑިޓް ކޮށްފައިވާ ބޭނުން ތެރި މަޢްލޫމާތު ހިމެނޭ ވީޑިއޯއެކެވެ. އެޑިޓް ކުރެވިފައިވަނީ ބަލާ މީހުންގެ ވަގުތު ސަލާމަތް ކުރުމާއި އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށެވެ. ތިޔަ ފަރާތުން އެދިއްޖެނަމަ އޭގެ އަސްލު ނޮން އެޑިޓެޑް ވީޑިއޯ އަޅުނޑުމެން އަރުވާނަމެވެ. އެކަން އެދުމުން އެކަން ހަމަ ޖެހޭނެ ވާހަކަ ދަންނަވަމެވެ.)

އިހްތިރާމް ޤަބޫލް ކުރެއްވުން އެދެމެވެ.
10 އޮކްޓޯބަރު 2010-10-10


127 ޖަމިއްޔާގެ މަދަނީ އިއްތިހާދުގެ ފަރާތުން
މަދަނީ އިއްތިޙާދުގެ ރައީސް


ކޮޕީ: ރައްޔިތުންގެ މަޖިލިސް
ދިވެހިރާއްޖޭގެ މީޑިޔާތައް
ސިޔާސީ ޕާޓީތައް
މަދަނީ ޖަމިއްޔާތައް
ފިޤްހު އެކަޑަމީ
އިސްލާމިކް އެފެއާރޒް
ބެލެނިވެރިން
ސްކޫލްތައް
ރައްޔިތުންގެ މަޖިލިސްއަށް

އަޞްލު ލިޔުން ނަގާފައިވަނީ ރާއްޖެއިސްލާމް.ކޮމް އިން.
އަޞްލު ވިދާޅުވުމަށް ތިރީގައިވާ ލިންކަށް ފިއްތަވާލައްވާ

ރާއްޖެއިސްލާމް.ކޮމް


No comments:

Post a Comment